އުމަރުގެ ކޮރަޕްޝަން މައްސަލައެއް ނެތް ކަމަށް އޭސީސީ އިން ކަނޑައަޅައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކޮރަޕްޝަން މައްސަލައެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައަޅައިފިއެވެ.

އޭސީސީން އެގޮތަށް ނިންމާފައި ވަނީ އުމަރުގެ ވޭލް ސަބްމެރިން ކުންފުންޏާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ.

އޭސީސީ އަށް މައްސަލަ ހުށަހެޅީ ގަވާއިދާ ހިލާފަށް ޓޫރިޒަމްގެ ބޭނުމަށް ފިޝަރީޒް މިނިސްޓްރީން ވޭލް ސަބްމެރިން ކުންފުންޏަށް ފަޅެއް ދޫކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް ތަހުގީގު ނިންމައި އެ ކޮމިޝަނުން އާންމު ކުރި ރިޕޯޓުގައި ވަނީ އެކުންފުންޏަށް ސަރުކާރުން ފަޅެއްދީފައިނުވާ ކަމަށެވެ.

އެހެން ކުންފުންޏަކަށް ދޫކޮށްފައިވާ މާލެ އަތޮޅުގެ ފަޅެއް ކުއްޔަށް ހިފުމަށް ވޭލް ސަބްމެެރިން ކުންފުނީގެ ފަރާތުން 2014 ވަނަ އަހަރު ހުށަހެޅި ކަމަށް އެ ކޮމިޝަނުން ބުންްްޏެވެ.

އޭސީސީގެ ރިޕޯޓުގައި ވަނީ އެ ކުންފުނީގެ ފަރާތުން ފަޅުގެ މާސްޓާ ޕްލޭން ހުށަހެޅިއިރު ފަޅު ދޫކުރުމަށް ހަމަޖެހިފައިވާ މަގުސަދާ ޚިލާފު ކަންތައްތަކެއް ހިމެނޭތީ ފަޅު ދޫނުކުރާގޮތަށް ނިންމައި އެކަން އެކުންފުންޏަށް ވަނީ އަންގާފައި ކަމަށެވެ.

އެހެންކަމުން އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާ ކަމަށް އެ ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

އެ ނިންމުމާ ގުޅޭގޮތުން އުމަރު މިއަދު "ސަން" އަށް ވިދާޅުވީ ސަބްމެރިން އަށް ފަޅެއް ބޭނުންވާ ކަމަށާއި ފަޅެއް ހޯދުމަށްޓަކައި ހުރިހާ ސަރުކާރެއްގައި ވެސް މަސައްކަތްކޮށްފައިވާނެ ކަމަށާއި އެކަންކުރީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.

"އަދިވެސް ފަޅެއް ހޯދަން އެދޭނަން. ރައީސް މައުމޫންގެ ސަރުކާރުގައި ވެސް، ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް ސަބްމެެރިންއަށް ފަޅެއް ހޯދުމަށް އެދިފައިވާނެ. ފަޅު ހޯދުމަށްޓަކައި ވަލު ދޮރޯށީގައި ޓަކި ދީފައިނުވާނެ. ކަމާ ބެހޭ ސަރުކާރުގެ އިދާރާ އަށް ހުށަހަޅާފައިވާނީ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތު އޭނާއާ މެދު އެއްވެސް ފަރާތަކަށް ކުރެވޭނަމަ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް އެދިވަޑައިގަންނަވާކަމަށެވެ.

"އެއްވެސް ފަރާތަކަށް އަޅުގަނޑާ މެދު ކޮރަޕްޝަންގެ ތުހުމަތެއް ކުރެވޭނަމަ އޭސީސީއަށް މައްސަލަ ހުށަހަޅަންވީ. އެކަމަށް އަޅުގަނޑު މަރުހަބާ ކިޔަން،" އުމަރު ވިދާޅުވިއެވެ.

comment ކޮމެންޓް