ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށް އުފައްދާ ފިލްމް "ޕަދްމާވަތީ" އިން ބައެއް މަންޒަރުތައް ކަނޑައިލަން ޖެހިއްޖެކަމަށް ފިލްމުގެ ޑައިރެކްޓަރު ބުނެފިއެވެ.
ސަންޖޭ ބުނީ ފިލްމުން ބައެއް މަންޒަރުތައް ކަނޑައިލަން ޖެހުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ނަމަވެސް ފިލްމު އެޅުވޭނީ ބައެއް މަންޒަރުތައް ކަނޑައިލައި ފިލްމު ކުރުކޮށްލުމަށްފަހު ކަމަށެވެ.
ފިލްމަށް މިހާރު ދިމާވެފައިވާ މައްސަލައަކީ ފިލްމު ތަންކޮޅެއް ދިގުވުމެވެ. މިހާރު އެ ފިލްމުގައި 210 މިނެޓްގެ ދިގުމިން ހުރި އިރު ޓީމުން ވެސް ގަބޫލުކުރާ ގޮތުގައި ފިލްމުން ބައެއް މަންޒަރުތައް ކަނޑައިލަން ޖެހެއެވެ.
ސަންޖޭ ބުނީ އެންމެ ޖެހިލުންވަނީ މުހިއްމު ބައެއް ފިލްމުން އުނިވެދާނެތީ ކަމަށާއި ވަކި ތަރިއެއްގެ ރޯލު ޑިލީޓް ކުރަން ޖެހުމުން އެކްޓަރުން ދެރަވެދާނެތީވެސް ވަރަށް ކަންބޮޑުވާކަމަށެވެ.
ފިލްމުގެ ޝޫޓިން ގާތްގަނޑަކަށް ނިމި، ފުރަތަމަ ލަވަ "ގޫމަރް" ރިލީޒްކޮށްފައިވާއިރު އެ ފިލްމަކީ ބެލުންތެރިންވެސް އެ ފިލްމަކަށްޓަކައި ވަރަށް އިންތިޒާރު ކުރާ ފިލްމެކެވެ.
ޑިސެމްބަރު މަހު އެއް ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އެ ފިލްމަކީ ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.