މެލޭޝިއާގެ ބިން ހިއްކުމަށް އެމްޓީސީސީގެ މަހާޖައްރާފާ

އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޑްރެޖިންގެ މުސްތަގުބަލް ވަރަށް ރަނގަޅުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވޭ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ރާއްޖެ ގެންނަ މަހާޖައްރާފުން ބިން ހިއްކުމުގެ މަޝްރޫއު ހިންގަން، މެލޭޝިޔާއިން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ، މެލޭޝިޔާގެ ކުންފުންޏަކުން އެ ގައުމުގައި ބިން ހިއްކުމަށް ހުށަހެޅުން ލިބިފައިވާ ކަމަށާއި އެންބަސީ މެދުވެރިކޮށް އެކަމުގެ މަޝްވަރާތަށް ކުރަމުން އަންނަ ކަމަށެވެ.

ޒިޔަތު ވިދާޅުވީ ބޭރުގެ ގައުމަކުން ބިންހިއްކުމުގެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމުން ވަރަށް "އެގްސައިޓް" ވެފައިވާ ކަމަށާއި މަހާ ޖައްރާފުގެ ޑްރެޖިންގެ މުސްތަގުބަލް ވަރަށް ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެން ވެސް ރަށް ބޮޑަށް އެކްސައިޓްވެފައި މި ތިބީ. އަދި ޑްރެޖަރު ރާއްޖެ އައުމުގެ ކުރިން ކުރިން ރާއްޖޭން ވެސް ދެ ޕްރޮޖެކްޓް ހަމަޖެހިފަ މި އޮތީ. ބޭރުގެ ޕްރޮޖެކްޓަކުން ވެސް އެކަމުގެ މައުލޫމާތު ހޯދަން ބުނީ. ދެން އެހެން ވީމަ އެބަ އެނގޭ ޑްރެޖިންގަ ވަރަށް ރަނގަޅު ފިއުޗާއެއް އެބަ އޮތްކަން،" ޒިޔަތު ވިދާޅުވިއެވެ.

މި މަހުގެ 30 ވަނަ ދުވަހު ޑްރެޖަރު އަންނަ ކުރީގައި ހަމަޖެހިފައި އޮތަސް މި މަހުގެ 25 ވަނަ ދުވަހު ޑްރެޖަރު ކުޅުދުއްފުޓަށް ވަންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ޑްރެޖަރުގެ އެންމެ ފުރަތަމަ ޕްރޮޖެކްޓެއް ގޮތުގައި ކުރަން ހަމަޖެހިފައި ވަނީ ހދ. ކުޅުދުއްފުށީ ކުޅި އާއި މޫދުން ބައެއް ހިމެނޭ ގޮތަށް އެ ރަށުގައި އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އެ ޕްރޮޖެކްޓަށް 180 ދުވަސް ނަގާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ ށ، ފޮނަދޫ އެއާޕޯޓް ބިންހިއްކުމުގެ މަސައްކަތާއި ހަވާލުވެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާކަމަށެވެ. އަދި އެ ޕްރޮޖެކްޓަކީ 21 ހެކްޓަރުގެ ބިން ހިއްކުމުގެ ޕްރޮޖެކްޓެއް ކަމަށާއި 150 ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓްގެ މަސައްކަތްވެސް ނިންމާލެވޭވަރު ވާނެ ކަމަށެވެ. ށ. ފޮނަދޫ ބިންހިއްކުމުގެ ޕްރޮޖެކްޓްގެ އަގަކީ 52.9 މިލިއަން ރުފިޔާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ދަނި، ޑްރެޖަރުން އިތުރު މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދުމަށް ހިއްސާދާރުންނަށް ހިއްސާ ވިއްކަން ފަށައިފަ އެވެ. އަދި ޑްރެޖަރު ބަންނަން ދިޔަ 36 މިލިއަން ރުފިޔާ 10 އަހަރު ދުވަސްތެރޭގައި ހޯދޭނެކަމަށް ގަބޫލު ކުރައްވާކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

comment ކޮމެންޓް