ޖަޕާނުން ރާއްޖެ އަށް 14.2 މިލިއަން ރުފިޔާގެ މެޑިކަލް ސާމާނު ހަދިޔާކޮށްފި

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އަދި ޖަޕާން ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒޫމީ

ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާ އަށް 14.2 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓް މިއަދު ހަދިޔާކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެހީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާ ހަވާލުކޮށް ދެއްވީ ޖަޕާން ސަރުކާރުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަޒޫމީ އެންޑޯ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ހުރިހާ އިކުއިޕްމަންޓްތަކެއް ވެސް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް އިކުއިޕްމަންޓް އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

"ޖަޕާނުން ހަދިޔާކުރި އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނެނީ 13 އޮޓޯކްލޭވް، ހަތް ޑެންޓަލް ޗެއާ ޔުނިޓް، 10 އިންފަންޓް އިންކިއުބޭޓްގެ އިތުރުން މުހިއްމު އިކުއިޕްމަންޓްތަކެއް،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގެ ހަލަބޮލި މާހައުލަށް ތޮއްޖެހުން ކުޑަ ކުރެވޭނީ ވެސް އަތޮޅު ތެރޭގައި ސިއްހީ ހިދުމަތްތަށް ރަނގަޅުކޮށްގެން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގެ ސިޔާސަތުގައި ސިއްހީ ދާއިރާ ކުރިއެރުވުމުމަށް ވަރަށް އިސްކަމެއްދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގްގެ ދަށުން 2013 ވަނަ އަހަރު ވެސް 7.7 މިލިއަން ދިވެހި ރުފިޔާގެ ސާމާނު ސިއްހީ ދާއިރާއަށް ވަނީ ހަދިޔާ ކޮށްފަ އެވެ. އޭގެ އިތުރުން ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް މި އަހަރުގެ އޭޕްރިލް މަހުގައި ވަނީ ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓް ހަދިޔާ ކޮށްފަ އެވެ.

comment ކޮމެންޓް