ޔޫއޭއީ، ސައުދީ އަދި ކުވޭތުގެ ރައްޔިތުން ލުބްނާނުން ފޭބުމަށް ގޮވާލައިފި

ސަލްމާން ރަސްގެފާނާ ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު ސާދް އަލް ހަރީރީ ބައްދަލުކުރައްވަނީ--ފޮޓޯ: ރޮއިޓާސް

ޔޫއޭއީއާއި ސައުދީގެ އިތުރުން ކުވޭތުގެ ރައްޔިތުން ލުބްނާނަށް ދަތުރު ނުކުރުމަށާއި އަދި ލުބްނާނުގައި ތިބި އެގައުމުތަކުގެ ރައްޔިތުން ވަގުތުން އަނބުރާ ގައުމަށް އައުމަށް ގޮވައިލައިފިއެވެ.

ސައުދީއާ ވަރަށް ގާތް ގުޅުމެއް އޮންނަ ބަހްރެއިން އިންވެސް އާދިއްތަ ދުވަހު ވަނީ ލުބްނާނުގައި ތިބި އެގައުމުގެ ރައްޔިތުން ވަގުތުން ފޭބުމަށް ގޮވައިލައިފައެވެ.

ސައުދީއާ ލުބްނާނުގެ މައްސަލަ ހޫނުވެފައިވާއިރު ސައުދީގެ ރައްޔިތުކަން އޮންނަ ލުބްނާނުގެ ބޮޑުވަޒީރު ސާދް އަލް ހަރިީރީ ދާދި ފަހުން ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުުރުފުޅަށްފަހު ވަނީ އިސްތިއުފާ ދެއްވައިފައެވެ. ސައުދީން ވަނީ ލުބްނާނުން އެގައުމާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައިވާކަމަށް ވެސް ތުހުމަތުކޮށްފައެވެ.

ހަރީރީ އިސްތިއުފާ ދެއްވީ އެމަނިކުފާނު އަވަހާރަކޮށްލަން ރާވަމުންދާ ކަމަށާއި އަދި ލުބްނާނުގައި އެއްވެސް ރައްކާތެރި ކަމެއް ނެތް ކަމަށް ބުނެއެވެ. އިސްތިއުފާ ދެއްވަމުން ހަރީރީ ވަނީ އިރާނަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާތަކެއް ދީފައެވެ.

ހަރީރީގެ ބައްފަ ރަފީގް އަލް ހަރީރީ ވެސް ވަނީ މީގެ ކުރިން އަވަހާރަކޮށްލައިފައެވެ.

އިސްތިއުފާއަށް ފަހު ހަރީރީގެ ހަބަރެއް ނުވާއިރު ބައެއް މީޑިއާތަކުން ބުނީ ހަރީރީ ހުންނެވީ ގޭބަންދުގައި ކަމަށެވެ. ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ބުނީ ހަރީރީ އިސްތިއުފާ ދެއްވީ ސައުދީން މަޖުބޫރުކޮށްގެން ކަމަށެވެ.

ހަރީރީ އިސްތިއުފާ ދެއްވިކަމުގައި ވިޔަސް މިހާތަނަށްވެސް އިސްތިއުފާ ދެއްވިކަމުގެ ރަސްމީ ލިޔުން ހުށަހަޅައިފައި ނުވާކަމަށް ލުބްނާނުގެ ސަރުކާރުން ބުނެއެވެ. އެހެންކަމުން އަދިވެސް ލުބްނާނުގެ ބޮޑުވަޒީރަކީ ހަރީރީ ކަމަށް ލުބްނާނުގެ ސަރުކާރުން ދެކެއެވެ.

comment ކޮމެންޓް