ކުޅުދުއްފުށީގައި އަޅާ ޓާޝަރީ ހޮސްޕިޓަލުގައި ބޯންމެރޯ ހެދޭނެ: މިނިސްޓަރު ނާޒިމް

މިނިސްޓަރު ނާޒިމް: ކުޅުދުއްފުށީގައި އަޅާ ޓާޝަރީ ހޮސްޕިޓަލްގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ކަމަށް ވިދާޅުވި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

އަންނަ އަހަރު ކުޅުދުއްފުށީގައި އަޅާ ޓާޝަރީ ހޮސްޕިޓަލްގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އިންޑިއާގެ ނިމްސްއާ ހަވާލުކޮށްގެން ކުޅުދުއްފުށީގައި ތަރައްގީ ކުރާ 150 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގައި ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ހެދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

"އެ ހޮސްޕިޓަލް މި ހާއްސަ ކުރަނީ ތެލެސީމިއާ ރިސާޗް ހަދާ، ތެލެސީމިއާ ކުދިންނަށް ހާއްސަ ފަރުވާ ދޭ ހޮސްޕިޓަލްއެއްގެ ގޮތުގައި. އަންނަ އަހަރު ކުރީކޮޅު އެ ހޮސްޕިޓަލްގައި ޕްރީނަޓަލް ޑައިލިސިސް ހެދޭނެ. އަދި ބޯން މެރޯ ވެސް ހެދިގެންދާނެ. އެ ޔަގީންކަން އަޅުގަނޑު ދެން،" މިނިސްޓަރު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރުން ބޯން މެރޯ ހެދުމުގެ ފުރުސަތު 24 ތެލެސީމިއާ ކުއްޖަކަށް ހޯދައިދީފައިވާ ކަމަށާއި އަހަރުގެ ބާކީ އޮތް ބައިގައި 30 ކުދިން ބޯންމެރޯ ހެދުމަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ. އެ ކުދިންނަށް ބޯންމެރޭ ހެދުމަށް ހަމަޖެހިފައި ވަނީ ޒަކާތު ފަންޑުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތެލެސީމިއާ ކުދިންގެ އާބާދީއަކީ 625 އެވެ. އޭގެ ތެރެއިން 450 ކުދިންނަކީ އަތޮޅު ތެރޭގައި ދިރިއުޅޭ ކުދިނެވެ،

މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް މިއަދު ވިދާޅުވީ ރާއްޖޭގައި 86 ތަނެއްގައި ލޭ އެޅުމުގެ ވަސީލަތް ގާއިމުކޮށްފައިވާ ކަމަށާއި މާލޭގައި މިހާރު ތެލެސީމިއާ ސްކްރީން ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް