ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އިސްލާމިކް މިނިސްޓްރީ އިން އިސްނަގައިގެން ހިންގި ހަރަކާތްތަކުން 18.1 މިލިއަން ރުފިޔާ ލިބިފައިވާ އެ މިނިސްޓްރީން މިއަދު ބުނެފި އެެވެ.
ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ހިންގި ހަރަކާތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އެ މިނިސްޓްރީން އެކުލަވާލި ކޮމެޓީން މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯން އިން 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.
ޒިޔާދު ވިދާޅުވީ އެ މިނިސްޓްރީ އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ގުޅިގެން ހިންގި ޗެރިޓީ ހަރަކާތާ އެކު މުޅި އެކު އެ އަދަދު 18.1 މިލިއަން ރުފިޔާ (1.17 މިލިއަން ޑޮލަރު) އަށް އިތުރުވެފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ހިންގި ހަރަކާތްތަކުން ލިބުނު ހުރިހާ ފައިސާއެއް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ބަނގުލަދޭޝްގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން އެ ގައުމުގުގައި ހުންނަ ރެޑް ކްރެސެންޓަށް ހަވާލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި މިހާރު ކުރިއަށް ދަނީ ލިބުނު ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާ އެކު ޑޮލަރަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ދޭން ވައުދުވި ހުރިހާ ފައިސާއެއް ލިބިފައިވާ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ. އެހެންނަމަވެސް އެފަންޑަށް އެހީތެރިވެދެއްވާނެ ކަމަށް ވައުދުވި އަމިއްލަ ފަރާތްތަކުން ލިބެން ޖެހޭ 500،000 ރުފިޔާ އަދި ލިބިފައި ނުވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮންކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.