ސަލްމާން ރަސްގެފާނު އަންނަ ހަފްތާ އިސްތިއުފާ ދެއްވާނެ ކަމަށް ހަބަރުތައް ބުނެފި

ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން -- ފޮޓޯ: އޭޕީ

ލަންޑަން (ނޮވެމްބަރު 17): ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަންނަ ހަފްތާ ތެރޭ ވެރިކަމުން ފައިބައިވަޑައިގަންނަވާނެ ކަމަށް އެގައުމުގެ ޝާހީ އާއިލާއާ ގުޅުން ހުރި ފަރާތްތަކާ ހަވާލާދީ ޑެއިލީ މެއިލުން ރިޕޯޓުކޮށްފި އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަރަށް އަވަހަށް ރަސްކަމަށް އައްޔަން ކުރާނެ އެވެ.

"އަންނަ ހަފްތާ ތެރޭ މުހައްމަދު ބިން ސަލްމާން ރަސްކަމަށް އައްޔަން ކުރާނެ. އޭރުން ސަލްމާން ރަސްގެފާނު އަދާ ކުރައްވާނީ އިނގިރޭސިވިލާތުގެ ރާނީގެ ރޯލު. އަދި އެއަށް ފަހު ރަސްގެފާނު ހުންނަވާނީ ކަސްޓޯޑިއަން އޮފް ދި ހޮލީ ޝްރައިންސްގެ މަގާމުގައި އެކަނި،" ޑެއިލީ މެއިލްއަށް މައުލޫމާތޫ ދިން ފަރާތްތަކުން ބުންޏެވެ.

އެމައުލޫމާތު ހިއްސާ ކުރި ފަރާތްތަކުން އިތުރަށް ބުނި ގޮތުގައި ރަސްކަމަށް ވަޑައިގަތުމަށް ފަހު މުހައްމަދު ބިން ސަލްމާން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސަރަހައްދީ ގޮތުން ސައުދީ އަރަބިއާއާ އެންމެ ވާދަވެރި ގައުމު ކަމަށްވާ އީރާނަށެވެ. އަދި އީރާނުގެ މަދަދު ލިބޭ ހަތިޔާރު އެޅި ޖަމާއަތެއް ކަަމަށްވާ ހިޒްބުﷲ ނައްތާލުމަށް ސަލްމާން އިސްރާއީލުގެ އެހީ ހޯއްދަވާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

"މުހައްމަދު ބިން ސަލްމާން ވަނީ އިސްރާއީލުން އެކަމަށް އެއްބަސްވެއްޖެ ނަމަ އެތައް ބިލިއަން ޑޮަލަރުގެ މާލީ އެހީ ދެއްވާނެ ކަަމަށް މިހާރު ވެސް ވައުދުވެވަޑައިގެންފަ. އެއީ އިސްރާއީލުގެ އެހީއާ ނުލައި ލުބުނާނުގައި ހިޒްބުﷲއާ ކުރިމަތިނުލެވޭނެތީ. އޭގެ ދެ ވަނަ ރޭވުމަކީ ސީރިއާގައި ހިޒްބުﷲއާ ހަނގުރާމަ ކުރުން،" ޑެއިލީ މެއިލްގެ ރިޕޯޓުގައިވެ އެވެ.

ޔަމަނުން ސައުދީ އަރަބިއާގެ ރިޔާޟަށް މިމަހުގެ ހަތަރު ވަނަ ދުވަހު މިސައިލެއް ފޮނުވާލުމާ ގުޅިގެން އެ ދެ ގައުމުގެ އިތުރުން ސައުދީ އާއި އީރާނުގެ މެދުގައިވެސް ވަނީ މައްސަލަ ހޫނުވެފަ އެވެ. އެގޮތުން ސައުދީ ފޮރިން މިނިސްޓަރު އާދިލް ޖުބައިރު ވަނީ އެހަމަލާގެ ފަހަތުގައި ވަނީ އީރާނު ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ސައުދީ ވައިގެ ސިފައިން ވަނީ އެހަމަލާ ނާކާމިޔާބުކޮށްފައި ކަމުން، އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ. (ޑެއިލީމެއިލް)

comment ކޮމެންޓް