ހަރީރީ ހުންނެވީ ބަންދުކޮށްފައިކަން މިހާރު ކަށަވަރު: ލުބްނާނުގެ ރައީސް

ހަރީރީ އާއި ޢަވްނު

ބައިރޫތު (ނޮވެމްބަރު 16) : ލުބްނާނުގެ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވާފައިވާ ސައުދުލް ހަރީރީގެ މިނިވަންކަން ނިގުޅައިގަނެ ސައޫދީ ސަރުކާރުން، އޭނާ ބަންދުކޮށްފައިވާ ކަމުގެ ތުހުމަތު ލުބްނާނުން ރަސްމީ ސިފައެއްގައި ސައޫދީގެ މައްޗަށްކޮށްފި އެވެ.

ސައޫދީ ސަރުކާރުގެ މައްޗަށް މިތުހުމަތު ކުރައްވަމުން ލުބްނާނުގެ ރައީސް މިޝައިލް ޢަވްނު ވިދާޅުވީ ސައޫދީގައި ހުންނަވައިގެން ލުބްނާނުގެ ބޮޑުވަޒީރުކަމުން ހަރީރީ އިސްތިއުފާ ދެއްވީ ވެސް ސައޫދީ ސަރުކާރުގެ ފިއްތުންތަކުގެ ސަބަބުންކަން މިހާރު ކަށަވަރުވެފައިވާ ކަމަށާއި އަދި އެއަށް ފަހު ސައޫދީގައި ހަރީރީ ހުންނަވަން ޖެހިވަޑައިގެންފައި ވަނީވެސް މިނިވަންކަން ނިގުޅައިގަނެ ބަންދުކޮށްފައިކަން ކަށަވަރުވެފައިވާ ކަމުގަ އެވެ. މިއީ ލުބްނާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަރަށް އުދުވާނީ ގޮތެއްގައި ވަދެގަތުން ކަމަށާއި މިކަން ގަބޫލު ނުކުރެވޭނެ ކަމަށް އަވްނު ވިދާޅުވި އެވެ.

ހަރީރީ ދާދިފަހުން ވަނީ އޭނާގެ ޕާޓީކަމަށްވާ މުސްތަގްބަލް ޕާޓީގެ ޓީވީ އަށް ބަސްދީގަތުމެއް ސައޫދީގައި ހުންނަވައިގެން ދެއްވައިފަ އެވެ. އެ ބަސްދީގަތުމުގައި ޙަރީރީ ވަނީ ސައޫދީގައި އޭނާ ހުންނަވަނީ ބަންދުގައި ނޫންކަމާއި މިނިވަންކަމުގައި ކަމަށް ވިދާޅުވެފަ އެވެ. އަދި ދެތިން ދުވަހުގެ ތެރޭގައި އެނބުރި ލުބްނާނަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ލުބްނާން ދޫކުރައްވައި ވަޑައިގެންނެވީ އަމިއްލަ ސަލާމަތަށް ޓަކައި ކަމަށް ވިދާޅުވެ އީރާނުގެ މަދަދު ލިބޭ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް ހަރީރީ ބަހުގެ ހަރުކަށި ހަމަލާތަކެއް ވެސް ހަރީރީ ދެއްވި އެވެ. ނަމަވެސް ހަރީރީގެ ބަސްމަގު ހުރިގޮތުންނާއި އޭނާގެ ހަރަކާތްތައް ހުރިގޮތުންނާއި އޭނާގެ ފުރަގަހުން ލިޔުންތަކެއް ހިފައިގެން ހުރި ސައޫދީ މަސްއޫލުވެރިއަކު ފެނިފައިވުމާ އެކު ހަރީރީ އެގޮތަށް ވާހަކަ ދެއްކެވި މަޖްބޫރުވެގެންކަމަށް ލުބްނާނުގެ ސިޔާސީ ފަރާތްތަކުން ބުނެ އެވެ.

ހަރީރީގެ ބަސްދީގަތުމަށް ފަސް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އޭނާ އެނބުރި ގައުމަށް ވަޑައިގެންފައިނުވާތީ ހަރީރީ ހުންނެވީ ސައޫދީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި މަޖްބޫރީ ހާލަތުގައިކަން ލުބްނާނުގެ ލީޑަރުންނަށް މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ހަރީރީގެ އާއިލާއަކީ ސައޫދީ ޝާހީ އާއިލާގެ ބައެއް މެންބަރުންނާ ގުޅިގެން ބޮޑެތި ވިޔަފާރިތަކެއް ހިންގާ އާއިލާއެކެވެ. ސައޫދީ ސަރުކާރުގެ ބޮޑެތި ކޮންޓްރެކްޓްތައް ވެސް ހަރީރީގެ އާއިލާގެ ކުންފުނިތަކާ ހަވަލުކޮށްފައިވެ އެވެ. އެ ވިޔަފާރީން ހަރީރީގެ އާއިލާއަށް ބިލިޔަން ޑޮލަރުގެ އާމްދަނީ ލިބެމުންދެ އެވެ. އެހެންކަމުން ހަރީރީ އަކީ ސައޫދީ ސަރުކާރުން ފިއްތުންތައް ކުރިމަތިކުރެވޭ ހާލަތުގައި ހުންނެވި ބޭފުޅެކެވެ.

ހަރީރީގެ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށް ބެލެވޭ މައްސަލައާ އަދި އޭނާ އިސްތިއުފާ ދެއްވުމަށް ސައޫދީން ކުރިމަތިކުރި ކަމަށް ބުނެވޭ ފިއްތުންތަކާ ގުޅިގެން ސައޫދީ ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެމައްސަލާގައި ލުބްނާނުގެ ރައީސް މިޝައިލް ޢަވްނު ވިދާޅުވީ އަމިއްލަފުޅު ގައުމު ދޫކުރައްވައި ހަރީރީ ސައޫދީ އަށް ވަޑައިގެންނެވިތާ ދެހަފްތާވާން ކައިރިވެފައިވާއިރު ވެސް ސައޫދީގައި ހުންނަވަން ޖެހޭ ސަބަބު ހަރީރީ އަށް ބުނެދެވިފައި ނުވާތީ ސައޫދީން އޭނާ ބަންދުކޮށްފައި ބަހައްޓާފައި ހުރިކަން ޔަގީންވާކަމުގަ އެވެ. މިއީ ވިއެނާ ކޮންވެންޝަނާ އަދި އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ވެސް ޚިލާފު ކަމެއްކަން ރައީސް ޢަވްނު ފާހަގަ ކުރެއްވި އެވެ.

ރިޕޯޓްތައް ބުނާގޮތުން ހަރީރީ ދެކެ ސައޫދީން ރުޅިއައިސް އޭނާއަށް ފިއްތުންތައް ކުރިމަތި ކުރަމުން ގެންދަނީ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް ސައޫދީ ބޭނުންވާ ފިޔަވަޅު އެޅުމުގައި ހަރީރީ ނާކާމިޔާބު ވެފައިވާތީ އެވެ. ހަރީރީ ބޮޑުވަޒީރަކަށް ހުންނެވީ ވެސް ހިޒްބުﷲގެ ބާރު ހިނގާ ކޯލިޝަން ސަރުކާރެއްގަ އެވެ. އަނެއްކޮޅުން ހިޒްބުﷲ އަކީ އެޖަމާއަތާ ދެކޮޅަށް ފިޔަވަޅު އެޅޭވަރަށް ވުރެ އަސްކަރީ ގޮތުންނާއި ސިޔާސީގޮތުން ބާރުގަދަ ޖަމާއަތެކެވެ.

ހަރީރީ ވަނީ ލުބްނާނުގައިވާ އީރާނުގެ ނުފޫޒުގެ އަތް ބުރިކޮށްލައްވާނެ ކަމަށް ވިދާޅުވެ ކުރިން އޭނާ ދައްކަވާފައި ނުވާވަރުގެ ހަރުކަށި ވަހަކަތައް ސައޫދީގައި ހުންނަވައިގެން ދައްކަވާފަ އެވެ. ހަރީރީގެ މައްސަލާގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންވެސްވަނީ ނުސީދާ ގޮތެއްގައި ސައޫދީ އަށް ފާޑުކިޔައި ލުބްނާނުގެ ކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު