ޤައުމީ ބާސްކެޓް ލީގުގެ އަންހެން ޑިވިޝަންގެ ކުޅުން ފަށައިފި

ތިންވަނަ އެމްބީއޭ ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލު މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާރަ ވަނަ ޤައުމީ ބާސްކެޓް ބޯޅަ ލީގު އަންހެން ޑިވިޝަންގެ ފުރަތަމަ މެޗު ބޮޑު ތަފާތަކުން ފުލިދޫ ޔޫތު ސްޕޯޓްސް ކުލަބުގެ މައްޗަށް ޖިބިއްލީ ސްޕޯޓްސް ކްލަބް ކުރި ހޯދައިފިއެވެ.

އިއްޔެ ހަވީރު ކުޅުނު މި މެޗު ޖިބިއްލީ އިން ކާމިޔާބު ކޮށްފައި ވަނީ 3-157 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖިބިއްލީ ސްޕޯޓްސް ކްލަބްގެ އާމިނަތު ޝިއުރާއެވެ.

މުބާރާތުގައި ރޭ ކުޅުނު ދެ މެޗުގައި ރެޑްވިންގްސް ބީސީ އާއި ވާދަކޮށް 73-64 އިން މެޗު ކާމިޔާބު ކުރީ ސައިކްލޯން ބީސީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސައިކްލޯން ބީސީގެ ރާއިފާ އިބްރާހީމެވެ.

ގައުމީ ބާސްކެޓްބޯލް ލީގުގެ އަންހެން ޑިވިޝަނުގައި ހަތަރު ޓީމު ވާދަކުރާއިރު، ލީގު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އަންހެން ޑިވިޝަނުގައި ވާދަކުރާ ޓީމުތަކަކީ ފުލިދޫ ޔޫތު ސްޕޯޓްސް ކްލަބާއި ޖިބިލީ ސްޕޯޓްސް ކްލަބާއި ސައިކްލޯން ބާސްކެޓްބޯލް ކްލަބާއި ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބެވެ.

މުބާރާތުގައި މިއަދު ހަވީރު ވާދަ ކުރާނީ ފިރިހެން ޑިވިޝަންގެ ޓީރެކްސް އާއި ރެޕްޓުއާސްއެވެ. ޓީރެކްސް ވަނީ ފުރަތަމަ މެޗުގައި ކިންގްސް ބީސީ އަތުން 94-78 ޕޮއިންޓުން ބަލިވެފަ އެވެ. ރެޕްޓުއާސް ވަނީ ދަ ބައުސްއާއި ވާދަކޮށް 87-82 ޕޮއިންޓުން ކުރި ހޯދާ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ.

ފިރިހެން ޑިވިޝަންގައި ވާދަކުރަނީ މި ހަތަރު ޓީމެވެ. އެ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މުބާރާތް ކުރިއަށްދާނެއެވެ.

comment ކޮމެންޓް