އޯޒޯން ދުވަހުގެ މުނާސަބަތުގައި ބޭއްވި އޯޒޯން މޮޑެލް މައުރަޒުން އެއްވަނަ ވިއާމް އަދި އާހިލް

އޯޒޯން މޮޑެލް މައުރަޒުން އެއްވަނަ އައި ވިއާމް އާއި އާހިލް، އެ ދެކުދިން އެމައުރަޒަށް ތައްޔާރުކުރި މޮޑެލް އާއެކު--

އޯޒޯން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ބޭއްވި އޯޒޯން މޮޑެލް މުބާރާތުން އެއްވަނަ ގާޒީ ސްކޫލުން މުހައްމަދު ވިއާމް އަބްދުﷲ އަދި މުހައްމަދު އާހިލް އަހުމަދު އިސްތަފާ ހޯދައިފިއެވެ.

ސެޕްޓެމްބަރު 16 ވަނަ ދުވަހު ފާހަގަކުރި އޯޒޯން ދުވަހާ ގުޅިގެން އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް މުޅި ދުނިޔެއިން ކުރަމުންދާ ކަންތައްތަކާއި އަދި ރާއްޖެއިން ކުރަމުން ގެންދާ ކަންތައްތަކުގެ މައްޗަށް އަލިއަޅުވައިލައި ބޭއްވި އޯޒޯން މޮޑެލް މައުރަޒުގައި ވަނީ ތިން ސްކޫލަކުން ބައިވެރިވެފައެވެ.

އޯޒޯން މޮޑެލް މައުރަޒުން އެއްވަނަ އައި ވިއާމް އާއި އާހިލް އަށް އެންވަޔަރަންމަންޓް މިނިސްޓަރު އިނާމް ހަވާލުކޮށްދެއްވަނީ--

އޯޒޯން މޮޑެލް މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމް ދިނުމަށް ނެޝެނަލް އާޓް ގެލަރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެއްވަނައަށް އައި ދެ ކުދިންނަށް ވަނީ ޔޫއެން އެންވަޔަރަންމަންޓާއި ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ތައިލެންޑްގެ ބެންގްކޮކްގައި ހުންނަ އޭޝިއާ ޕެސިފިކް އޯޒޯން އެކްޝަން އޮފީހަށް ސްޓަޑީ ޓުއާ އަކަށް ދިޔުމަށް ފުރުސަތު ދީފައެވެ.

އޯޒޯން މޮޑެލް މުބާރާތުން ދެވަނަ ހޯދައިފައިވަނީ އަލީ އައިހަމް، ޝައިނީ ހުސެއިން އަދި މުހައްމަދު ސާމިހުއެވެ. ތިންވަނަ ހޯދައިފައިވަނީ އަޒްހާ އަސަދު މުސްތަފާ، މަރިޔަމް ނަލަޝް އަދި އައިމިނަތު ނީމް އެވެ.

އޯޒޯން މޮޑެލް މައުރަޒުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިގް އިބްރާހިމް ވާހަކަދައްކަވަނީ--

މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމް ވިދާޅުވީ، އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ ގޮތުން ސީއެފްސީ ގޭސް ދުނިޔެއިން އެއްކޮށް ބޭރުކުރުން ހުއްޓާލުމަށް ކަނޑައަޅައިފައިވާ މުއްދަތަށްވުރެ ދެއަހަރު ކުރިން ރާއްޖެއިން އެ ގޭސް ހުއްޓާލައިފައިވާ ކަމަށާއި އަދި އެޗްސީއެފްސީގޭސް ބޭރުކުރުން ހުއްޓާލުމަށް ބައިނަލަގްވާމީ ގޮތުން ކަނޑައަޅައިފައިވާ މުއްދަތަށްވުރެ ދިހަ އަހަރު ކުރިން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ކަނޑައަޅައިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް