ތުރުކީއާއި އެމެރިކާގެ ޑިޕްލޮމެޓިކް އަރާރުންތަކުގައި ގޮތްދޫކުރަން އެމެރިކާއަށް ޖެހެނީ

ތުރުކީ އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ޑިޕްލޮމެޓިކް އަރާރުންތަކާއި އެނޫން އަރާރުންތަކާއި ހިތްހަމަ ނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ގެންނަން ބޭނުންވާ ކަމަށް އެމެރިކާ އެންމެފަހުން ބުނެފި އެވެ.

ތުރުކީގައި ހުންނަވާ އެމެރިކާގެ ސަފީރު ޖޯން ޕާސް ވިދާޅުވީ އޭނާއާ ދެކޮޅަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދެއްކެވި ހަރުކަށި ވާހަކަތަކަށް ރައްދު ދޭން ބޭނުންނުވާ ކަމަށާއި ބޭނުން ވަނީ މައްސަލަ ހައްލުކުރަން ކަމުގަ އެވެ. އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މާޓީސް ވިދާޅުވީ ތުރުކީއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ޑިޕްލޮމެޓިކް އަރާރުންތަކުގެ އަސަރު ދެގައުމުގެ އަސްކަރީ ގުޅުންތަކަށް ނުކުރާނެ ކަމުގަ އެވެ.

ތުރުކީއާއި އެމެރިކާއާ ދެމެދު ޑިޕްލޮމެޓިކް އަރާރުންތައް އުފެދުނީ އަންކަރާގައި ހުންނަވާ އެމެރިކާގެ އެންބަސީގައި މަސައްކަތްކުރާ ތުރުކީ މުވައްޒަފުންގެ އެތައް ބަޔަކު ތުރުކީ ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް ހައްޔަރުކުރުމާ ގުޅިގެންނެވެ. މިއީ ތުރުކީގެ ވެރިކަން ވައްޓާލުމަށް މިދިޔަ އަހަރު ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅުންވާ ކަމަށް ވަރަށް ބޮޑަށް ޝައްކުކުރެވިގެން ހައްޔަރުކުރި މުވައްޒަފުންތަކެކެވެ.

މިމައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޯފާވެގެން އޭނާ ވަނީ އަންކަރާގައި ހުންނަ އެމެރިކާ އެންބަސީން ތުރުކީ ރައްޔިތުންނަށް އެމެރިކާ އަށް ވަނުމުގެ ވިސާ ދިނުމުގެ ކަންތައް ހުއްޓާލައިފަ އެވެ. މިކަމަށް ބަދަލުހިފުމުގެ ގޮތުން ތުރުކީން ވެސް ވަނީ ވޮޝިންޓަންގައި ހުންނަ ތުރުކީ އެންބަސީން އެމެރިކާގެ ރައްޔިތުންނަށް ތުރުކީއަށް ދަތުރުކުރުމުގެ ވިސާ ދިނުން ހުއްޓާލާފަ އެވެ.

ނަތީޖާއެއްގެ ގޮތުން ދެގައުމުގެ ވިޔަފާރިވެރިންނަށާއި ފަތުރުވެރިންނަށްވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. ތުރުކީގެ ވެރިކަން ވައްޓާލުމަށް މިދިޔަ އަހަރު ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅުންހުރި ބަޔަކު އެމެރިކާ އެންބަސީގެ މުވައްޒަފުންގެ ގޮތުގައި ގެންގުޅުނު މައްސަލާގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ތުރުކީގައި ހުންނަވާ އެމެރިކާގެ ސަފީރު ޖޯން ޕާސް އަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.

މިގޮތުން އެމެރިކާގެ ސަފީރު ޖޯން ޕާސް އަކީ ތުރުކީއަށް ބޭނުންނުވާ ބޭފުޅެއް ކަމަށާއި އޭނާ އަށް އެންމެ ރަނގަނޅު ގޮތަކީ އަމިއްލައަށް އެނބުރި އެމެރިކާއަށް ވަޑައިގަތުންކަމަށް އުރުދުޣާން ވިދާޅުވި އެވެ. ޕާސްގެ އަމަލުތަކާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. މީގެއިތުރުން ސަފީރު ޖޯން ޕާސް އަށް އިޙްތިރާމް ނުކުރައްވާކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. ނަމަވެސް ބަޣާވާތާއި ޖޯން ޕާސް އާ ގުޅުންވާކަން ސާބިތުނުވާތީ އޭނާ ތުރުކީން ބޭރުކޮށްލުމަށް ރަސްމީ ސިފައެއްގައި އުރުދުޣާންގެ ސަރުކާރުން ނިންމާފައެއް ނުވެ އެވެ.

މިމައްސަލާގައި ސަފީރު ޖޯން ޕާސް ނިންމެވީ އުރުދުޣާން އަށް ރައްދު ނުދެއްވުމަށެވެ. ރައްދު ދެއްވި ނަމަ ތުރުކީން އޭނާ ބޭރުކޮށްލާނެ ކަމަށް ބެލެވޭތީ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު އުރުދުޣާން އެމެރިކާއަށް ކުރެއްވި ދަތުރުފުގައި އުރުދުޣާން އާ ދެކޮޅަށް މުޒާހަރާކޮށް އުރުދުޣާން އަށް ޖިސްމާނީ ގޮތުން ގޯނާކުރަން މަސައްކަތް ކުރި ބަޔަކަށް އުރުދުޣާން ގެ ބޮޑީ ގާޑުން ހަމަލާދިން މައްސަލައަކީ ވެސް އެމެރިކާއާއި ތުރުކީއާ ދެމެދު އުފެދިފައިވާ މައްސަލަ އެކެވެ. މިމައްސަލަ ގޯސްވީ އުރުދުޣާންގެ ގާޑުން އެމެރިކާގެ އެތެރޭގައި އުރުދުޣާން ގެ ދިފާއުގައި ބަޔަކަށް ހަމަލާދިނުމާ އުރުދުޣާންގެ ހަށިކޮޅަށް ގޯނާކުރާ ހިސާބަށް ދިޔައިރު ވެސް އެމެރިކާ ސަރުކާރުން އުރުދުޣާންއަށް ހިމާޔަތް ދިނުމަށް ފަސްޖެހުމުންނެވެ.

މިމައްސަލާގައި އެމެރިކާގެ ކޯޓަކުން ވަނީ އުރުދުޣާންގެ ގާޑުންގެ މައްޗަށް ހަރުކަށި ހުކުމެއްކޮށްފަ އެވެ. ނަމަވެސް އެމީހުން މިހާރުތިބީ ތުރުކީގައި ކަމުން އެމީހުންގެ މައްޗަށް ހުކުމް ތަންފީޒު ކުރުމަކީ އެމެރިކާ ސަރުކާރަށް ކުރެވޭނެ ކަމެއްނޫނެވެ. ތުރުކީގެ ވެރިކަން ވައްޓާލުމަށް މިދިޔަ އަހަރު ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގެ ފަހަތުގައިވާ ތުރުކީގެ އިދިކޮޅު ލީޑަރު ފަތްހުﷲ ގުލެން އެމެރިކާ އިން ތުރުކީއާ ހަވާލުކުރުމަށް ފަސްޖެހުމަކީ ވެސް ތުރުކީން އެމެރިކާ ދެކެ ހިތްހަމަ ނުޖެހޭ މައްސަލައެކެވެ.

މީގެ އިތުރުން އެމެރިކާ އިން ސޫރިޔާގެ ކުރުދީންނަށް އެހީތެރިވުމާއި އިރާގުގެ ކުރުދިސްތާނުގައި މިނިވަން ދައުލަތެއް އިޢްލާން ކުރުމަށް ކުރުދީން ކުރާ މަސައްކަތްތަކަށް އަޑިއަޑިން އެމެރިކާ ތާއީދު ކުރުމަކީ ވެސް ތުރުކީން އެމެރިކާ ދެކެ ހިތްހަމަ ނުޖެހޭ މައްސަލައެކެވެ. މިކަންތައްތަކާ ގުޅިގެން ތުރުކީ ގެންދަނީ އެމެރިކާގެ ދެ ހަތުރުންކަމަށްވާ އީރާނާއި ރަޝިޔާ އާ ގުޅުންތައް ބަދަހިކުރަމުންނެވެ. ތުރުކީ ނޭޓޯގެ ގައުމެއްގެ ގޮތުގައި އޮވެ ތުރުކީންވަނީ ރަޝިޔާއިން ހަތިޔާރު ގަތުމުގެ މަސައްކަތް ވެސް ފަށާފައެވެ.

މިއީ އެމެރިކާ ދެރަކޮށްލުމުގެ ގޮތުން ތުރުކީ އެޅި ފިޔަވަޅެއްކަމަށްވަނީ ބެލެވިފައެވެ. މިކަންތައްތަކާ ގުޅިގެން ތުރުކީއާ ފާޅުގައި ކުރިމަތިލާން އެމެރިކާއަށް ކެރިފައެއް ނުވެއެވެ. މީގެ ބަދަލުގައި އެމެރިކާގެ މަސްއޫލުވެރިންވަނީ ތުރުކީއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ޑިޕްލޮމެޓިކް އަރާރުންތަކަށް ހައްލެއް ގެންނަން ބޭނުންވާ ކަން ހާމަކުރައްވައި ވާހަކަ ދައްކަވާފަ އެވެ. ސަބަބަކީ ތުރުކީއަކީ އެމެރިކާއަށް ގޯނާކުރެވޭ ވަރަށްވުރެ އެމެރިކާއަށް މުހިއްމު އަދި އެއަށްވުރެ ހުރިހާ ގޮތަކުން ވެސް ބާރުގަދަ އަދި ބުރަދަންހުރި ގައުމަކަށްވުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު