ޒިދާންގެ ފަރާތުން ޕިރްލޯއަށް ޚާއްސަ ޓްރިބިއުޓެއް!

ޒައިނުއްދީން ޒިދާން އާއި އަންދްރޭ ޕިރްލޯވެސް ޔުވެންޓަސްގައި ބޭނުންކުރީ 21 ނަންބަރު ޖާޒީ -- އިންސްޓަގްރާމް ފޮޓޯ: ޒިދާން

އިޓަލީގެ "ފުޓްބޯލް މައެސްޓްރޯ" އަންދްރޭ ޕިރްލޯ ވަނީ އޭނާ ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއްޔެ އިއުލާނުކޮށްފައެވެ. އެއާ އެކު ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ އެތަކެއް ހާސްބަޔަކު ދަނީ، ޕިރްލޯގެ ކާމިޔާބީ އާއި ޚިދުމަތް ފާހަގަކޮށް އޭނާއަށް ތައުރީފާއި ޝުކުރުގެ މެސެޖްތައް ފޮނުވަމުންނެވެ.

އިޓަލީގެ ގައުމީ ޓީމުގައި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލި ދުނިޔޭގެ ފުޓްބޯޅަ ލެޖެންޑަށް ޓްރިބިއުޓް ހަދިޔާކުރި ޚާއްސަ ފަރާތްތަކުގެ ތެރޭގައި ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ހިމެނެއެވެ.

ޒިދާން ޕިރްލޯއަށް ޝުކުރު އަދާކޮށް، ޚާއްސަކުރި ޓްރިބިއުޓަކީ، ޔުވެންޓަސްގެ ޖާޒީގައި ނަގާފައިވާ އެ ދެމީހުންގެ ފޮޓޯއެކެވެ. މި ފޮޓޯއިން އެ ދެ މީހުންގެ ވަރަށް ޚާއްސަ ގުޅުމެއް ފާހަގަވެއެވެ. އެއީ ޔުވެންޓަސްގެ ކުރީގެ ދެ މިޑްފީލްޑަރުން ކަމަށްވާ ޒިދާން ވެސް އަދި ޕިރްލޯވެސް އެޓީމަށް ކުޅެފައި ވަނީ "21 ނަންބަރު ޖާޒީ"ގައެވެ.

އެމެރިކާގެ ނިއުޔޯކު ސިޓީއަށް ކުޅުނު ފަހު މެޗަށްފަހު، އުމުރުން 38 އަހަރުގެ ޕިރްލޯ ފުޓްބޯޅަ ބޫޓު ދޫކޮށްލިކަން ރަސްމީކޮށް އިއުލާނުކުރީ އޭނާގެ ޓްވިޓަރ އެކައުންޓް މެދުވެރިކޮށެވެ.

"މި ސިޓީން އަހަރެންނަށް އެއްބާރުލުން ދިން ހުރިހާ ފަރާތްތަކަށް އަހަރެން ޝުކުރު އަދާކުރަން. ސަޕޯޓަރުން، ކޯޗިން ސްޓާފުން، ކްލަބުގެ ފަހަތުގައި މަސައްކަތްކުރާ ފަރާތްތައް އަދި އަހަރެންގެ ޓީމުގެ ކުޅުންތެރިންނަށް ޝުކުރު އަދާކުރަން. ހަމައެކަނި މި ކްލަބުގައި ހޭދަކުރި ދުވަސްތަކަކަށް ނޫން ނިމުން މިއައީ. ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އަހަރެން ކުރި ދަތުރަށް ވެސް މި ނިމުން އައީ،" ޕިރްލޯ އޭނާގެ ޓްވިޓަރގައި ލިޔެފައިވެ އެވެ.

ޔުވެންޓަސްގެ އިތުރުން އޭސީ މިލާނަށް ވެސް ކުޅެފައިވާ ޕިރްލޯ ވަނީ ދެ ފަހަރު އިޓަލީ ލީގު ކާމިޔާބުކޮށް ދެ ފަހަރު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

comment ކޮމެންޓް