ނާޒިމްގެ އާއިލާގެ ކުއްލި ހަތަރު މަރު!

ހިރިޔާ ދަތުރުގައި ހިތާމަވެރި ގޮތަކަށް، އަވަހަރާވި ޕްރިންސިޕަލް ވ. ފެލިދޫ މޫނިމާގޭ އަލީ ނާޒިމްގެ އާއިލާގައި ހަ މެންބަރުން ތިބެވެ. ހަތަރު ފިރިހެނުންނާއި ދެ އަންހެނެކެވެ. އެ އާއިލާގެ ހަތަރު ފިރިހެނުންގެ ތެރެއިން ނާޒިމްގެ ދޮށީ ބޭބެ އަހުމަދު ގާސިމް މަރުވީ 2003 ވަނަ އަހަރު އެވެ. ނިދަން އޮއްވައި ކުއްލިއަކަށް ނޭވާ ނުލެވިގެން ފަރުވާ ދެމުންދަނިކޮށް ފެލިދޫ ހޮސްޕިޓަލްގައި މަރުވީ އެވެ. ކުއްލި ގޮތަކަށެވެ.

ޖެހިގެން އައި އަހަރު ނާޒިމްގެ ދެން ހުރި ބޭބެ، އިބްރާހިމް ގާސިމް އުޅުނީ ގޭގެ މަސައްކަތެއްގެ ތެރޭގައި އަވަދިނެތި އެވެ. އެދުވަހު ކުއްލިއަކަށް އިބްރާހިމް ގާސިމު ވެސް މަރުވީ އެވެ. ދެ އަހަރު ތެރޭގައި އެ އާއިލާގެ ދެބެން ކުއްލި ގޮތަކަށް މަރުވެގެންދިޔައީ އެވެ. ދެން މަރުވީ ފާއިޒާ ގާސިމެވެ. ފާއިޒާ މަރުވީ ވިހެއުމުގެ ތެރޭގައި ދަރިފުޅާއެކު އެވެ. މި ތިން މަރުވީ އާއިލާއަށް ހާސްކަން ގެނުވި ކަމަކަށެވެ.

"ދޮންބެޔަކީ ނާޒިމް ގޮތަށް ސިއްހަތު ރަނގަޅުކޮށް، ބިޔަކޮށް ވަރުގަދަކޮށް ހުންނަ މީހެއް. ސިއްހީ މައްސަލައެއް އުޅޭނެހެން ހީއެއް ނުވޭ. ނަމަވެސް އެއްރޭ ނިދާފައި އޮއްވާ ކުއްލިއަކަށް މެޔަށް ތަދުވެގެން، ހޮސްޕިޓަލަށް ގެންދިޔައީ. ބޮޑަށް ހީވަނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާހެން،" ނާޒިމްގެ އާއިލާގެ ފިރިހެން މެންބަރުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި ޝާހިދު ގާސިމް (ނާޒިމްގެ ބޭބެ) ބުންޏެވެ.

ގަދަބަދަވިކޮށް ތިއްބާ ކުއްލިއަކަށް ދެ ފިރިހެން ދަރިންނާއި އަންހެން ދަރިފުޅު މަރުވުމުން އެކަމާ އެންމެ ކަންބޮޑުވީ ނާޒިމްގެ މަންމަ އެވެ. ކުއްލި ގޮތަކަށް އެ ދެބެން މަރުވުމުން ނާޒިމްގެ މަންމަ އިންނަނީ އަބަދުވެސް ފިކުރުގަ އެވެ. ޝާހިދު ބުނީ ދެ ބޭބެގެ މަރުވުމަށް ފަހު ދުނިޔޭގައި ތިބި އޭނާއާއި ކޮއްކޮ ނާޒިމާ މެދު މަން ވަރަށް ބޮޑަށް ވިސްނަމުން ދިޔަ ކަމަށެވެ.

މަރާމެދު ސުވާލެއް ނޫފެއްދޭނެ އެވެ. އެއީ ޔަގީން ކަމެކެވެ؛ އެކަމަކު ދެ ބޭބެ މަރުވިތާ އަށް އަހަރު ފަހުން ސެޕްޓެންބަރު 9، 2011 ވީ ހުކުރު ދުވަހު އާއިލާއަށް ލިބުނު ހިތާމަވެރި ޚަބަރަކީ ނާޒިމް އަހަވަހާރަވި ހަބަރެވެ. އާއިލާއިން ތިން ފިރިހެނުންނާއި އަންހެނަކު މި ދުނިޔެ ދޫކުރީ އެވެ. މިފަހަރު އަވަހާރަވީ ހުރިހާ ކުދިންގެ ތެރެއިން މަންމަ ވެސް އަދި އެހެން ކުދިން ވެސް އެންމެ ލޯބިވާ ނާޒިމެވެ. ހަމަ ކުއްލި ގޮތަކަށެވެ. ކުއްލި މަރެކެވެ.

"އައިސް އަލަމާރި ހުޅުވާލި އަސް މިދިޔަ ހަ ރޯދައަށް ރަށަށް ފޮނުވާފައި ހުރި އެއްޗެ ފެންނަނީ. ގެއަށް އެންމެ ފަހުން ފޮނުވާފައިވާ އެކި ސާމާނުތަކުގެ ފޮށިގަނޑުތައް ވެސް އެބަހުރި. ގެއިން އެއްކޮށްހެން ފެންނަނީ ކޮއްކޮގެ ހަނދާންތައް. ނާޒިމަކީ އެންމެ ލޯބިވާ މީހާ. އެ ހަދާންތަކުގައި އާއިލާ މިއޮތީ. އެންމެ ކަންބޮޑުވާނީ މަންމަ. ދުވަސްކޮޅެއް ނަގާނެ މިކަމުން ދުރަށްދާން،" ޝާހިދު ބުންޏެވެ.

ޝާހިދު ބުނާ ގޮތުން އާއިލާގެ ހަތަރު މެންބަރުން ކުއްލި ގޮތަކަށް މަރުވެގެން ދިއުމާ އެއްވެސް ކަމަކާ ގުޅިފައެއް ނުވެ އެވެ. އަދި އެފަދަ ކަމަކާ ގުޅޭ ގޮތުން މަންމަ އެއްވެސް ވާހަކައެއް ކިޔައިދީފައެއް ވެސް ނުވެ އެވެ.

ނާޒިމާ އާއިލާގެ އަނެއް ދެ ބޭބެ ކުއްލި ގޮތަކަށް މަރުވިއިރު ނާޒިމްމެންގެ ބައްޕަ ވ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ، ގާސިމް އާދަމް 1992 ވަނަ އަހަރު އިންޑިޔާގައި އަވަހާރަވީ ވަރަށް ބަލިވެ އުޅުއްވުމަށް ފަހު އެވެ.
އާއިލާގެ ހަތަރު މަރަށް ފަހު އެ އާއިލާގެ އެހެން މެންބަރުންނާއި މަންމަ ވަނީ ވަރަށް ބޮޑު ހިތާމައެއްގެ ތެރޭގަ އެވެ. ދިރި ތިއްބަސް ނަފުސާނީ ގޮތުން "މަރުވެފަ" އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް