ކެޔޮފަތް އޮޅައިގެން ފަތްކެޔޮ އެތެރެ ކުރުމަކީ މަނާކަމެއް: މިނިސްޓްރީ

މޭ 27، 2017: ރޯދަ އާއެކު ފިހާޜަތަކަށް ބާރުބޮޑުވެ، މަގުތައް ތޮއްޖެހުން: ލޯކަަލް މާރުކޭޓުގައި މީހަކު ދޮންކެޔޮ ކަނޑަނީ، ދޮންކެޔޮވެސް ވަނީ އަގު ބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އަށް ފަތްކެޔޮ އެތެރެކުރާ ފަރާތްތަކުން ފައިޓޯސެނިޓަރީ މިންގަނޑުތަކަށް ބެލުމެއް ނެތި ރާއްޖެ އަށް ފަތްކެޔޮ އެތެރެކުރާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގައި ހެދޭ ބައެއް ފަތްކޭލުގެ ބާވަތްތަކަށް ނުރައްކާތެރި ބަލި ޖެހުމުގެ ފުރުޞަތު ބޮޑުވަމުންދާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ފަތްކެޔޮގަނޑު ބަންދުކުރަން ބޭނުންކުރާ ޕެކިންއެއްގެ ގޮތުގައި ކެޔޮގަނޑުގެ ބޭރުގައި، ގިނަ އަދަދަކަށް ކެޔޮފަތް އޮޅައިގެން ފަތްކެޔި އެތެރެކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެ ގޮތަށް އެކަންކުރުމުން، ފަތާއި ދަޅިފަދަ ތަކެއްޗާ އެކު ފަތްކޭލަށް ޖެހޭ ނުރައްކާތެރި ބަލިތައް ދިވެހިރާއްޖެއަށް އެތެރެވެ، އެބަލިތައް ރާއްޖޭގެ ފަތްކެޔޮގަސްތަކަށް ފެތުރި، ފަތްކެޔޮ ހައްދާ ފަރާތްތަކަށް ބޮޑެތި ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މިދުވަސްކޮޅަކީ، ފަތްކޭލަށް ޖެހޭ ނުރައްކާތެރި ބަލިތައް ދުނިޔޭގައި ފެތުރެމުންދާ ދުވަސްވަރަކަށް ވުމުން އެއް ގައުމުން އަނެއް ގައުމަށް ފަތްކެޔޮ އެތެރެކުރުމުގައި ސަމާލުވުމަށް ދުނިޔޭގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާއާއި (އެފްއޭއޯ) އަދި ފަތްކޭލުގެ ދިރާސާކުރާ ޖަމިއްޔާތަކުން ވެސް ވަނީ އިލްތިމާސްކޮށްފައި ކަމަށެވެ.

comment ކޮމެންޓް