ޕްރިންސިޕަލް ނާޒިމްގެ ހަނދާނުގައި ގިޔާސުއްދީނުން އެވޯޑެއް ދޭން ފަށައިފި  

ހިރިޔާ ސްކޫލް ކުދިންތަކެއް ގެނބެމުންދަނިކޮށް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އަވަހާރަވި އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް މަރުހޫމް އަލީ ނާޒިމް-- ސަން ފޮޓޯ

ހިރިޔާ ސްކޫލު ކުދިންތަކެއް ގެނބެމުންދަނިކޮށް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އަވަހާރަވި އެ ސްކޫލުގެ އޭރުގެ ޕްރިންސިޕަލް އަލީ ނާޒިމްގެ ހަނދާނުގައި ގިޔާސުއްދީންއިން އިންޓަނޭޝަނަލް ސްކޫލުން އެ ސްކޫލުގެ ޓީޗަރުންނަށް އެވޯޑެއް ދޭން ފަށައިފިއެވެ.

"ލޭޓް ނާޒިމް މެމޯރިއަލް އެވޯޑް"ގެ ނަމުގައި މިދިޔަ މަހު ގިޔާސުއްދީން ސްކޫލުން ދޭން ފެށި އެ އެވޯޑް ފުރަތަމަ ހާސިލް ކުރީ އެ ސްކޫލުގެ ޖޫނިއާ ގްރޭޑްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝިރުމީނާ ފަހީމެވެ. އެވޯޑާއެކު ޝިރުމީނާއަށް ވަނީ ފައިސާގެ އެވޯޑެއް ވެސް ހަވާލުކޮށްފައެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ސީނިއާ ޑެޕިއުޓީ ޕްރިންސިޕަލް އަހުމީމާ އަބްދުލް ގަފޫރު "ސަން"އަށް ވިދާޅުވީ ލޭޓް ނާޒިމް މެމޯރިއަލް އެވޯޑަކީ އެހެން ޓީޗަރުންނަށް އެހީތެރިވެދީ އެބޭފުޅުންގެ ހުނަރުތައް ތަރައްގީކޮށް ޓީޗަރުން ބިނާކުރުމަށް އެހީތެރިވެދޭ ޓީޗަރުންނަށް ދޭ އެވޯޑެއް ކަމަށެވެ.

އަހުމީމާ ވިދާޅުވީ ސްކޫލުގެ ޕްރިންސިޕަލް ފިޔަވައި ހުރިހާ ޓީޗަރުންނަށް ވެސް އެ އެވޯޑަށް ޝަތުރުހަމަވާނެ ކަމަށެވެ.

އަލީ ނާޒިމް އަވަހާރަވީ ހިރިޔާ ސްކޫލުގެ ކުދިންތަކަކާއެކު ކ. ހުރައަށް ފިޝަރީޒް ސައިންސް ފީލްޑް ޓްރިޕަކަށް ގޮސް އުޅެނިކޮށް އެ ސްކޫލުގެ ކުދިންތަކެއް ގެނބެމުން ދަނިކޮށް އެ ކުދިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ. އެ ހާދިސާގައި ހަތަރު ދަރިވަރަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް