ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާ ރައީސް ޔާމީން ބައްދަލުކުރައްވައިފި

ޔޫއޭއީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް

ރައީސުލް ޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން ޔޫއޭއީއަށް މިހާރު ކުރަމުންދާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި އުޅޭ ދިވެހި ރައްޔިތުންނާ ރޭ ބައްދަލަކުރައްވައިފި އެވެ.

ރޭގެ ބައްދަލުވުމުގައި ރައީސް ޔާމިންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ސަފީރުންގެ ތެރެއިން އެންމެ ރަނގަޅު ސަފީރުންނަކީ ސިޔާސީ ގޮތުން އައްޔަނުކުރެވޭ ސަފީރުން ނޫން ކަމަށާއި އަދި އެއީ ރާއްޖެ އިން ބޭރުގައި އުޅޭއިރު ވެސް އަހުލާގީ ގޮތުން ވެސް ދިވެހިންގެ ގަދަރު ނުވެއްޓޭ ގޮތަށް އުޅުން ބަހައްޓަވާ ސަފީރުން ކަމަށެވެ. އަދި އޫއޭއީގައި ދިރިއުޅުއްވާއިރު ވެސް ދިވެހި ރައްޔިތުން އަހުލާގީ މިންގަޑުތަކުގައި ހިފެހެއްޓުމަށް ވެސް ރައީސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ޔޫއޭއީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ރައީސް އޮފީސް

ޓެރެރިޒަމާ ދެކޮޅަށް މި ސަރުކާރުން ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލައްވައި ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ރައްޔިތުން ވެސް އެކަމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން ވަނީ އިލްތިމާސް ކުރއްވައިފަ އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި ބައިނަލްގަވީ ފެންފަރުގެ ވިޔަފާރި ބަނދަރެއް އެޅިދާނެ ކަމަށާއި އަދި ޔޫއޭއީގެ ތަރައްގީ އިން މިސާލު ނަގައިގެން ރާއްޖެ އަކީ ވެސް ވިޔަފާރީގެ ފުރުސަތު އޮތް ކާމިޔާބު ގައުމަކަށް ހެދިދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެކިދާއިރާތަކުން ރާއްޖެ އާއި ޔޫއޭއީއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

comment ކޮމެންޓް