އަނަސްގެ މަރުގެ ދައުވާ ލިބޭ ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

އަނަސް މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އަހުމަދު ޒަޔާން މިއަދު ކޯޓުން ނެރެނީ --- ސަން ފޮޓޯ

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައާ ގުޅިގެން ދައުވާ ކުރި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެ ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި މުއްދަތު މަޖިލީހުގަ އެވެ. މިއަދު ވަނީ އެ މީހުންގެ ޝަރީއަތުގެ އަޑުއެހުން ވެސް ކުރިއަށްގެންގޮސްފަ އެވެ.

ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. އަދި އަނެއް ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ.

އަނަސް މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ހަސަން މަހްފޫޒް މިއަދު ކޯޓުން ނެރެނީ --- ސަން ފޮޓޯ

ގަސްތުގައި މަރާލި ކަމުގެ ދައުވާ ލިބޭ މީހުން

  • އުސްމާން ޝަރީފް، މ. ދިމިޝްގް
  • އަހުމަދު ޒަޔާން، ޅ. ކުރެންދޫ، އަސުރުމާގެ

މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ލިބޭ މީހުން

  • ޖުނައިހު އަބްދުﷲ، ލ. ގަން، ތުނޑި، ނަންނާރިގެ
  • ހަސަން މަހްފޫޒް، ސ. ފޭދޫ، ވެސްޓަންވިލާ
  • ސިމާހު މޫސާ، ދަފްތަރު 1746

މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ދައުވާ ލިބޭ އުސްމާނާއި ޒަޔާނާއި ޖުނައިހު އާއި ސިމާހު އަށް ވަނީ ގާނޫނީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއްދީފައެވެ. މިހާތަނަށް ވަކީލަކު ހަމަޖައްސާފައި ވަނީ ދައުވާ ލިބޭ މަހުފޫޒެވެ.

ގާޒީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް 10 ދުވަސް ފަހުން ބާއްވާނެ ކަމަށް އިއުލާންކުރެއްވުމަށްފަހުއެވެ.

އަނަސްގެ މަރާ ގުޅިގެން ދައުވާ ކުރި ޖުނައިހު އަބްދުﷲ މިއަދު ކޯޓުން ނެރެނީ --- ސަން ފޮޓޯ

އެ ފަސް މީހުންގެ އިތުރުން، އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

އަނަސްގެ މަރަށްފަހު ފުލައިގެން އުޅެނިކޮށް ހައްޔަރުކުރި ދެ މީހުން ކަމަށްވާ ތ. ކިނބިދޫ، ގުލްފާމްގޭ މުހައްމަދު ސާޒް އާއި މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގުގެ މައްސަލަ އަދި ޕީޖީ އޮފީހަށް ފޮނުވާފައެއްނުވެއެވެ. ފުލުހުން އަންނަނީ އެ ދެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޖުލައި 31 ވަނަ ދުވަހުގެ ރޭ 9:15 އެހައިކަންހާއިރު އަނަސް އަށް ވަޅިން ހަމަލާދިނީ މޫނުނިވާކޮށްގެން ތިބެއެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު، އަނަސްއަށް ވަޅިން ހަމަލާދޭ މަންޒަރު ލިޓަސް ސާވިސް ސެންޓަރުގެ ސީސީޓީވީ ކެމެރާއަށް ވަނީ އަރާފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށެވެ.

comment ކޮމެންޓް