ކުރީގެ ފަސް ރުފިޔާގެ ނޫޓު ބޭނުން ކުރެވޭނީ މިއަހަރުގެ ނިޔަަލަށް

ކަރުދާސް ފަސް ރުފިޔާ: ކަރުދާސް ފަސްރުފިޔާ ބޭނުން ކުރެވޭނީ މިއަހަރުގެ ނިޔަލަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަސްރުފިޔާގެ ކަރުދާސް ނޫޓު ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުން ކުރެވޭނީ މިއަހަރުގެ ނިޔަލަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ ވިޔަފާރި މުއާމަލާތްތަކުގައި ފަސް ރުފިޔާގެ ކަރުދާސް ނޫޓު މި އަހަރުގެ ނިޔަލަށް ބޭނުންކުރެވުނަސް 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ނޫޓުތަކަށް އެ ބޭންކުން ބަދަލުދޭނެ ކަމަށެވެ.

ރަންދިހަ ފަހެއް ސީރީޒްގައި ހިމެނޭ ފަސްރުފިޔާ -- ފޮޓޯ: އެމްއެމްއޭ

ފަސްރުފިޔާގެ ޕޮލިމާ ނޫޓް ބޭނުން ކުރަންފަށާފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް "ރަންދިހަ ފަހެއް" ގެ ނަމުގައި އާ ނޫޓް ސީރީޒެއް ވަނީ ތައާރަފްކޮށްފައެވެ. މި ނޫޓް ސީރީޒްގައި ހިމެނެނީ 100 ރުފިޔާ، 500 ރުފިޔާ، 100 ރުފިޔާ، 50 ރުފިޔާ، 20 ރުފިޔާ، 10 ރުފިޔާ އަދި ފަސް ރުފިޔާގެ ނޫޓެވެ.

"ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ ނޫޓުތައް ފުރަތަމަ ނެރުނު އިރު ފަސް ރުފިޔާ ނެރުމަށް ހަމަޖެއްސީ ދަގަނޑު ފައިސާ ފޮއްޗެއްގެ ގޮތުގައެވެ. ނަމަވެސް ފަހުން އެމްއެމްއޭ އިން ނިންމީ ފަސް ރުފިޔާގެ ޕޮލިމާ ނޫޓެއް ނެރުމަށެވެ.

އެމްއެމްއޭ އިން ވަނީ ރާއްޖޭގައި ބޭނުން ކުރަމުން އައި ދެ ރުފިޔާގެ ފައިސާ ފޮއްޗަށްވެސް ބަދަލުގެނެސް އަލުން ނެރެފައެވެ.

comment ކޮމެންޓް