ދ. މީދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ހާނީ ހުސެއިން އަދި އަޒްމީ އިސްމާއިލް ހޯދައިފި އެވެ.
އެ ދަރިވަރުންގެ ތެރެއިން ދަށު ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު މ. މުލި، ގުލްޒާރުގޭ، ހާނީ އަކީ މިދިޔަ އަހަރު ދ. އަތޮޅު މަދަރުސާގެ ގޭމްސް ކެޕްޓަންގެ އިތުރުން ސީނިއާ ޕްރިފެކްޓެކެވެ.
އަދި މަތީ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޯދި ދ. މީދޫ، ޝަދީވިލާ، އަޒްމީ އަކީ މިދިޔަ އަހަރު އެ މަދަރުސާގެ ސީނިއާ ޕްރިފެކްޓު ކަމާއި ސްކޫލް ކެޕްޓަން ކަމުގެ އިތުރުން ހަޔާ ސެކަންޑަރީ އިމްތިހާނުން ގައުމީ ގަދަ 10ގެ ހަ ވަނާގައި ހިމެނުނު ދަރިވަރެކެވެ.
ދ. އަތޮޅު މަދަރުސާގައި ރޭ ބޭއްވި އެ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި އެ ދަރިވަރުންނަށް އެވޯޑުތައް ހަވާލު ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު މުހައްމަދެވެ.
މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި އެކި މުބާރާތްތަކުން ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުންގެ އިތުރުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވި ޓީޗަރުންގެ އަގު ވަޒަންކޮށް އެވޯޑް ދީފައިވެ އެވެ.
އެގޮތުން ދ. އަތޮޅު މަދަރުސާ އިން ވަނީ މާލޭގައި ބޭއްވި 19 ވަނަ މައިލޯ އިންޓަސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދައިފަ އެވެ. އެ މުބާރާތުގައި ފަސް ރަން މެޑަލާއި ހަތް ރިހި ބެޑަލް އަދި ހަ ލޯ މެޑަލް އާ އެކު ޖުމްލަ 18 މެޑެލް އެ ސްކޫލުގެ ދަރިވަރުން ވަނީ ހޯދައިފަ އެވެ.
ދ. އަތޮޅު މަދަރުސާ އިން ބުނާ ގޮތުން މިދިޔަ އަހަރަކީ މީގެ ކުރީގެ ހުރިހާ އަހަރުތަކަށް ވުރެ އިމްތިހާން ހެދި ދަރިވަރުންގެ އެވްރެޖް ނަތީޖާ މަތިވެގެން ދިޔަ އަހަރެއް ނަމަވެސް ވޭތުވެ ދިޔަ އަހަރު ގްރޭޑް 10 ނިންމައި އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލް ކުރެވުނު ދަރިވަރެއް ނެތެވެ.
އެހެން ނަމަވެސް އެ އިމްތިހާނުތަކުން ދަރިވަރުން ހޯދި ނަތީޖާއަށް ބަލާއިރު ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ ރަނގަޅުވެ، އެވްރެޖް 75 ޕަސެންޓަށް މައްޗަށް ގޮސްފައިވާ އިރު ކެމިސްޓްރީ، ދިވެހި ބަސް އަދި އިސްލާމީ ތަރުބިއްޔަތުން 100 ޕަސެންޓް ދަރިވަރުން ފާސްވެފައިވާ ކަމަށް އެ ސްކޫލުން ބުނެ އެވެ.