ދުނިޔޭގެ މުއްސަނދި ކަމުގެ 50 ޕަސެންޓް ހިއްސާކުރަނީ އާބާދީގެ އެއް ޕަސެންޓް މީހުން

ޖެނީވާ (ނޮވެމްބަރު 16) : ދުނިޔޭގެ ވެލްތު ނުވަތަ މުއްސަނދި ކަމުގެ 50 ޕަސެންޓް މިލްކުކޮށްފައި ވަނީ ދުނިޔޭގެ އާބާދީގެ އެއް ޕަސެންޓް މީހުން ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފި އެވެ.

ސްވިސް ބޭންކް ކޯޕަރޭޝަނުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ދުނިޔޭގައި ފުރްސަތުތައް އޮތީ މުއްސަނދިންނަށް ކަމަށާއި އެމީހުންނަކީ ނަސީބު ރަނގަނޅު ބައެއްކަމުގަ އެވެ. މި ނަސީބު ރަނގަނޅު ގްރޫޕަށް 2017 ވަނަ އަހަރު ވެސް 2.3 މިލިޔަނަރުން އިތުރުވެއްޖެ ކަމަށާއި މުއްސަނދިން މުއްސަނދިވެ ފަގީރުން ފަގީރުންވަމުން ދަނީ ކުރިޔަށްވުރެ ވެސް ބޮޑަށް ކަމުގަ އެވެ.

މުއްސަނދިންގެ ތެރޭގައި ވެސް އެކިފެންވަރުގެ މީހުން ތިބިއިރު އެމީހުންގެ މިލްކިއްޔާތުގައި 30 މިލިޔަން ޑޮލަރަށް ވުރެ ގިނައިން ހުރި މިލިޔަނަރުންގެ އަދަދު ފާއިތުވި ސަތާރަ އަހަރު ތެރޭގައި ހަތަރު ގުނައަށް އިތުރުވެފައިވާ ކަމަށާއި މިފެންވަރުގެ މުއްސަނދިން ގިނަވެފައި ވަނީ ތަރައްގީ ވަމުން އަންނަ ގައުމުތަކުންނާއި އެމެރިކާއިންނާއި ޗައިނާއިން ކަމަށް މިރިޕޯޓް ބުނެ އެވެ.

ދުނިޔޭގެ ވެލްތު ނުވަތަ މުއްސަނދި ކަމުގެ 50 ޕަސެންޓް ދުނިޔޭގެ އާބާދީގެ އެއް ޕަސެންޓް މީހުންގެ އަތުގައި އޮތްއިރު ބާކީ 50 ޕަސެންޓް އޮތީ 99 ޕަސެންޓް މީހުންގެ އަތުގަ އެވެ.

ދެހާސް އަށް ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި މާލީ މައްސަލަތަކަށް ފަހު ގިނަ ގައުމުތަކުގައި މާއަވަހަށް ފަގީރުން އިތުރަށް ފަގީރުވެ މުއްސަނދިން އިތުރަށް މުއްސަނދި ވެގެން ދިޔަކަމަށް ވެސް ސްވިސް ބޭންކްގެ ރިޕޯޓް ބުނެ އެވެ. ދުނިޔޭގެ މިލިޔަނަރުންގެ ލިސްޓަށް އިތުރުވާ ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ މުއްސަނދިންގެ ގިނަ މީހުންނަކީ ކޮރަޕްޝަނުގެ ސަބަބުން މުއްސަނދި ވެފައިވާ މީހުން ކަމަށް ޝައްކު ކުރެވޭ މީހުން ކަމަށް ވެސް މި ރިޕޯޓް ބުނެ އެވެ.

މިރިޕޯޓް ބުނާގޮތުން ފާއިތުވި ދެއަހަރު ތެރޭގައި މުއްސަނދިން އެންމެ ބޮޑަށް ގިނަވެފައިވަނީ އެމެރިކާގަ އެވެ. އެމެރިކާގެ މުއްސަނދިންގެ ވެލްތުގައި 93 ހާސް ޓްރިލިޔަން ޑޮލަރު ހުރިއިރު އެއީ މުޅި ދުނިޔޭގެ މުއްސަނދިކަމުގެ 33 ޕަސެންޓެވެ. އަދި ދުނިޔޭގެ މުއްސަދިންގެ ތެރެއިން 43 ޕަސެންޓް މީހުންނަކީ ވެސް އެމެރިކާގެ ރައްޔިތުންކަމަށް މިރިޕޯޓް ބުނެ އެވެ. (ލެކްޕްރެސިޔޯން)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު