ތުމްހާރީ ސޫލޫ: ވިދްޔާގެ އެންމެ މޮޅު ފިލްމު؟

ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް ވިދްޔާ ބާލަންގެ ކުރިއަށް އޮތް ފިލްމު 'ތުމްހާރީ ސޫލޫ' ގެ ޓްރެއިލާ ރިލީޒްކޮށްފި އެވެ.

ސުރޭޝް ތުރިވޭނީ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމުގެ ޓްރެއިލާ ރިލީޒް ކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ފިލްމުގެ ޓްރެއިލާ ބެލުމަށް ފަހު ތަޖުރިބާކާރު އެކްޓަރު އަނިލް ކަޕޫރު، ޝަބާނާ އާޒްމީ އަދި ރިތޭޝް ދޭޝްމުކް ފަދަ ތަރިން ވަނީ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

އެގޮތުން އެ ފިލްމަކީ ދިވްޔާގެ "ބެސްޓް" ކަމަށް އެ ފަންނާނުން ވަނީ ބުނެފައެވެ.

"އެންމެ އާދައިގެ ރޯލުތަކުން ވެސް މީހުންގެ ލޯބި ހޯދުމަކީ ވިދްޔާއަށް ލިބިފައިވާ ތަފާތު ހުނަރެއް،" އަނިލް ކަޕޫރު ބުންޏެވެ.

'ތުމްހާރީ ސޫލޫ' އަކީ އާރްޖޭ އަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ އަންހެނެއްގެ ވާހަކަ ގެނެސްދޭ ކޮމެޑީ ޑްރާމާ ފިލްމެކެވެ. ވިދްޔާ (ސޫލޫ) އަކީ އާރްޖޭ އަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ އަންހެނެކެވެ.

އޭނާގެ ހުވަފެން ހަގީގަތަކަށް ހަދަނީ ފިރިމީހާއަށް ސިއްރުން، ދަންވަރު ގަޑީގައި ރޭޑިއޯ ޝޯތައް ހުށަހަޅައިގެންނެވެ.

ވިދްޔާގެ އިތުރުން މާނަވް ކޯލް، ނޭހާ ދުޕިއާ އަދި ކުޅަދާނަ އާރްޖޭ މަލިކްޝާ މުހިންމު ރޯލުތަކުން ފެނިގެންދާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

comment ކޮމެންޓް