ލުބްނާނުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަކީ މެދުއިރުމަތީގައި އެމެރިކާ ހިންގަން އުޅޭ ބޮޑު ކަމެއްގެ ކޮޅުމަތި

ސައްދުލްހަރީރީ ސައޫދީ ޓީވީ މެދުވެރިކޮށް ލުބްނާނުގެ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވިކަން އިއްލާން ކުރައްވަނީ

ލުބްނާނުގެ ބޮޑުވަޒީރު ސައްދުލްހަރީރީ މަގާމުން ހޮނިހިރު ދުވަހުގެ ހަވީރު ކުއްލި ގޮތަކަށް ވަނީ އިސްތިއުފާ ދެއްވާފައެވެ. ހަރީރީ މަގާމުން އިސްތިއުފާ ދެއްވީ ސައޫދީއަށް ކުރެއްވި ދަތުރުފުޅެއްގައި އެގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިންސަލްމާން އާ މަޝްވަރާތަކެއް ކުރެއްވުމަށްފަހު ކުއްލި ގޮތަކަށެވެ.

ހަރީރީ މަގާމުން އިސްތިއުފާ ދެއްވީ ސައޫދީގައި ހުންނަވައިގެން ސައޫދީ ރަސްމީ މީޑިޔާ މެދުވެރިކޮށް ލުބްނާން ރައްޔިތުންނަށް ދެއްވި ޚިތާބެއްގައެވެ. އެޚިތާބުގައި މަގާމުން އިސްތިއުފާ ދެއްވީ ހިޒްބުﷲ ޖަމާއަތަކީ ލުބްނާނުގެ ދައުލަތުގެ ތެރޭގައި އޮންނަ އީރާނުގެ ބާރާއި ނުފޫޒު ހިނގާ ވަކިދައުލަތެއްކަމަށް ސިފަކުރައްވައި އެކަން ކުށްވެރި ކުރެއްވުމަށް ފަހުގައެވެ.

ހަރީރީ މިދިޔައަހަރު ލުބްނާނުގެ ބޮޑުވަޒީރު ކަމާހަވާލުވެ ވަޑައިގެންނެވުމުގެ ކުރިންވެސް ހިޒްބުﷲ އަކީ ލުބްނާނުގެ ދައުލަތުގެ ތެރޭގައި އޮންނަ، ދައުލަތެއްފަދަ ބާރުގަދަ ޖަމާއަތެއްކަމަށް ވިދާޅުވެ އެތަށްފަހަރަކު ބަޔާންތައް ދެއްވާފައިވެއެވެ. އެގޮތަށް ބަޔާންތައް ދެއްވުމަށްފަހު ހިޒްބުﷲ އާ އެކު ލުބްނާނުގެ ސިޔާސީ ހުރިހާ ފަރާތްތަކުން ވީ އެއްބަސްވުމުގެ ދަށުން ހަރީރީވަނީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންފައެވެ.

އެދުވަސްވަރު ހިޒްބުﷲ ނުހިންގާ ބާރެއް ނުވަތަ ނުފޫޒެއް މިހާރު ހިންގަމުންނެއް ނުދެއެވެ. އަދި ލުބްނާނުގައި ހިޒްބުﷲގެ ހާލަތަށްވެސް އެއަށްފަހު އިތުރު ބަދަލުތަކެއް އައިސްފައެއްވެސް ނުވެއެވެ. ލުބްނާނުގެ ބޮޑުވަޒީރު ކަމުން އިސްތިއުފާދެއްވި ސައްދުލްހަރީރީގެ އާއިލާއަކީ ސައޫދީ ސަރުކާރާއި ޝާހީ އާއިލާގެ މައްޗަށް ބަރޯސާވާ ވިޔަފާރިތަކެއް ހިންގާ މުއްސަނދި އާއިލާއެކެވެ. ކުރިން އަވަހާރަކޮށްލާފައިވާ އޭނާގެ ބައްޕަ ރަފީގުލްހަރީރީއަށް ލުބްނާނުގެ ރައްޔިތުކަމުގެ ހައްގުގެ އިތުރުން ސައޫދީ ރައްޔިތުކަމުގެ ހައްގުވެސް އޮތެވެ.

ހަރީރީގެ އާއިލީ ވިޔަފާރީގައި މިހާރު އިސްކޮށް ހުންނަވަނީ ސައްދުލްހަރީރީ އެވެ. ސައުދުލްހަރީރީ އާއި ސައޫދީ ސަރުކާދެމެދު ތަންކޮޅެއް ކުރިން ދެބަސްވުމެއް އުފެދުމުން ސައޫދީ ސަރުކާރުން އޭނާގެ ވިޔަފާރިއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރިއެވެ. ނަތީޖާއަކަށްވީ ސައޫދީން ލުބްނާނުގައި ހާސިލްކުރަން ބޭނުންވާ ކަންކަމަށް އެއްބާރުލުން ދެއްވުމަށް ސައުދުލްހަރީރީއަށް މަޖްބޫރުވެވަޑައިގަތުމެވެ.

މިފަހަރު ސައުދުލްހަރީރީ ލުބްނާނުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ މި ދެއްވީ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށާއި އެޖަމާއަތުގެ ފަހަތުގައިވާ އީރާނާދެކޮޅަށް ވަރުގަދަ އިންޒާރުތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސަރުކާރުގެ އިސްވެރިން ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ސައްދުލްހަރީރީ ސައޫދީއަށް ވަޑައިގެންނެވުމުގެ ދެދުވަސްކުރިން ޓްރަމްޕްގެ މުސްތަޝާރު އަދި އޭނާގެ ދަނބިދަރި ގެރިޑް ކުޝްނާ ސައޫދީ އަށް ސިއްރިޔާތުގައި (އިޢުލާން ކުރެއްވުމަކާނުލައި) ވަޑައިގެން ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ވަނީ ބައްދަލުކުރައްވާފައެވެ.

ސައުދުލްހަރީރީ އިސްތިއުފާ ދެއްވީ ކުޝްނާގެ ދަތުރަށްފަހު އޭނާ ލުބްނާނަށް ވަޑައިގެން މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރެއްވުމަށްފަހު ސައޫދީގައި ހުންނަވައި ގެންނެވެ. އިސްތިއުފާގެ ޚިތާބުގައި ސައުދުލްހަރީރީ ވަނީ ލުބްނާނުގައިވާ އީރާނުގެ "އަތް" ބުރިކޮށްލައްވާނެ ކަމަށް ވިދާޅުވެ އޭނާ މީގެކުރިން ވާހަކަ ނުދައްކަވާ ހަރުކަށި ރާގަކުން ވާހަކަ ދައްކަވާފައެވެ.

ހިޒްބުﷲ ދެކެ އެމެރިކާއާއި އިސްރާއީލު ރުޅިއަންނަނީ އެޖަމާއަތަކީ ދެކުނު ލުބްނާނުން އިސްރާއީލުގެ އިސްތިއުމާރީ ބާރުތައް ގަދަބާރުން ބޭރުކޮށް ފައްސާލައި އިސްރާއީލުގެ ވަކިތަކުން ދެކުނު ލުބްނާން މިނިވަންކުރި ބާރުގަދަ ޖަމާއަތް ކަމަށްވެފައި އެއީ އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރުމުގެ ގާބިލްކަން ލިބިގެންވާ އިސްރާއީލު ބިރުގަންނަ ވަރުގަދަ ޖަމާއަތަކަށްވާތީއެވެ. މީގެއިތުރުން އެޖަމާއަތުގެ ފަހަތުގައި އީރާން އޮތުމަކީވެސް އެމެރިކާއާއި އިސްރާއީލާއި އެމެރިކާގެ ބައިވެރިން ރުޅިއަންނަ ސަބަބެކެވެ.

އީރާންދެކެ އެމެރިކާ ރުޅިއަންނަ ހަގީގީ ސަބަބުތަކުގެ ތެރޭގައި އީރާނަކީ އެމެރިކާގެ ހެއްދިހާ ގޮތަކަށް ހެދޭ ގައުމަކަށް ނުވުމާއި އަދި އީރާނަކީ އެމެރިކާގެ ހަތިޔާރަށް ބަރޯސާނުވެ އަމިއްލައަށް ހަތިޔާރު ހަދައި ޒަމާނީ ޓެކްނޮލޮޖީ ތަރައްގީ ކުރާ ގައުމަކަށް ވާތީއެވެ. އެހެންކަމުން ގަލްފުގެ އަރަބި ގައުމުތަކަށް ބިރުދައްކައިގެންނާއި އެގައުމުތަކަށް ހަތިޔާރު ވިއްކައިގެން އެގައުމުތަކުގެ މުއްސަނދިކަން އެމެރިކާ އަތުލަމުންދާ ގޮތަށް އީރާނުގެ މުއްސަނދިކަން އަތުލުމަކީ އެމެރިކާއަށް ކުރެވޭވަރު ކަމަކަށް ނުވެއެވެ.

މީގެއިތުރުން އީރާނުން އިސްރާއީލާ ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތަކީވެސް އެމެރިކާއާއި އިސްރާއީލުގެ ރުޅި އީރާނަށް އަމާޒުވާ ކަމެކެވެ. އިރާގާއި ސޫރިޔާ ހަލާކުކޮށްލި ގޮތަށް އީރާން ހަލާކުކޮށްލުމުގެ ރޭވުންތައް އެމެރިކާ ރާވަމުންދާތާ އެތަށް އަހަރެއް ވެއްޖެއެވެ. ނަމަވެސް އެކި ސަބަބުތަކާގުޅިގެން މިކަންވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ޓްރަމްޕް އޭނާގެ އަރަބި ބައިވެރިންނާ އަދި އިސްރާއީލާ ގުޅިގެން އީރާނާއި ހިޒްބުﷲ އާ ދެކޮޅަށް ހަނގުރާމައެއް ފަށަން ތައްޔާރުވަމުންދާކަމަށް މެދުއިރުތުމަތީގެ މަސްރަހު ދިރާސާ ކުރައްވާ އަސްކަރީ ސްޓްރެޓީޖިކް ތަޖްރިބާކާރުން ވިދާޅުވަމުން ގެންދަވާތާ ދުވަސްތަކެއް ވެއްޖެއެވެ. އިރާގާއި ސޫރިޔާގެ ކުރުދީން މިނިވަންކަން އިއުލާން ކުރުމަށް ކުރާ މަސައްކަތްތަކަކީވެސް މިކަމާ ގުޅިފައިވާ ކަމެއްކަމަށް ވަނީ ބެލެވިފައެވެ.

ހަނގުރާމައާއި ތަޅާފޮޅުމާނުލައި އެމެރިކާގެ ހަތިޔާރުގެ އިންޑަސްޓްރީ ނުހިނގާނެތީ ހަނގުރާމަތަކަށް ދުރާލާ ރޭވުމަކީ އެމެރިކާ ގެންގުޅޭ ސިއްރު އަދި ނުރައްކާތެރި ސްޓްރެޓެޖީ އެކެވެ. ސޫރިޔާގެ ހަނގުރާމައާއި އައިއެސް އާ ދެކޮޅަށް ކުރާ ހަނގުރާމަވެސް މިހާރު ނިމުމަކަށް އައިސްފައިވާއިރު އިސްލާމީ ގައުމުތަކުގެ މެދުގައި ލޭއޮހޮރުވުން ބޮޑު އިތުރު ހަނގުރާމައެއް ފެށުމަކީ އެމެރިކާއާއި އިސްރާއީލު މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތަކެވެ.

comment ކޮމެންޓް