އެމެރިކާ ސައިޒުވެ ޗައިނާގެ ބާރުގަދަވެ ބައިނަލްއަގްވާމީ އާ ނިޒާމެއް އުފަންވަނީ!

މެދުއިރުމައްޗަކީ މިހާރު އިތުރު ހަނގުރާމައެއް ތަހައްމަލް ނުކުރެވޭނެ ތަނެއްނޫނެވެ. އީރާނާ ނުވަތަ ހިޒްބުﷲއާ ދެކޮޅަށް އެމެރިކާ ހަނގުރާމައިގެ ބެރު ޖެހިނަމަވެސް އީރާނާ ނުވަތަ ލުބްނާނުގެ ހިޒްބުﷲ އާ ދެކޮޅަށް ހަނގުރާމައެއް ފެށުމަކީ އެމެރިކާއަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.

އެއަށްވުރެ އެމެރިކާ މެދުއިރުމަތީގައި މިހާރު މާ ބަލިކަށްޓެވެ. އަދި ދުނިޔޭގައިވެސް އެމެރިކާއަށް އެފުރުސަތެއް މިހާރަކު ނެތެވެ. ރަޝިޔާގެ އަސްކަރީ ބާރާއި ޗައިނާގެ އިގްތިސާދީ ބާރުގެ ސަބަބުން އެމެރިކާއަށް މިވަނީ ސައިޒުވާންޖެހިފައެވެ. އަނެއްކޮޅުން އެމެރިކާގެ އެތެރޭގައިވެސް ބަޑިޖަހައި މީހުން މެރުމާއި ނަސްލީ ތަފާތުތަކާއި ހަމަނުޖެހުންތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

އެމެރިކާއާއި އިސްރާއީލާ އަދި ސައޫދީ އަރަބިޔާއިން އީރާނަށާއި ހިޒްބުﷲއަށް ދެމުން ގެންދާ ހަނގުރާމައިގެ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ މިތުރެއް ކަމަށްވާ މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ދާދިފަހުން ވިދާޅުވެފައިވަނީ އީރާނާ ދެކޮޅަށްވެސް އަދި އެހެން ގައުމަކާ ދެކޮޅަށްވެސް އިސްވެ ހަނގުރާމަ ފެށުމާ މިސްރު ދެކޮޅުހަދާނެ ކަމަށާ އެފަދަ ހަނގުރާމައެއްގައި މިސްރު ބައިވެރިވެސް ނުވާނެކަމުގައެވެ. މިހާރުވެސް ސޫރިޔާއާއި އިރާގާއި ލީބިޔާއާއި ޔަމަންފަދަ އެތަށް ގައުމެއްގައި ހަނގުރާމަ ހިނގަމުންދާއިރު އަނެއްކާ އިތުރު ހަނގުރާމައަކަށް ދާންވީތޯ ސީސީ ސުވާލުކުރެއްވިއެވެ.

އީރާނާއި އީރާނުގެ މަދަދު ލިބޭ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް ހަނގުރާމައިގެ ބެރު ޖަމަހުން މިގެންދަނީ އެމެރިކާއާއި އިސްރާއީލެވެ. ސަބަބަކީ ހިޒްބުﷲ އަކީ އިސްރާއީލާ ކުރިމަތިލެވޭ ފަދަ ބާރުގަދަ އަދި އިސްރާއީލު ޖެހުލުންވާ ޖަމާއަތަކަށްވުމުގެ އިތުރުން އީރާނަކީ ކޮންވެންޝަނަލް ހަތިޔާރާއި ރޮކެޓާއި ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީގައި ކުރިއަރާފައިވާ ގައުމަކަށް ވުމެވެ. މީގެއިތުރުން އީރާނަކީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެވެސް އޮޅިގަނޑުގައި އޮތް ގައުމަކަށްވެފައި އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަށްފަހުގައިވެސް އީރާނަކީ ސުލްހަވެރި ބޭނުންތަކަށް ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީ ކުރަމުން ގެންދާ ގައުމަކަށްވާތީ މިކަމުގެ ސަބަބުން މުސްތަގްބަލްގައި ވަރުގަދަ ނިއުކްލިޔަރ ބާރަކަށް އީރާނުގެ ވާނެކަން އިސްރާއީލާއި އެމެރިކާއަށް ކަށަވަރުވެ ޔަގީންވާތީއެވެ.

އެމެރިކާއާއި އިސްރާއީލުގެ ސިޔާސަތަކީ މެދުއިރުމަތީގައި ނިއުކްލިޔަރ ބާރަކީ ހަމައެކަނި އިސްރާއީލު ކަމުގައި ހެދުމުގެ ސިޔާސަތެކެވެ. އިސްރާއީލު ފިޔަވައި ބާރުގަދަ ގައުމެއް (ޚާއްސަކޮށް އިސްލާމީ ގައުމެއް) އޮތަނުދިނުމެވެ. މިސިޔާސަތު އީރާނުން ފޫއަޅުވާލުމަކީ އެމެރިކާއާއި އިސްރާއީލަށް ގަބޫލުކުރެވޭނެ ކަމެއްނޫނެވެ. ކެތްކުރެވޭނެވެސް ކަމެއްނޫނެވެ. އުތުރުކޮރެޔާއާ ހަނގުރާމަ ކުރަން އެމެރިކާއަށް ނުކެރޭގޮތަށް އީރާނާ ހަނގުރާމަ ކުރާކަށްވެސް އެމެރިކާއަކަށް ނުކެރޭނެއެވެ. އަދި އިސްރާއީލަކަށްވެސް އެކަން ކުރާކަށް ނުކެރޭނެއެވެ.

މެދުއިރުމަތީގައި އީރާނުގެ ބާރާއި ނުފޫޒު އިންތިހާއަށް ގަދައެވެ. އިރާގުގެ ޙަޝްދުއްޝަޢަބީ ލަޝްކަރާއި ސޫރިޔާ ސިފައިންގެ ލަޝްކަރާއި ލުބްނާނުގެ ހިޒްބުﷲ ލަޝްކަރާއި ޔަމަންގެ ހޫޘީންގެ ލަޝްކަރަކީ އީރާނުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ލަޝްކަރުތަކެކެވެ. އިރާގާއި ސޫރިޔާއާއި ލުބްނާނާއި ޔަމަންގައި އެމެރިކާގެ ބާރާއި ނުފޫޒަށްވުރެ އެތަށް ގުނައެއް އީރާނުގެ ބާރާއި ނުފޫޒުގަދައެވެ.

އެމެރިކާގެ ބާރާއި ނުފޫޒު މައިގަނޑު ގޮތެއްގައި މިހާރުއޮތީ ހަމައެކަނި ގަލްފުގެ އަރަބިގައުމުތަކުގައެވެ. ސައޫދީ، ކުވައިތު، ގަތަރު، ޔޫއޭއީ އަދި ބަހްރައިންގައެވެ. ތުރުކީއަށް ބަލާއިރުވެސް ތުރުކީގައި މިހާރު އޮންނަ އުރުދުޣާން ސަރުކާރަކީ އެމެރިކާއަށް ދޫދީގެން އެމެރިކާ ބުނާގޮތް ހަދާ ސަރުކާރެއް ނޫނެވެ. އުރުދުޣާންވަނީ އެމެރިކާއާ ދުރަށް ގޮސް ރަޝިޔާއާއި އީރާނާ ގާތްވެ އެތިން ގައުމު ގުޅިގެން އެލަޔަންސެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައެވެ.

ތުރުކީއަކީ ނޭޓޯގެ ގައުމެއް ކަމަށްވިޔަސް ޔޫރަޕްގެ ބޮޑެތި ގައުމުތަކާއި ތުރުކީގެ ގުޅުންތައްވަނީ އިންތިހާއަށް ގޯސްވެފައެވެ. ތުރުކީވަނީ ރަޝިޔާއިން ހަތިޔާރުވެސް ގަންނަން ފަށާފައެވެ. މިއީ އެމެރިކާ ކިތަންމެ ކަންބޮޑުވާ ކަމެއްކަމަށް ވިޔަސް ތުރުކީ ފަދަ ބާރުގަދަ އަދި އަމިއްލަ ވަންތަ މިނިވަން ސިޔާސަތެއް ގެންގުޅޭގައުމަކާ ދެކޮޅަށް އެމެރިކާއަށް ކުރެވޭނެ ކަމެއްނެތެވެ.

ސޫރިޔާގެ ހާލަތަށް ބެލިނަމަވެސް ރަޝިޔާއާއި އީރާން ގުޅިގެން ވަނީ އެމެރިކާ އާއި އެމެރިކާއާ ގުޅިފައިވާ ގަތަރާއި ސައޫދީ ފަދަ ގައުމުތައް ސޫރިޔާގެ މަސްރަހުން ބޭރުކޮށްލާފައެވެ. އެންމެފަހުން ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ސޫރިޔާއަށް ވަދެގަތުމަށް ޓަކައި ސޫރިޔާގެ ކުރުދީންނަ ގުޅިގެން އުޅުމުން ތުރުކީގެ ރުޅިވެރިކަން މިވަނީ އެމެރިކާއަށް އަމާޒުވެފައެވެ.

އަދުގެ މެދުއިރުމަތީގެ މަސްރަހަށް ބަލާއިރު އެމެރިކާ ވަނީ މެދުއިރުމަތީގައި ބަލިކަށިވެފައެވެ. ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލައި އިރާގަށް ވެރިވުމަށް ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެއެވެ. އައިއެސް ފަދަ އިރާގުގެ ހަރުކަށި ޖަމާއަތްތަކަށް އަޑިއަޑިން އެހީތެރިވެގެން ޓެރަރިޒަމާ އިދިކޮޅު ނަމުގައި އެމެރިކާ ކުޅުނު ކުޅިގަނޑުވެސް މިހާރު މިދަނީ (އައިއެސް ބަލިވުމާއެކު) ނިމުމަކަށް އަންނަމުންނެވެ. އިރާގުގެ ޝިޔައީންނަކީ އެމެރިކާގެ އެހީގައި ވެރިކަމަށް އައި ބައެއްނަމަވެސް އެމީހުންގެ މައްޗަށް އެމެރިކާގެ ނުފޫޒަށްވުރެ ބޮޑީ އީރާންގެ ނުފޫޒެވެ. އަފްޣާނިސްތާނުގައި ފަނަރަ އަހަރު ހަނގުރާމަ ކޮށްގެން އެމެރިކާއަށް ތޯލިބާނުން ބަލި ނުކުރެވުނެވެ. ޗައިނާގެ މަދަދު ލިބޭ ޕާކިސްތާނުން އެމެރިކާގެ މައްޗަށް ޓެރަރިޒަމަށް އެހީވާ ކަމުގެ ތުހުމަތު ފާޅުގައި ކުރުމަކީ ޕާކިސްތާނަށް އެމެރިކާގެ ބާރު ނުހިނގާ މިންވަރު ހާމަކޮށްދޭ ކަމެވެ.

ދެން އޮތީ ގަލްފުގެ އަރަބި ގައުމުތަކެވެ. އެގައުމުތަށް އެމެރިކާއަށް ބަރޯސާވަނީ އެގައުމުތަކުގެ އާއިލީ ރަސްކަމުގެ ނިޒާމުތައް ހިމާޔަތް ކުރުމުގެ ބޭނުމުގައެވެ. މިކަމަށްޓަކައި އިސްރާއީލާ ގުޅެން ޖެހުނަސް އެގައުމުތަށް އެގޮތަށް އުޅޭނެއެވެ. ގަލްފުގެ ގައުމުތަކުން އީރާނާ ދެކޮޅަށް ދޭ އިންޒާރުތަކަކީ އެމެރިކާގެ ޕްރޮކްސީގައި ދޭ އިންޒާރުތަކެކެވެ. އެމެރިކާ ފަހަތުގައި އޮވެގެންދޭ އިންޒާރުތަކެކެވެ. އެމެރިކާ އީރާނާ ގުޅޭނަމަ އެގައުމުތައް އީރާނާ ގުޅޭނެއެވެ. އެމެރިކާ އީރާނަށް އިންޒާރު ދޭނަމަ އެގައުމުތައް އީރާނަށް އިންޒާރު ދޭނެއެވެ. އީރާނުގެ ރަސްކަމުގެ ދުވަސްވަރު (ޝާހު މުހައްމަދު ރިޒާގެ ވެރިކަމުގައި) އީރާނަކީ އެމެރިކާގެ ނުފޫޒު ހިނގާ ގައުމަކަށްވާތީ އެދުވަސްވަރު ގަލްފުގެ ގައުމުތަކާއި އީރާނަކީ އެކަށްޗެކެވެ. އެއްވެސް މައްސަލައެއް ނެތެވެ.

އަނެއްކޮޅުން އޭޝިޔާއަށް ބަލާއިރު އެމެރިކާއަށް މިވަނީ ޗައިނާގެ ގޮންޖެހުމާ އިންތިހާއަށް ކުރިމަތިވެފައެވެ. އެމެރިކާ އިންޑިޔާއާ ގުޅިގެން މިއުޅެނީ ޗައިނާގެ ނުފޫޒާ ކުރިމަތިލުމަށްޓަކައެވެ. އެމެރިކާއަކީ ޓެރަރިޒަމާއި ތަޅާފޮޅުމާއި ހަނގުރާމައާއި ހަތިޔާރުގެ ވާހަކަ ފިޔަވައި އެހެން ވާހަކައެއް ދައްކާ ގައުމެއް ނޫނެވެ. ދެން އެމެރިކާ ދައްކާނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ވާހަކަ ތަކެވެ. މިއީ ގައުމުތަކާމެދު އެމެރިކާ ހިތްހަމަ ނުޖެހުނީމާ ނޫނީ ކޮންމެވެސް ކަމަކާ ގުޅިގެން އެގައުމަކަށް ބިރު ދައްކަންވީމާ ނެގުމަށްޓަކައި އެމެރިކާ ރައްކާކޮށްގެން އުޅޭ ފައިލެކެވެ. މިޔަންމާއިން ރޮހިންގްޔާއިންގެ ފަނާކޮށްލާއިރުވެސް އެމެރިކާ މިފައިލް ހުޅުވައެއް ނުލައެވެ. އެމެރިކާ ރުހޭނަމަ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ވާހަކަތައް އެމެރިކާ ނުނަގާނެއެވެ. އަޅައެއްނުލާނެއެވެ.

މީގެބަދަލުގައި ޗައިނާއަކީ ތަރައްގީގެ ވާހަކަ ދައްކާ ގައުމެކެވެ. ކުރިއެރުމުގެ ވާހަކަ ދައްކާ ގައުމެކެވެ. ގައުމުތައް ކުރިއެރުވުމަށް އެހީތެރިވާ ގައުމެކެވެ. ޗައިނާ ބާރާއި ނުފޫޒު ހިންގަނީ ތަރައްގީ ގެނަސްދީގެންނެވެ. ލޯންދީ ގައުމުތައް ކޮޅަށް ޖައްސައި ތެދުކުރުވައި ތަނަވަސްކޮށް ދީގެންނެވެ. އޭޝިޔާގެ ގިނަ ގައުމުތަކާއި އެފްރިކާގެ ގައުމުތަކަކީ ތަރައްގީ ބޭނުންވާ ގައުމުތަކެވެ. އެހެންކަމުން އެގައުމުތަކަށް މުހިއްމީ އެމެރިކާއަށްވުރެ ޗައިނާއެވެ. މިގޮތުން ޗައިނާގެ ބާރާއި ނުފޫޒު މިހާރުވަނީ އޭޝިޔާގެ އިތުރުން އެފްރިކާއަށްވެސް ވަރަށް ބޮޑަށް ފޯރާފައެވެ. އެމެރިކާގެ ނުފޫޒު ދަނީ ނިކަމެތިވެ ބަލިކަށިވަމުންނެވެ.

ސަބަބަކީ ގައުމުތަކަށް ލޯންތަކާއި އިގްތިސާދީ އެހީތައް ދޭނެ ފައިސާ އެމެރިކާ އަތުގައި ނެތުމެވެ. އަދި އެމެރިކާއާއި ޔޫރަޕަކީ ތަރައްގީ ވަމުން އަންނަ ގައުމުތައް ކުރިއަރުވަން ބޭނުންވާ ގައުމުތަކަށްވެސް ނުވުމެވެ.

އެމެރިކާއާއި ޔޫރަޕުން އެފްރިކާގެ ގައުމުތަކަށް އެހީދީގެން އެގައުމުތަށް ކުރިއަރުވައި ދިންނަމަ މިއަދު އެފްރިކާގެ ގައުމުތަކުގެ ރެފިއުޖީންގެ މައްސަލަ ޔޫރަށް ދިމައެއް ނުވީހެވެ. އެފްރިކާއިން ޔޫރަޕަށް ހިޖްރަކުރާ ރެފިއުޖީންނާ ހެދި ޔޫރަޕަށް މިވަނީ ސަލާމަތް ނުވެފައެވެ. އެފްރިކާގެ ގައުމުތައް ކުރިއަރުވައި ދިންނަމަ މިދަންތުރައިން ޔޫރަޕް ސަލާމަތް ވީހެވެ.

އެމެރިކާއާއި ޔޫރަޕްގެ ސިޔާސަތުތައް ހުންނަނީ ގައުމުތައް ފަގީރު ކުރުވައިގެން އެގައުމުތަކަށް ނުފޫޒު ފޯރުވައި އަޅުވެތި ކުރުމުގެ ސިޔާސަތެވެ. ޗައިނާ ގެންގުޅެނީ ގައުމުތަށް ކުރިއަރުވައި އެގައުމުތައް މުއްސަނދިކޮށްދީގެން ނުސީދާކޮށް ފާޅުކަން ބޮޑު ނޫންގޮތެއްގައި އަދި އެމެރިކާއަށްވުރެ ވިސްނުންތެރި ގޮތެއްގައި ވަކި ގައުމެއްގެ ބަދަލުގައި މުޅި ދުނިޔެއަށް ބާރާއި ނުފޫޒު ފޯރުވުމުގެ ސިޔާސަތެކެވެ. މިކަމުގެ ސަބަބުން އެމެރިކާ އެސަރަހައްދެއްގައި އޮންނަ ލެޓިން އެމެރިކާގައިވެސް އެމެރިކާގެ ބާރާއި ނުފޫޒެއްނެތެވެ. އެސަރަހައްދުގައިވެސް ބާރު ގަދަކުރަމުން މިގެންދަނީ ޗައިނާއެވެ.

އެމެރިކާ ދުނިޔެއަށް ހަންފަތުރަނީ އަސްކަރީ ބޭސްތައް ބިނާކޮށްގެންނާއި ބިރުދައްކައިގެންނާއި ދުނިޔޭގެ ގައުުމުތަކުގައި ސިފައިންގެ ލަޝްކަރުތައް ރުކުރުވާލައިގެންނެވެ. ޗައިނާ ދުނިޔެއަށް ނުފޫޒު ފޯރުވަނީ ދުނިޔެގެ ގައުމުތަކަށް އިގްތިސާދީ އެހީދީ މުޅި ދުނިޔެ ތަރައްގީކޮށްދީގެންނެވެ. އިގްތިސާދީ އިންފްރާސްޓްކަޗަރ ބިނާކޮށް ގައުމުތައް ކުރިއަރުވައިގެންނެވެ. އެހެންކަމުން ޗައިނާގެ ބާރާއި ނުފޫޒު މުސްތަގްބަލްގައި ދުނިޔޭގައި މާވަރުގަދަވާނެއެވެ. އަދި އެެމެރިކާގެ ނުފޫޒު ބަލިކަށި ވާގޮތަށް ޗައިނާގެ ނުފޫޒު ފަސޭހައިން ބަލިކަށިވެގެނެއްވެސް ނުދާނެއެވެ.

comment ކޮމެންޓް