ވެމްކޯގެ ބޭނުމަށް ދިހަ ބުރީގެ އިމާރާތެއް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަނީ

ވެމްކޯގެ ކުނި ކަލެކްޝަންގައި ބޭނުންކުރާ ވެހިކަލެއް ދޮންނަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންކުރާނެ ދިހަ ބުރީގެ އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފި އެވެ.

އެ ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެއީ ކުނި މެނޭޖް ކުރުމުގެ އިދާރީ މަސައްކަތްތައް ކުރުމަށް އޮފީހެއްގެ ގޮތުގައި ބޭނުން ކުރުމަށް އަޅާ އިމާރާތެއް ކަމަށެވެ.

ވެމްކޯ އިން ބުނީ، ދިހަ ބުރީގެ އިމާރާތުގެ ޑީޓެއިލްޑް ޑިޒައިން މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެ ވަނަ ދުވަހު ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ އިމާރާތާ ގުޅޭ އެއްވެސް ތަފްސީލެއް ވެމްކޯ އިން އަދި ހާމައެއް ނުކުރެ އެވެ.

މާލެ ސަރަހައްދުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ވެމްކޯ އިން ދަނީ އަންނަ މަހުން ފެށިގެން ވިލިމާލޭގައި ވެސް ހިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ. ވެމްކޯ އިން ކުނި އުކާލުމުގެ ހިދުމަތް ރަސްމީކޮށް ފެށީ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހު އެވެ. އެ ކޯޕަރޭޝަނުން ދަނީ އައްޑޫ ސިޓީިގައި ވެސް ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދެމުންނެވެ.

comment ކޮމެންޓް