އިނގިރޭސި ދިފާއީ ވަޒީރަކަށް އައު ބޭފުޅަކު އައްޔަންކޮށްފި

އިނގިރޭސި އައު ދިފާއީ ވަޒީރު ގެވިން ވިލިޔަމްސަން

ލަންޑަން (ނޮވެމްބަރު 3) : އަންހެނަކަށް ޖީންސީ ގޮތުން ގޯނާކުރިކަން ބޭޒާރުވުމާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވި އިނގިރޭސި ދިފާއީ ވަޒީރު މައިކަލް ފެލޮންގެ ބަދަލުގައި އެމަގާމަށް ގެވިން ވިލިޔަމްސަން އައްޔަންކޮށްފި އެވެ.

އުމުރުން 41 އަހަރުގެ ވިލިޔަމްސަން، ދިފާއީ ވަޒީރުކަމަށް އައްޔަން ކުރުމަށް ފަހު އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވީ އޭނާއަކީ އެމަގާމަށް ކުފޫ ހަމަވާ ޒުވާން އުންމީދީ ބޭފުޅެއް ކަމުގަ އެވެ. ވިލިޔަމްސަން އެމަގާމަށް އައްޔަން ކުރުމަށް އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ވަނީ ރުހުން ދެއްވައިފަ އެވެ. ވިލިޔަމްސަން ސިފަކުރެވެނީ އިނގިރޭސިވިލާތުގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީގެ އުންމީދީ ސިޔާސީ ބޭފުޅެއްގެ ގޮތުގަ އެވެ.

އޭނާ އެ ޕާޓީގައި މަސައްކަތްކުރައް ވަނީ އެޕާޓީގެ ޒައީމާ ތެރީސާ މޭގެ ސީދާ ބެއްލެވުމުގެ ދަށުން އިދާރީ ދާއިރާގަ އެވެ. ވިލިޔަމްސަން އަކީ ތެރީސާ ވަރަށް އިތުބާރު ކުރައްވާ އޭނާގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވެ އެވެ. ވިލިޔަމްސަން ކޮންޒަވެޓިވް ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާން ފެށީ ކުރީގެ ބޮޑުވަޒީރު އަދި ކޮންޒަވެޓިވް ޕާޓީގެ ޒައީމް ޑޭވިޑް ކެމެރޮން މަގާމުން އިސްތިއުފާ ދެއްވުމާ އެކު މިހާރުގެ ބޮޑުވަޒީރު ތެރީސާ މޭ އެޕާޓީގެ ޒަޢާމަތާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އެވެ. އަސްކަރީ ދާއިރާގައި މީގެކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅަކަށް ނުވާތީ ވިލިޔަމްސަން އަކީ އަސްކަރީ ދާއިރާގެ އެއްވެސް ތަޖްރިބާއެއްނެތް ބޭފުޅެކެވެ.

އިސްތިއުފާ ދެއްވި ފެލޮން

ކުރީގެ ދިފާއީ ވަޒީރު މައިކަލް ފެލޮން،60، މަގާމުން އިސްތިއުފާ ދެއްވީ މީގެ އަހަރުތަކެއް ކުރިން އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އެއަންހެން މީހާ ފެލޮން ބޭޒާރު ކޮށްލުމުންނެވެ. އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންގެ ތެރެއިން ހަތް ބޭފުޅުންނަކީ އެކިވަރުގެ ޖިންސީ ގޯނާތައް އެކި ދުވަސްވަރު އަންހެނުންނަށް ކޮށްފައިވާ ބޭފުޅުންކަމަށް އިނގިރޭސި މީޑިއާ ބުނެ އެވެ.

މީގެއިތުރުން އިނގިރޭސި އެކި ޕާޓީތަކުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ 60 ބޭފުޅުން އަންހެނުންނަށް އެކި ފަހަރުމަތިން ޖިންސީ ގޯނާތައްކޮށްފައިވާ ކަމަށާއި އެފަދަ ގޯނާތައް އާންމުކޮށް ކޮށްފައި ވަނީ އިނގިރޭސި ސިޔާސީ ޕާޓީތަކުން އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން ކޭންޕޭންތައް ހިންގާ ދުވަސްވަރުގައި ކަމަށްވެ އެވެ.

މިފަދަ ގޯނާތަކަށް ގިނަފަހަރު އަންހެނުންވެސް އަޅާނުލާކަމަށާއި ފަހުން މިފަދަ ގޯނާތައް ކުރިކަމަށް ބުނެ ފަޅާއަރުވާލަނީ އެގޮތަށް ޖިންސީ ގޯނާ ލިބިފައިވާ އަންހެނުން އެފަދަ ބޭބޭފުޅުންގެ ކިބައިން ފައިސާއާއި އެނޫން ވެސް ކަންކަމަށް އެދުމުން އެކަންކަން ކޮށްދިނުމަށް ފަސްޖެހުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު