ބުރިޖްގެ 67 ޕަސެންޓް މަސައްކަތް ނިމިއްޖެ

ނޮވެމްބަރު 14، 2017: މާލެ-ހުޅުމާލެ ބުރިޖްގެ މަސައްކަތް ނޫސްވެރިންނަށް ދައްކާލުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މާލެ އާއި ހުޅުލެ ގުޅުވައިދޭ "ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބުރިޖް"ގެ މަސައްކަތުގެ 67 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރިއަށްގެންދާ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކުންފުނިން ބުނެފި އެވެ.

މިއަދު ނޫސްވެރިންނަށް ބުރިޖް ދައްކާލުމަށް ހައުސިން މިނިސްޓްރީން ރޭވި ހަރަކާތް މޫސުން ތަން ނުދިނުމުގެ ސަބަބުން އެއްކޮށް ދެއްކޭ ގޮތެއް ނުވި އެވެ. ދެއްކުނީ ބައެކެވެ.

ނަމަވެސް ބުރިޖް އިމާރާތް ކުރަމުންދާ ކުންފުނީގެ މީޓީންގް ރޫމްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ސީސީސީސީ ސެކަންޑް ހާބާ އިޖންޖިނިއަރިން ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ލިން ވިދާޅުވީ ބުރިޖްގެ މަސައްކަތް ދަނީ ވަރަށް ހަލުވިކަމާ އެކު ކުރިއަށް ކަމަށާއި މަސައްކަތުގެ 67 ޕަސެންޓް މަސައްކަތް ނިމުނު އިރު މާބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ވެސް ނިންމަން އޮތް ތާރީހަށް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ލިން ވިދާޅުވީ ރައްޔިތުން ޔަގީން ކުރަންވީ ކަމަކީ ބުރިޖްގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ދަނީ ވަރަށް ފުރިހަމައަށް ކަަމަށާއި ހުރިހާ ކަމެއް ވެސް ހުރީ "އަންޑަ ކޮންޓްރޯލްގައި" ކަމަށެވެ.

ނޮވެމްބަރު 14، 2017: މަލެ-ހުޅުމާލެ ބްރިޖްގެ މަސައްކަތް ނޫސްވެރިންނަށް ދައްކާލުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ އަސްލު ބުރިޖްގެ ތަނބުތަކުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ކުރިއަށްދަނީ ޝެޑިއުލާއި އެއްގޮތަށް ކަމަށާއި އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށެވެ. އޭގެ އިތުރުން ޗައިނާގައި ހަދަމުންދާ ބުރިޖްގެ ބައިތައް މާލެ ގެނައުން ލަސްވުމަކީ ބުރިޖްގެ ޝެޑިއުލަށް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށެވެ.

ނޮވެމްބަރު 14، 2017: މަލެ-ހުޅުމާލެ ބުރިޖްގެ މަސައްކަތް ނޫސްވެރިންނަށް ދައްކާލުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްއެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުވާއިރު ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމައިފަ އެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދެނީ ލޯނު އެހީގެ ގޮތުގައި އެވެ. މި ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް