ޓްރަމްޕްގެ އަމުރެއް ތަންފީޒު ނުކޮށްފާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ޖެނެރަލަކު ދެއްވައިފި

ޖެނެރަލް ހައިޓެން

ވޮޝިންޓަން (ނޮވެމްބަރު 19) : ގައުމަކާ ދެކޮޅަށް ނިއުކްލިޔާ ހަތިޔާރު ބޭނުންކުރުމުގެ އަމުރެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ނެރުއްވުމަކީ ޓްރަމްޕްގެ މިޒާޖު ގހުންނަ ގޮތުން އެކަށީގެންވާ ކަމެއްކަމަށާ އެފަދަ އަމުރެއް ޓްރަމްޕް ނެރުއްވި ނަމަވެސް އެއަމުރު ތަންފީޒު ނުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް އެމެރިކާގެ އިސް ޖެނެރަލަކު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއުކްލިޔަރ ބާރުތަކުގެ (ސްޓްރެޓީޖިކް ބާރުތަކުގެ) ކޮމާންޑަރެއްގެ ގޮތުގައި ހުންނެވި ޖެނެރަލް ޖޯން ހައިޓެން ވިދާޅުވީ ޓްރަމްޕްގެ ފަރާތުން އެފަދަ އަމުރެއް އަތުވެއްޖެ ނަމަ އެއަމުރު ތަންފީޒު ނުކޮށް އެއީ ގާނޫނީ އަމުރެއްތޯ އަދި އެމެރިކާގެ ގައުމީ މަސްލަހަތާ ފުށުއަރާ އަމުރެއްތޯ ބަލާނެކަމަށާއި އެއީ ޣައިރު ގާނޫނީ އަމުރެއް ނަމަ އެއަމުރު ތަންފީޒު ނުކުރުމަކީ އެކަށީގެންވާ ކަމެއްކަމުގަ އެވެ.

ހައިޓެން މިމޭރުމުން ވާހަކަ ދެއްކެވީ ކެނެޑާގައި ކުރިޔަށް ދިޔަ ބައިނަލްއަގްވާމީ އަމަނަބެހޭ ފޯރަމެއްގަ އެވެ. އެމެރިކާގެ ގާނޫނު ބުނާ ގޮތުން ސިފައިންގެ ލަޝްކަރުތަކުގެ ސްޕްރީމް ކޮމާންޑަރަކީ އެމެރިކާގެ ރައީސް އެވެ. ހަނގުރާމަ އިޢްލާން ކުރުމާއި ނިއުކްލިޔާ ބާރު ބޭނުންކުރުން ފަދަ އަސްކަރީ ބޮޑެތި ކަންކަމަށް އަމުރުކުރައް ވާނީ އެމެރިކާގެ ރައީސް އެވެ. އަދި އެނޫން ވެސް އަސްކަރީ ކަންކަން ކުރާނީ ރައީސް ގެ ރުހުން ލިބިގެންނެވެ.

ނަމަވެސް ހަނގުރާމަ އިޢްލާން ކުރުމާއި ނިއުކްލިޔާ ބާރު ބޭނުންކުރުން ފަދަ އަސްކަރީ ބޮޑެތި ކަންކަމަށް ކޮންގްރެސްގެ ހުއްދަ ބޭނުންވާނެ އެވެ. ކޮންގްރެސްގެ އަމުރު ނުލިބި އެމެރިކާގެ ރައީސް އަސްކަރީ އަމުރެއް ކުރެއްވި ނަމަވެސް އެކަންތަންފީޒުކުރަން އެމެރިކާގެ ޖެނެރަލުންނަށާއި ކޮމާންޑްތަކުގެ ވެރިންނަށް ޖެހިވަޑައިގަންނަވާނެ އެވެ. އެއީ ކޮންގްރެސްގެ ހުއްދަ ލިބިގެން ކުރި އަމުރެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ ޖެނެރަލުން ކުރައްވާ ގޮތަށް އޮންނަ ކަމެއްނޫނެވެ. އެހެންކަމުން ޖެނެރަލް ޖޯން ހައިޓަން ގެ މިވާހަކަތަކަކީ އެމެރިކާގެ ޖެނެރަލެއްގެ ފަރާތުން މިހާތަނަށް އިވިފައިވާ ބާވަތުގެ ވާހަކަތަކެއް ނޫނެވެ.

އެމެރިކާގެ ނިއުކްލިޔާ ބާރުތަކުގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނެވި ޖެނެރަލް ޖޯން ހައިޓެން ވިދާޅުވީ ނިއުކްލިޔާ ހަތިޔާރާ މެދު ޓްރަމްޕް ގެންގުޅުއްވާ ވިސްނުން އެނގިވަޑައިނުގަންނަވާ ކަމަށާއި ނިއުކްލިޔާ ހަތިޔާރާމެދު ޓްރަމްޕް ގެންގުޅުއްވާ ވިސްނުން ސާފުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމުގަ އެވެ. އެމެރިކާގެ ރައީސް އަމުރުކުރެއްވި ނަމަވެސް ޣައިރު ގާނޫނީ ކަމެއް ތަންފީޒުކޮށްފި ނަމަ އެކަމުގެ ސަބަބުން އުމުރު ދުވަހަށް ޖަލުގައި ހުންނަން ޖެހިދާނެކަން ރައީސަށް ދަންނަވަން ބޭނުންވާކަމަށް ޖެނެރަލް ޖޯން ހައިޓަން ވިދާޅުވި އެވެ.

ހައިޓެންގެ މިވާހަކަތަކަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ރައްދު ދީފައެއް ނުވެ އެވެ. މިއީ ޓްރަމްޕް ޣައިރު ގާނޫނީ އަމުރެއް ކުރައްވަފާނެކަމުގެ ބިރު އެމެރިކާގެ ޖެނެރަލުން އިޙްސާސް ކުރައްވާކަން ހާމަވެގެންދިޔަ ފުރަތަމަ ފަހަރެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މެދު އެމެރިކާގެ އެތެރޭންގެ ގިނަ ބަޔަކު ދެކެނީ އެއީ އެމެރިކާފަދަ ބޮޑު ގައުމެއް ލީޑް ކުރެވޭވަރުގެ ލީޑަރޝިޕް ނެތް ބޭފުޅެއްގެ ގޮތުގަ އެވެ. އުތުރުކޮރެޔާ އަށް ހަމަލާދީ އެގައުމު ވުޖޫދުން ފުހެލަންޖެހިދާނެ ކަމުގެ ހަރުކަށި އިންޒާރު ޓްރަމްޕް ވަނީ ދެއްވާފަ އެވެ.

ނަމަވެސް އެއަށްފަހު ޓްރަމްޕް ވަނީ އުތުރުކޮރެޔާގެ ލީޑަރަށް ސުލްޙަ ހުށަހަޅުއްވައި އެމެރިކާ އެދޭ ޝަރުތުތަކެއްގެ މަތިން ވާހަކަ ދެއްކުމަށް އޭނާއަށް ފަރުދާގެ އަނެއް ފަރާތުން ދައުވަތު ދެއްވާފަ އެވެ. ނަމަވެސް ނިއުކްލިޔާ ހަތިޔާރު ދޫކޮށްލަން ބޭނުންނުވާތީއާއި އެމެރިކާއަށް އިތުބާރު ނުކުރެވޭތީ އުތުރުކޮރެޔާއިން ވަނީ ޓްރަމްޕްގެ ހުށަހެޅުމަށް އަޅާނުލައި ދޫކޮށްލާފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު