ހާވީ ވައިންސްޓީންގެ ޝިކާރައަކަށް އައިޝްވާރްޔާ ނުވީ ކިރިޔާ!

ރޭޕް އާއި ޖިންސީ ފުރައްސާރައިގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ހޮލީވުޑްގެ ނުފޫޒުގަދަ ޕްރޮޑިއުސަރު ހާވީ ވައިންސްޓީން، ބޮލީވުޑްގެ ބަތަލާ އަދި ދުނިޔޭގެ ރީތީގެ ރާނީ އައިޝްވާރްޔާ ރާއީ ބައްޗަން އާއި ވަކިން ބައްދަލު ކުރަން އެކި ފަހަރު މަތިން މަސައްކަތް ކުރި ކަމަށް އައިޝްވާރްޔާގެ ކުރީގެ އިންޓަނޭޝަނަލް ޓެލެންޓް މެނޭޖަރު ބުނެފި އެވެ.

ވެރައިޓީ.ކޮމް ގައި އައިޝްވާރްޔާގެ ކުރީގެ ޓެލެންޓް މެނޭޖަރު ސިމޯން ޝެފީލްޑް ބުނެފައި ވަނީ އައިޝްވާރްޔާ އާއި ވަކިން ބައްދަލު ކުރަން ހާވީ ވަރަށް ގިނައިން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެ ފުރުސަތު އޭނާ ދީފައި ނުވާނެ ކަމަށެވެ.

ކޭންސް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ފަދަ އިވެންޓު ތަކުން އައިޝްވާރްޔާ އާއި ހާވީ ވަނީ އެކި ފަހަރުމަތިން ބައްދަލުވެފައެވެ.

"އަހަރެން ކުރިން މެނޭޖްކުރީ އިންޑިއާގެ އެކްޓްރެސް އައިޝްވާރްޔާ ރާއި. އަހަރެން ގާތަށް ހިނިވެސް އައި އައިޝްވާރްޔާ އާއި އެކަހެރިކޮށް ބައްދަލު ކުރަން ހާވީ މަސައްކަތް ކުރަމުން ދިޔަ ވަރު ފެނުމުން. ބައްދަލުވުންތަކުން އަހަރެން ފޮނުވާލަން އެތައް ފަހަރަކު މަސައްކަތް ކުރި. އެކަމަކު އަހަރެން ކޮންމެ ފަހަރަކު ވެސް ދެކޮޅު ހެދިން،" އޭނާ ބުންޏެވެ.

ސިމޯން ބުނީ އައިޝްވާރްޔާ އާއި އެކަހެރިކޮށް ބައްދަލު ކުރުމަށް ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށް ބުނެ ހާވީ އޭނާ އަށް އިންޒާރު ދިން ކަމަށެވެ.

އައިޝްވާރްޔާ އެންމެ ފަހުން މަސައްކަތް ކުރި ހޮލީވުޑް ޕްރޮޖެކްޓަކީ 2009 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ދަ ޕިންކް ޕެންތާ 2' އެވެ.

ހާވީގެ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ޝިކާރައަކަށް ހޮލީވުޑްގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ އަންހެނުން ވެފައިވާކަމުގެ ތުހުމަތާ އެކު މައްސަލަ ހާމަކުރީ މި މަހުގެ ފަސް ވަނަ ދުވަހު ދަ ނިއު ޔޯކް ޓައިމްސް އިންނެވެ.

އެ ނޫހުގެ ރިޕޯޓުގައި ގިނަ އަދަދެއްގެ ހެކިތައް ހިމަނާފައި ވާއިރު، އެ ރިޕޯޓާ އެކު ހާވީ މަސައްކަތް ކުރަމުން ދިޔަ އޭނާގެ އަމިއްލަ ކުންފުނި، ދަ ވައިންސްޓީން ކޮމްޕެނީ އިން ވެސް އޭނާ ވަނީ ބޭރުކޮށްލައިފައެވެ.

ނޫހުގައި ހާމަކޮށްފައިވާ ކަންކަން ހާވީ ދޮގުކުރި ނަމަވެސް، ހޮލީވުޑްގެ ކާމިޔާބު ގިނަ އަންހެން ފަންނާނުން ވެސް މިހާރު ވަނީ އެމީހުންގެ ކެރިއަރު ފެށިގެން އައި އިރު ހާވީގެ ފަރާތުން ޖިންސީ ފުރައްސާރަ އަމާޒުވެފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ކުޅަދާނަ ބަތަލާ އެންޖެލީނާ ޖޯލީ ވެސް ހިމެނެ އެވެ.

comment ކޮމެންޓް