ފާރިސްއާ ދެކޮޅަށް ސިއްރުން ހެކިބަސްދެނީ ރިޝްވަތު ހިފި ކަމަށް ބުނާ މެމްބަރު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގައި ސިއްރުން ހެކިބަސްދެނީ ރިޝްވަތު ހިފި ކަމަށް ބުނާ މަޖިލިސް މެމްބަރުކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ ފާރިސްގެ ވަކީލުންނަށް ދޫކޮށްފައިވާ ސިއްރު ހެކި ހުށަހެޅި ސަބަބު ބަޔާންކުރާ ލިޔުމުންނެވެ.

ސިއްރު ހެކީގެ ފަރާތުން ސާބިތުކުރަން އެދޭ ކަންކަން

  • ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކުރެވޭނީ ޕާޓީން ފައިސާދިނުމުން ކަމަށް ލ. ފޮނަދޫ ސްވީޓްފްލާވާ އަހުމަދު ޝާފިއު ގާތު ސިއްރު ހެކި ބުނުމުން ތިކަން ހަމަޖެހިދާނެ ކަމަށާއި ޖެހޭނީ ފޯމެއްގައި ސޮއިކޮށްލަން ކަމަށް ޖަވާބުގައި ޝާފިއު ބުނިކަން.
  • ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާ ލިޔުމުގައި ސޮއިކުރަން ޖެހޭނެ ކަމަށް ޝާފިއު ބުނިކަން.
  • އެއަށްފަހު މާފަންނު ކޯރުކެނޑިމަގުގައި ހުރި ގެއަކަށް ސިއްރު ހެކި ދިޔަކަމާއި އެގެއިން ފާރިސް މައުމޫނާ ބައްދަލުވެ އޭނާ ދިން، ބަޔަކުގެ ނަންޖަހައި ސޮއިކޮށްފައިވާ ގަނޑެއްގައި ސޮއިކުރިކަން.
  • އޭގެފަހުން ފާރިސް ދިން ކަމަށް ބުނެ ސިއްރުން ހެކިބަސްދޭ މީހާ އަށް ޝާފިއު ފައިސާ ހަވާލުކުރިކަން.

އެ މެމްބަރުގެ ހެކިބަސް ސިއްރު ކުރުމުން ފާރިސްގެ ގާނޫނީ ވަކީލުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

އެ މެމްބަރުގެ ހެކިބަސް ސިއްރު ކުރަން ބޭނުންވަނީ އޭނާ އަކީ ކާކުކަން އެނގޭގޮތަށް ހެކިބަސް ނަގައިފިނަމަ އޭނާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން ކަމަށް ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލުގެ ވާހަކަތަކާ ގުޅޭގޮތުން ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ އެ ހެކިވެރިޔާ އަކީ ފާރިސް ރިޝްވަތުދިން ކަމަށް ބުނާ މަޖިލިސް މެމްބަރު ކަމަށްވާއިރު، އޭނާ އަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ފާރިސްއަށް އޮތީ ކިހިނެތްކަން ސާފުނުވާ ކަމަށެވެ.

ަމައުމޫން ހަމީދު ވިދާޅުވީ އެ މެމްބަރުގެ ހެކިބަސް ސިއްރުން ނަގައިފިނަމަ ދޮގު ހެކި ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ހެކިބަސް ނަފީކުރަން ހެކި ހުށަހެޅުމުގެ ފުރުސަތު ވެސް ގެއްލިގެންދާނެ ކަމަށެވެ.

ރައްދުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އެއީ މީގެކުރިން ވެސް ކޯޓުން އަމަލުކުރަމުން އަންނަ ގޮތެއް ކަމަށާއި ސިއްރު ކުރިޔަސް ހެކިވެރިޔާއާ ސުވާލުކުރުމުގެ ފުރުސަތު ފާރިސްއަށް ލިބޭނެ ކަމަށެވެ.

ގާޒީ އަލީ އާދަމް ވިދާޅުވީ ހެކި ސިއްރު ކުރަނީތޯ ނުވަތަ ނޯންތޯ ނިންމާނީ ފަހުން ކަމަށެވެ.

އެ މައްސަލަ ސާބިތުކުރަން ފާރިސްއާ ދެކޮޅަށް ދެން ހުށަހެޅި ހެކިތަކުގެ ތެރޭގައި މޮބައިލް ފޮރެންސިކް ރިޕޯޓާއި ފުލުހުންގެ ތިން އިންވެސްޓިގޭޝަން އޮފިސަރުން ހިމެނެއެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ ޝަރީއަތް ފެށުމުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހަޅާ ކަންކަން ހުށަހެޅުމެވެ. އެގޮތުން ޖުމްލަ 22 ކަމެއް ހުށަހެޅުމަށް ފާރިސްގެ ވަކީލުން ނިންމާފައިވާއިރު، މިއަދު ހުށަހެޅީ ހަ ކެމެކެވެ. ބާކީ ހުށަނާޅައި ވަނީ 16 ކަމެކެވެ.

މިއަދުގެ އަޑުއެހުމުގައި ފާރިސްގެ ފަރާތުން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގައި ވެސް ފާހަގަކުރި ބައެއް ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދަންޖެހޭ ގަވާއިދު ހަދާފައިނުވާތީ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް މިއަދުވެސް އެދުނެވެ.

އޭގެ ރައްދުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ގަވާއިދު ނެތިގެން ޝަރީއަތް މެދުކަނޑާލާނަމަ އެއީ އެކަށީގެންވާ އަވަސްމިނެއްގައި ޝަރީއަތް ހިންގުމަށް ގާނޫނު އަސާސީން ލިބިދޭ ހައްގަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކަމަށެވެ.

ރިޝްވަތުގެ ފައިސާ ބެހި ކަމަށް މަޖިލިސް މެމްބަރަކު އިއުތިރާފުވެފައިވާއިރު، އެ މެމްބަރުގެ މައްސަލަ ނުބަލައި ފާރިސްގެ މައްޗަށް އެ ދައުވާ ކުރާތީ މައުމޫން ހަމީދު ވަނީ އެކަން ފާހަގަކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެއީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ އެ މައްސަލައާ ގުޅިގެން ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

ގާޒީ އަލީ އާދަމް މިއަދުގެ އަޑުއެހުން ނިންމާލެއްވީ ފާރިސްގެ ފަރާތުން ހުށަހަޅަންހުރި އިތުރު ހުށަހެޅުންތައް ހުށަހެޅުމަށް ބުރާސްފަތި ދުވަހު އަޑުއެހުމެއް ބާއްވާނެކަން އިއުލާންކުރެއްވުމަށްފަހުއެވެ.

comment ކޮމެންޓް