ދިއްލީގައި ވައި ނުސާފުވުމުން، ހެލިކޮޕްޓަރުން ފެންޖަހަން ކުރި މަސަައްކަތް ފޭލިވެއްޖެ

އިންޑިއާގެ ދިއްލީގައި ވައި ނުސާފުވެފައި -- ފޮޓޯ: ރޮއިޓާސް

ދިއްލީ (ނޮވެމްބަރު 15): އިންޑިއާގެ ނިއު ދިއްލީގައި ވައި ނުސާފުވެފައިވާ މައްސަލަ ހައްލު ކުރުމަށް ޓަކައި ހެލިކޮޕްޓަރު ބޭނުންކުރަން ދިއްލީގެ ސަރުކާރުން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ އެވެ.

ދިއްލީގެ އޮފިޝަލުން މަސައްކަތް ކުރީ ހެލިކޮޕްޓަރު ބޭނުންކޮށްގެން އެސިޓީގެ މަތިން ފެން ޖަހައިގެން ވައި ސާފު ކުރާށެވެ. ނަމަވެސް ވައި ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ކުޑަވެ، އެކަމަށް ހާއްސަ ކުރި ހެލިކޮޕްޓަރުތައް ބޭނުން ނުކުރެވިފައިވާ ކަމަށް ދައުލަތުގެ ހެލިކޮޕްޓަރު ކުންފުނި ޕަވަން ހާންސް އިން ބުންޏެވެ.

މިދިޔަ ހަފްތާ ތެރޭގައި ދިއްލީގެ ވައި ތަޣައްޔަރުވެފައިވާ މިންވަރު ވަނީ އާއްމުކޮށް ހުންނަން ޖެހޭ މިންވަރަށް ވުރެ 30 ގުނަ އިތުރުވެފައި ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުންޏެވެ. އަދި އޭގެ ސަބަބުން އެސިޓީގެ ހޮސްޕިޓަލްތަކުން ވަނީ ސިއްހީ ގޮތުން ކުއްލި ހާލަތަކަށް ގޮސްފައިވާ ކަމަށް ބުނެފަ އެވެ.

ދިއްލީގައި ވައި ސާފު ކުރުމަށް ޓަކައި ހެލިކޮޕްޓަރު ބޭނުން ކުރަން އެސިޓީގެ އޮފިޝަލުން ނިންމި ނިންމުމަށް ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ކަމާ ބެހޭ މާހިރުން ވަނީ އެއީ ވައި ސާފު ކުރުމަށް ޓަކައި ދުނިޔޭގެ އެއްވެސް ގައުމަކުން އަމަލު ކުރާ ގޮތެއް ނޫން ކަމަށާއި، 1،500 ސްކޮޔާ ކިލޯ މީޓަރުގެ ސިޓީއަކަށް ފެން ޖެހުމަކީ ހަމަނުޖެހޭ ހިޔާލެއް ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އެފަރާތްތަކުން ވަނީ ހެލިކޮޕްޓަރުން ޖަހާ ފެން ވަރަށް އަވަހަށް ހިކޭނެ ކަމަށާއި އެހެންކަމުން މައްސަލަ އެއްވެސް ވަރަކަށް ހައްލު ނުވާނެ ކަމަށް ބުނެފަ އެވެ. އަދި ދިއްލީގެ ގާނޫނު ހަދާ މަޖިލިސް ފަދަ ސަރުކާރުގެ އިމާރާތްތައް ހުންނަ ގިނަ ސަރަހައްދުތަކަކީ މަތިންދާބޯޓު އުދުހުން މަނާ ސަރަހައްދުތައް ކަމަށް ފާހަގަކޮށްފަ އެވެ. (ޓެލެގްރާފް)

comment ކޮމެންޓް