މީރާއަށް 3.6 މިލިއަން ޑޮލަރު (55.9 މިލިއަން ރުފިޔާ) ދައްކަން މަޖިލީހުގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
މީރާއިން ޔޮޓް ޓުއާސްގެ މައްޗަށް ދައުވާކުރީ ޓުއަރިޒަމް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހއ ބީނާފުއްޓާއި ހއ ކަނޑާލިފިނޮޅު ކުއްޔަށް ދިނުމުން ދައްކަން ޖެހޭ ކުލި ނުދައްކާ ކަމަށް ބުނެ އެވެ.
އެމައްސަލަ ނިންމައި މިދިޔަ މަހު 28 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ 2013 އޮކްޓޫބަރުން ފެށިގެން އޯގަސްޓް 2016 ގެ ނިޔަލަށް ކުލީގެ ގޮތުގައި 600،000 އަށްވުރެ ގިނަ ޑޮލަރު ދައްކަން ޖެހި ނުދައްކާ ހުރިކަން ސާބިތުވާ ކަމަށެވެ.
އަދި ކުލި ދައްކަން ޖެހޭ ތާރީހަށް ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދެ މިލިއަން ނުވަ ލައްކައަށްވުރެ ގިނަ ޑޮލަރު ދައްކަން ޖެހިފައިވާކަން ސާބިތުވާ ކަމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ.
އެކަން ސާބިތުވަނީ ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަލުން ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
ހއ ބީނާފުއްޓާއި ހއ ކަނޑާލިފިނޮޅިގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 3.6 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ޔޮޓްޓުއާސްގެ މައްޗަށް އަންގައި ތިން މަސްދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރުމަށް ކޯޓުން ވަނީ އަންގާފަ އެވެ.