ލުބުނާނުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވީ ސައުދީން މަޖުބޫރުކުރުމުން: ހިޒްބުﷲ

ހިޒްބުﷲ ޖަމާއަތުން ބުނާ ގޮތުގައި ހަރީރީ އިސްތިއުފާ ދެއްވީ ސައުދީ އަރަބިއާއިން މަޖުބޫރު ކުރުމުން -- ފޮޓޯ: އޭއެފްޕީ

ބެއިރޫތު (ނޮވެމްބަރު 6): ލުބުނާނުގެ ބޮޑުވަޒީރު ސައުދުލް ހަރީރީ މަގާމުން އިސްތިއުފާ ދެއްވީ ސައުދީ އަރަބިއާ އިން މަޖުބޫރު ކުރުމުން ކަމަށް ހިޒްބުﷲ ޖަމާއަތުން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސައުދީ އަރަބިއާއަށް ވަޑައިގަތުމަށް ފަހު ބޮޑުވަޒީރު ހަރީރީ އިސްތިއުފާ ދެއްވީ އޭނާ އަވަހާރަކޮށްލަފާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ވަނީ އީރާނާއި ހިޒްބުﷲ އިން މެދުއިރުމައްޗަށް ބާރު ފޯރުވަން އުޅޭ ކަމުގެ ތުހުމަތު ވެސް ކުރައްވައިފަ އެވެ.

ނަމަވެސް ހިޒްބުﷲ އިން ވަނީ ހަރީރީ އިސްތިއުފާ ދެއްވުމަކީ ސައުދީ އަރަބިއާއިން ނިންމި ނިންމުމެއް ކަމަށް ބުނެފަ އެވެ. އަދި އީރާނުން ވެސް ވަނީ ހަރީރީގެ ތުހުމަތުތައް ދޮގުކޮށް، އޭނާގެ އިސްތިއުފާގެ ފަހަތުގައި ވަނީ އެމެރިކާ އާއި ސައުދީ އަރަބިއާ ކަމަށް ބުނެފަ އެވެ.

ހިޒްބުﷲ އާއި އީރާނަށް ރައްދު ދެމުން ސައުދީ އަރަބިއާ އިން ވަނީ ހަރީރީ އިސްތިއުފާ ދެއްވީ އިތުރު ގޮތެއް ނެތުމުން ކަމަށާއި، އެއީ އޭނާ ބޭނުންފުޅުވި ގޮތެއް ނޫން ކަމަށް ބުނެފަ އެވެ.

ދެހާސްނުވައަކުން 2011 އަށް ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު ހަރީރީ ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ހަރީރީގެ ބައްޕާފުޅު، ކުރީގެ ބޮޑުވަޒީރު ރަފީގު ހަރީރީ މީގެ 12 އަހަރު ކުރިން އަވަހާރަކޮށްލާފައިވާ އިރު، ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އެހަމަލާގެ ފަހަތުގައި ވަނީ ހިޒްބުﷲ އެވެ. (ބީބީސީ)

comment ކޮމެންޓް