ދަނގެތި ސްކޫލުގެ ކުރީގެ ޕްރިންސިޕަލަށް ބަދަލު ދިނުމަށް ޓްރައިބިއުނަލުން އަމުރުކޮށްފި

އދ. ދަނގެތީ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަބްދުއްޝުކޫރު --

އދ. ދަނގެތި ސްކޫލުގެ ކުރީގެ ޕްރިންސިޕަލް، ގއ. ކޮލަމާފުށި، އޯކިޑްވިލާ އަބްދުއްޝުކޫރު އަބްދުލްހަކީމަށް ބަދަލުގެ ގޮތުގައި 19،600 ރުފިޔާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް އަމުރުކޮށްފި އެވެ.

އަބްދުއްޝުކޫރު ޓްރައިބިއުލަނަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ، ޕްރިންސިޕަލްގެ މަގާމު އަދާ ކުރަމުން ދަނިކޮށް އެއްވެސް ނަސޭހަތެއް އަދި އިންޒާރެއް ދިނުމެއް ނެތި ކަމަށެވެ. އެހެން ކަމުން އަބްދުއްޝުކޫރު އެދިފައި ވަނީ، އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައިދީ، ވަޒީފާ އަނބުރާ ދިނުމަށާއި، އެ މުއްދަތަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތް ދިނުމަށް ސީއެސްސީގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

އެ މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ނިންމި ނިންމުމުގައި ބުނެފައި ވަނީ، ސީއެސްސީން އަބްދުއްޝުކޫރަށް ނަސޭހަތާއި އިންޒާރުދީފައިވާ ކަމަށާއި، ނަމަވެސް އޭގެ ފަހުންވެސް މަސައްކަތްތަކަށް އޭނާ އިހުމާލުވެފައިވާކަން ސީއެސްސީން ސާބިތު ކޮށްދީފައިވާ ކަމަށެވެ.

އެހެން ކަމުން އެ މައްސަލާގައި ޓްރައިބިއުނަލުން ނިންމާފައި ވަނީ، އަބްދުއްޝުކޫރު ވަޒީފާއިން ވަކިކޮށްފައި ވަނީ، އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށެވެ. ނަމަވެސް އޭނާ ވަޒީފާ އިން ވަކިކުރުމުގެ ކުރިން ގާއިމް ކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމް ކޮށްދީފައިނުވާތީ ބަދަލުގެ ގޮތުގައި 19،670 ރުފިޔާ ދިނުމަށް ވަނީ ސީއެސްސީގެ މައްޗަށް އަމުރުކޮށްފަ އެވެ. އަދި އެ ފައިސާ އެ ނިންމުން ނިންމި ތާރީހުން ފެށިގެން 20 ދުވަހުގެ ތެރޭގައި ޝުކޫރަށް ދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.

comment ކޮމެންޓް