"ގުރުއާން ކިޔެވުމުން ރޫހާނީ ހިތްހަމަޖެހުން ލިބޭ"

ފާތިމަތު ރަޝީދާ: ގުރުއާން ކިޔެވުމުގެ ދާއިރާ އާ ގުޅޭ ގޮތުން އިންޓަވިއު ދެނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކީރިތި ގުރުއާން ކިޔެވުމާއި ގުރުއާން އުނގަންނައިދިނުމުގެ ދާއިރާ އިން ހިތްވަރު ދިނުމުގެ ގައުމީ އިނާމް މިއަހަރު ލިބިވަޑައިގަތް އަލްގާރިޔާ ފާތިމަތު ރަޝީދާ ކީރިތި ގުރުއާން ކިޔެވުމަށް އެންމެ ފުރަތަމަ ޝައުގުވެރިކަން އުފެދުނީ އޭނާގެ އުމުރުން އެންމެ ނުވަ އަހަރުގަ އެވެ.

އެންމެ ކުޑައިރުން ފެށިގެން ވެސް ގުރުއާން ރީތިކޮށް ކިޔުމަށް ހިތްވަރާއެކީ މަސައްކަތްކުރެއްވި ރަޝީދާ އެންމެ ފުރަތަމަ ކިޔަވަން ފެށީ ހޮބީ އެއްގެ ގޮތަށެވެ. މާމަގެ ކައިރިން ދަރިވަރުވެ ގުރުއާނުގެ ހުންގާނުގައި ހިފައިގެން ކޮޅަށް ތެދުވި ރަޝީދާއަކީ މިއަދު ވަރަށް ވެސް ރީތިކޮށް ތަޖުވީދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކިޔަވާ ބޭކަނބަލެކެވެ.

ފާތިމަތު ރަޝީދާ: ގުރުއާނުގެ ދާއިރާ އާ ގުޅޭ ގޮތުން އިންޓަވިއު ދެނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފާތިމަތު ރަޝީދާ އެންމެ ފުރަތަމަ ތައުލީމު ހާސިލްކުރެއްވީ އުފަން ރަށް ކަމަށްވާ ހއ. ދިއްދޫ، މަދްރަސަތުލް ޣާޒީ މުހައްމަދުގަ އެވެ. އޭރު ރާއްޖޭގެ ހާލަތު ހުރި ގޮތުން ރަށު ފެންވަރުގެ އެންމެ މައްޗަށް ތައުލީމު ހާސިލްކޮށްގެން މާލެ ބަދަލުވި އެވެ. ނަސީބު ކަންދިމާކުރި ގޮތުން ރަޝިދާ މާލެ ބަދަލުވި ދުވަސްވަރަކީ އެޑިއުކޭޝަން މިނިސްޓްރީ އިން ގާރީ ކޯހެއް ފައްޓާފައި އޮތް ދުވަސްވަރެކެވެ. ލަސްނުކޮށް އެކަމަނާ އެ ކޯހުގައި ބައިވެރިވީ ގުރުއާން ކިޔެވުމުގެ ދާއިރާ އިން އިތުރަށް ކުރިއަށް ދިޔުމަށެވެ.

ޕާކިސްތާނުގެ މުދައްރިސަކު ކިޔަވައިދިން އެ ކޯހުގައި ރަޝީދާ ބައިވެރިވީ ސްކޫލަށް ދަމުންނެވެ. ނަމަވެސް ސްކޫލަށް ދިޔުމަށް ވުރެ މާބޮޑަށް އޭނާ ޝައުގުވެރިވީ ކީރިތި ގުރުއާނަށެވެ. އެހެންކަމުން ސްކޫލަށް ދިޔުމަށް އުޒުރު ދެއްކުމަށް ފަހު ބައިވެރިވީ އެ ކޯހުގަ އެވެ.

ފާތިމަތު ރަޝީދާ: ގުރުއާން ކިޔެވުމުގެ ދާއިރާ އާ ގުޅޭ ގޮތުން އިންޓަވިއު ދެނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އޭރުގައި ވެސް ސްކޫލަށް ދިޔުމުގެ ބަދަލުގައި ކުރިއަށް ދިޔުމަށް ބޭނުންވީ ގުރުއާނުގެ ދާއިރާ އިން. އެހެންވެ ސްކޫލަށް ދިޔުމަށް އުޒުރު ދެއްކުމަށް ފަހު ވެސް އެ ކޯހުގައި ބައިވެރިވީ. އޭރުވެސް، އަބަދު ވެސް ރީތިކޮށް ގުރުއާން ކިޔެވުމަށް ބޭނުންވޭ. އެހެން ކުދިން ރީތިކޮށް ކިޔަވާ ހެދީމަ ވެސް ވަރަށް ކިޔަވާ ހިއްވޭ. އެހެންވެ އެމްއީއެސްގައި ކުޑަ ދުވަސްކޮޅަކު ތައުލީމު ހާސިލްކުރުމަށް ފަހު ސްކޫލުން ކެނޑިގެން ކުލާސްތަކަށް ދާން ފެށީ،" ސަން އަށް އިންޓަވިއު ދެމުން ރަޝީދާ ވިދާޅުވިއެވެ.

ރަޝީދާ ވިދާޅުވީ 1980 ވަނަ އަހަރު އެ ކޯސް ނިންމުމަށް ފަހު އެ ކޯހުގައި ކިޔަވާދިން ޕާކިސްތާން މުދައްރިސްގެ މުއްދަތު ހަމަވެގެން ބޭރަށް ފުރުމުގެ ކުރިން ވެސް އޭނާ އަށް ވަރަށް ނަސޭހަތްލައިދިންކަމަށެވެ. ގުރުއާނުގެ ދާއިރާއިން ކުރިއަށް ދިޔުމަށް އޭނާ އަބަދު ވެސް ހިއްވަރު ދެއްވި ކަމަށް ރަޝީދާ ބުންޏެވެ. އޭނާ އެނބުރި ގައުމަށް ފުރުމުގެ ކުރިން ކުވައިތުގައި އޮތް ކުޑަކުދިންގެ ހަވީރެއްގައި ބައިވެރިވުމުގެ ފުރުސަތު އޭނާ ތަނަވަސްކޮށްދިން ކަމަށް ރަޝީދާ ވިދާޅުވި އެވެ.

ފާތިމަތު ރަޝީދާ: ގުރުއާން ކިޔެވުމުގެ ދާއިރާ އާ ގުޅޭ ގޮތުން އިންޓަވިއު ދެނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފާޠިމަތު ރަޝީދާ މެދު މަދްރަސީ ތައުލީމާއި ޘާނަވީ ތައުލީމު ހާސިލު ކުރެއްވީ މައުހަދުއް ދިރާސާތިލް އިސްލާމިއްޔާއިންނެވެ. ސްކޫލް ދައުރުގައި ވެސް ރީތި ރާގަށް ޤުރްއާން ކިޔަވައި ވިދާޅުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވި އެވެ. ގުރުއާން މުދައްރިސް ކަމުގެ ޑިޕްލޮމާ ކޯސް 1994 ވަނަ އަހަރު ފުރިހަމަކުރެއްވުމަށް ފަހު ގުރުއާން މުދައްރިސް ކަމުގެ އޮނަރސް ޑިގްރީ 2012 ވަނަ އަހަރު ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ފުރިހަމަކުރެއްވި އެވެ.

ރަޝީދާ ވިދާޅުވީ އެންމެ ހަނދާނުން ފޮހެލަން ދަތި ކާމިޔާބީ އަކީ ހިޖުރީ 15 ވަނަ ގަރުނު ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ބޭއްވި މުބާރާތުގައި ގަދަ ދިހައެއްގައި ހިމެނިގެން ދިޔަ ހަމައެކަނި އަންހެން ބޭފުޅާގެ މަގާމް ލިބުމުން ކަމަށެވެ.

ފާތިމަތު ރަޝީދާ އަޅުގަނޑުމެންގެ ތެރެއަށް އެންމެ މަޝްހޫރުވެގެން ދިޔައީ މިދިޔަ އަހަރު ޕީއެސްއެމް އިން އިންތިޒާމްކޮށްގެން ބޭއްވި 'ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރި'ގެ މުބާރާތުންނެވެ. އެ މުބާރާތުގައި އޭނާ ވަނީ ޖަޖުންގެ ޕެނަލުން ފެނިގެން ގޮއްސަ އެވެ.

'އަލި ގަދަ ތަރި' މުބާރާތުގައި ޖަޖުންގެ ޕެނަލުން ފުރުސަތު ލިބުނީ ކިހިނެއްތޯ 'ސަން' އިން ސުވާލުކުރުމުން ރަޝީދާ ވިދާޅުވީ އެ ފުރުސަތު އޭނާ އަށް ދެއްވީ އިސްލާމިކް ޔުނިވާސިޓީގެ މިހާރުގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ކަމަށެވެ.

ފާތިމަތު ރަޝީދާ: ގުރުއާން ކިޔެވުމުގެ ދާއިރާ އާ ގުޅޭ ގޮތުން އިންޓަވިއު ދެނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އެ މުބާރާތުން އަޅުގަނޑަށް ވަރަށް ބޮޑު ތަޖުރިބާ އެއް ލިބުނު. ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަ. އެ މުބާރާތުގެ ސަބަބުން މި ދާއިރާއިން ކުރިއަށް ދިޔުމަށް އިތުރު ހިއްވަރެއް ލިބިގެން ދިޔަ. އަދިވެސް ފުރުސަތެއް ލިބިއްޖިއްޔާ އެކަން ކުރާނަން. ވަރަށް ކުރާ ހިތުން ކުރާ ކަމެއް މިއީ. ގުރުއާން ކިޔެވުމުން ލިބެނީ ރޫހީ ހިތްހަމަޖެހުމެއް. ކޮންމެ ވަގުތަކު ވެސް ކޮންމެ ކަމެއް ދިމާވި ނަމަވެސް ކިޔަވާލުމުން ހިތަށް ފިނިކަން ލިބޭ. ނުތަނަވަސް ވެފައި ހުއްޓަސް ވެސް ގުރުއާން ކިޔަވާލުމުން ވަރަށް ހިތްހަމަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ރަޝީދާ ވިދާޅުވީ ޕްރައިމަރީ ސްކޫލް ޓީޗަރަކަށް މަސައްކަތް ކުރެއްވި އިރު ގިނަ އަދަދެއްގެ ދަރިވަރުން ތަމްރީންކޮށް މުބާރާތުގައި އެ ކުދިން ބައިވެރިކޮށްފައި ހުންނާނެ ކަމަށާއި އަދި އެ ދަރިވަރުން ވަރަށް ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދައިފައިވާ ކަމަށެވެ. މިހާރު ރަޝީދާ އަކީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އިން ގިރާއަތުގެ ދާއިރާ އިން މާސްޓާސް ފުރިހަމަކުރަމުންދާ ބޭކަނބަލެކެވެ.

މި ދާއިރާ އިން ކުރިއަށް ދިޔުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ ކުރީގައި ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ އަންހެނަކަށް ވުމުން ކަމަށެވެ. އެކަމުގެ ސަބަބުން އޭރު ލިބުނު ގިނަ ފުރުސަތުތަކެއް ގެއްލުނު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާރު އެކަމުގެ ސަބަބުން ދަތިކަމެއް ކުރިމަތިނުވާ ކަމަށާއި މިހާރު އެއްވެސް ކަހަލަ ގޮންޖެހުމެއް މިދާއިރާ އިން ކުރިއަށް ދިޔުމަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މުސްތަގްބަލްގައި ގަސްތު ކުރަނީ ޕީއެޗްޑީ އާ ހަމައަށް ކިޔެވުން. އިރާދަކުރެއްވިއްޔާ އަވަސް މުސްތަގްބަލެއްގައި ޕީއެޗްޑީ ހެދުމަށް ކޮންމެވެސް ގައުމަކަށް ދާނަން." އޭނާ ވިދާޅުވި އެވެ.

ރަޝީދާ ސަރުކާރުގެ ހިދުމަތް ފައްޓަވާފައި ވަނީ 29 މާޗް 1993 ގައެވެ. އެހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް މެދުނުކެނޑި އޭނާ ގެންދަވަނީ މި ދާއިރާގައި ހިދުމަތް ކުރައްވަމުންނެވެ. ފުރަތަމަ އަދާކުރެއްވީ ކަލާފާނު ސްކޫލްގެ އެސިސްޓެންޓް ޓީޗަރެއްގެ ވަޒީފާއެވެ. އޭގެފަހުން އެ ސްކޫލްގެ މުދައްރިސްކަމާއި ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާގެ ސެކަންޑްރީ ޓީޗަރުކަން ކުރައްވާފައިވެ އެވެ.

ފާތިމަތު ރަޝީދާ: ގުރުއާނުގެ ދާއިރާ އާ ގުޅޭ ގޮތުން އިންޓަވިއު ދެނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގުރުއާން ކިޔެވުމުގެ ދާއިރާ އިން ކުރިއަށް ދިޔުމަށް ބޭނުންވާ ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ ހިއްވަރާ އެކީ ކަންތައްތަކާ ކުރިމަތިލައިގެން ކުރިއަށް ދިއުމަށް ގަދައަޅައި މަސައްކަތް ކުރުމުން ކޮންމެ ކަމެއްވެސް ކާމިޔާބުވާނެ ކަމަށެވެ.

"މި ދާއިރާ އަކީ ވަރަށް ބޮޑު ކުރިމަގެއް އޮތް ދާއިރާ އެއް. މުސްލިމުންނަށް ވީތީ ކޮންމެހެން ކުރަން ޖެހޭ ކަމެއް އެއީ ގުރުއާން ކިޔެވުން. އަމިއްލަ މަސައްކަތުން ވެސް ކިޔަވަން ދަސްކުރަންޖެހޭނެ. ވަޒީފާ އަކަށް ނޫނީ ކުދިންނަށް ކިޔަވައިދޭން ނިކުތަސް އާމްދަނީއެއް ހޯދުމަށް ވެސް މި މަސައްކަތަކީ ކުރުން ވަރަށް ރަނގަޅު މަސައްކަތެއް،" ރަޝީދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުރުއާން ކިޔެވުމުގެ ދާއިރާ އިން އޭނާ އަށް ކުޑަ ނަމަވެސް އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

ހަމަގައިމު ވެސް މިއީ ރާއްޖޭގެ ގުރުއާނުގެ ދާއިރާގެ ދަށުން ހޮވާލެވޭ ފަހުރުވެރި ފިސާރި އަންހެން ކަނބަލެކެވެ.

comment ކޮމެންޓް