ސަރުކާރަށް މައުމޫން ރައްދު ކުރެއްވި "ކެކުރި ޖޯކަށް" ރައީސް ފާޑު ވިދާޅުވެއްޖެ

ޕީޕީއެމުން ކާނިވަލުގައި މިރޭ ބޭއްވި "ތައްޔާރު" ޖަލްސާގައި ރައީސް ޔާމީން: މައުމޫނަށް ރައީސް ރައްދު ދެއްވި--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުން އަމަލު ކުރަނީ އިންސާފުން ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސަރުކާރަށް ރައްދު ކުރެއްވި "ކެކުރި ޖޯކަ"ށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފި އެވެ.

ސިޔާސީ ލީޑަރުންނަށް އަމިއްލަ އެދުމުން ފޯވެގެން ތިއްބަވާ ސިޔާސީ ލީޑަރުންނަށް ކަންކަން ތަހައްމަލް ނުކުރެވިގެން މި އުޅެނީ ރައީސް

މީގެ ތިން މަސް ކުރިން އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވެފައި ވަނީ ދަނޑުވެރިކަން ކުރާ މުއްސަނދި މީހަކަށް ކެކުރި ތިޔާގި މޫސުމެއް ދިމާވި ކަމަށާއި ދަނޑުގައި ކެކުރި ގިނަ އަދަދަކަށް ހުރުމުން ހިލޭ ކެކުރި ބެހުމަށް އެ މުއްސަނދި މީހާ ނިންމި ކަމަށެވެ. ނަމަވެސް އެ މީހާ ކެކުރި ބެހީ އިންސާފުން ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.

"މީހުން އައިމަ އެ މީހާގެ މޫނަށް ބައްލަވާލައްވާފައި އޭނަ ހިއްޕުޅު ހަމަޖެހޭ މީހެއްނަމަ ބޮޑެތި ކެކުރި ދެއްވަނީ. ބައްލަވާލައްވާފައި އެއީ މާ ރަނގަޅު ނޫން މީހެއް ކަމަށް ފެންނަ ކަމުގައިވާނަމަ އައިބުވެފައި ހުރި އުނިވެފައި ހުރި ކުދިކުދި ކެކުރިތަކުގެ ތެރެއިން ކެކުރި ދެއްވަނީ،" ކުނޫޒުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވެ އެވެ.

ރިޝްވަތު ހިފި ކަމަށް އިއުތިރާފުވެފައިވާ މީހުން މިނިވަނުންގެ ގޮތުގައި އުޅެމުންދާއިރު، ކުށް ނުކުރާ މީހުން ހައްޔަރު ކުރާ ކަަމަށް ވިދާޅުވެ މައުމޫން ވިދާޅުވީ ކުޑަކެކުރި އާއި ބޮޑު ކެކުރީގެ އުސޫލު ދައުލަތުން ގެންގުޅޭ ކަމަށެވެ.

"އެހެންވީމަ އެތާ ކިޔައި އުޅޭނެ، ކަލޭ ތި މަސައްކަތް ތި ކުރަނީ ބޮޑު ކެކުރި ކުދި ކެކުރި އުސޫލުން ދޯ އޭ."

މައުމޫންގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި ރައީސް މިރޭ ވިދާޅުވީ "ބޮޑު ކެކުރިއެއްވިޔަސް ކުޑަ ކެކުރިއެއް ވިޔަސް،" މި ސަރުކާރުން ތަފާތުކުރުން ގެންގުޅެފައި ނުވާނެ ކަމާށެވެ. ގާނޫނީ ހަމަހަމަކަން ރައްޔިތުންގެ ތެރޭގައި ގެނެސްދީފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ސަރުކާރު ނޫން ބަޔަކު ގާނޫނީ ހަމަހަމަކަން ރައްޔިތުންގެ ތެރޭގައި ގެނެސްދީފައެއް ނޯންނާނެ. އެއީ އަދި ބޮޑު ކެކުރިއެއްވިޔަސް ކުޑަ ކެކުރިއެއް ވިޔަސް. މިސަރުކާރުން ގާނޫނީ ހަމަހަމަ ކަން ހުރިހާ ރައްޔިތުންގެ ތެރޭގައި މި ގެނެސްދެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އަމިއްލަ އެދުމުން ފޯވެފައިވާ ސިޔާސީ ލީޑަރުންނަށް ކަންކަން ތަހައްމަލު ނުކުރެވިގެން އުޅެނީ، ސަރުކާރުން އެންމެންނަށް ހަމަހަމަކޮށް ކަންތައް ކުރާތީ ކަމަށެވެ.

"އެހެންވެގެން އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންނަށް އަމިއްލަ އެދުމުން ފޯވެގެން ތިއްބަވާ ސިޔާސީ ލީޑަރުންނަށް ކަންކަން ތަހައްމަލް ނުކުރެވިގެން މި އުޅެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ކުރާނެ ކަމެއް ކަމަށެވެ. އަދި ދައުލަތުން ފައިސާ ގެއްލިގެން ގޮސް ހުރީ ގާނޫނާ ޚިލާފަށް ޖިނާއީ ކުށްތަކެއް ހިމެނޭ ކަމެއްގައި ކަމުގައި ވަންޏާ އެ މީހަކާ ގާނޫނު އަރާ ހަމަ ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް