މާލޭ ފެން ކުންފުނީގެ ފެން އުފައްދާ އާ މަރުކަޒު ހުޅުވައިފި

މިރޭގެ ރަސްމިއްޔާތުގައި ރައީސް ޔާމީން އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް އާ ސަލާން ކުރައްވަނީ --- ފޮޓޯ: އެމްޑަބްލިއުއެސްސީ

މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން އެ ކުންފުނީގެ ފެން އުފައްދާ އާ މަރުކަޒު، "އާރްއޯ އެނެކްސް" ހުޅުވައިފިއެވެ.

އެމްޑަބްލިއުއެސްސީގެ "ވޯޓަރ ސެކިއުރިޓީ ޕްލޭން"ގެ ދަށުން، މާލޭގެ ފެނުގެ އޮޕަރޭޝަން ޑިސެންޓްރަލައިޒްކޮށް، އަލަށް ގާއިމްކުރި ފެން އުފައްދާ މަރުކަޒު ރަސްމީކޮށް ހުޅުވައި ދެއްވީ، އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން، އެމްޑަބްލިއުއެސްސީގެ އިސް ވެރީންނާއި، ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަތެވެ.

ބޮޑުތަކުރުފާނު މަގުގައި އެމްޑަބްލިއުއެސްސީން އަލަށް ހުޅުވި ފެން އުފައްދާ މަރުކަޒު "އާރްއޯ އެނެކްސް" އަކީ، ދުވާލަކު 5000 ކޮޑިމީޓަރުގެ ފެން އުފެއްދުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ތަނެކެވެ. އަދި ހަމައެހެންމެ، އިތުރު 5000 ކޮޑިމީޓަރުގެ ފެންޕަލާންޓެއްވެސް ގާއިމްކުރުމުގެ ގާބިލިއްޔަތުކަން މިތަނަށް ލިބިފައިވެއެވެ.

މާލޭގައި މި ވަގުތު ގާއިމް ކުރެވިފައި މިވާ ފެނާއި ނަރުދަމާގެ ނިޒާމަކީ، މީގެ 38 އަހަރުކުރިން 70،000 މީހުންގެ އާބާދީއަކަށް ބަލައިގެން ފަރުމާކުރެވިފައިވާ ނިޒާމެކެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އެ ކުންފުނިން ފެނުގެ ސެކިއުރިޓީ އަދި ނަރުދަމާ ނިޒާމް ހަރުދަނާ ކުރުމަށް ޕްލޭންތަކެއް އެކުލާވާލައި، 300،000 މީހުންގެ އާބާދީ އަކަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް މާލޭގައި ގާއިމްކުރުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން ވަރަށް ރޭވުންތެރިކަމާއެކު ކުރަމުން ދާ ކަމަށެވެ.

"ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން، މާލޭގެ އޮޕަރޭޝަން ސެންޓަރު ޑީސެންޓްރަލައިޒްކޮށް، މާލޭގައި ފެން އުފައްދަމުންދާ މައި އިމާރާތުގެ އިތުރުން، ދެ ސަރަޙައްދެއްގައި ފެން އުފައްދޭނެ. ފެން އުފައްދާ ކެޕޭސިޓީގެ އިތުރުން ފެން ރައްކާކުރާ ކެޕޭސިޓީވެސް މިޕްލޭންގެ ދަށުން އިތުރު ކުރެވިގެންދާނެ،" ފަޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ރޭ ހުޅުވި ފެން އުފައްދާ އާ މަރުކަޒާއެކު، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީން، ފެން އުފައްދޭ މިންވަ ޖުމުލަ 25 އިންސައްތަ އިތުރު ވެފައިވާ ކަމަށެވެ.

ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ޑީސެންޓްރަލައިޒޭޝަން މަޝްރޫއުގެ ދަށުން މިރޭ ހުޅުވިގެން މިދިޔަ އާރްއޯ އެނެކްސް ޕްރޮޑަކްޝަން ސެންޓަރުގެ އިތުރުން ފެންކުންފުނިން ދަނީ، ހަވީރީ ހިނގުމުގައި 2000 ކޮޑިމީޓަރުގެ ފެން ޕްލާންޓެއް ބަހައްޓައި، އެތަނުގައި ފެން އުފައްދާ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ވަރަށް ހަލުވިކަމާއެކު ކުރަމުންނެވެ.

"މި ފެން ޕްލާންޓްތަކާއެކު މާލެ ސަރަހައްދުގެ ރައްޔިތުންނަށް ވޯޓަރ ސެކިއުރިޓީގެ 35 ޕަސެންޓް ކުރިއެރުމެއް ލިބިގެން ދާނެ،" ފަޒުލް ވިދާޅުވިއެެވެ.

މީގެ އިތުރުން، މާލެއާއި ހުޅުމާލޭގެ ނެޓްވޯރކް ގުޅުވާލުމަށްޓަކައި ބްރިޖު މެދުވެރިކޮށް ހޮޅިލައިން އަޅައި، ގްރޭޓަރ މާލޭ ރީޖަންއަށް ރައްކާތެރިކަމާއެކު މެދުނުކެނޑި ފެން ފޯރުކޮށްދެވޭނޭ ކަމަށްވެސް ފެންކުންފުނީގެ އެމްޑީ ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، 2014 ވަނަ އަހަރު ހިނގާފައިވާ އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުންތައް ފޫބެއްދުމުގެ ގޮތުން، ރައީސް ޔާމީން މުހިއްމު ޕްލޭނެއް އެކުލަވައިލެއްވި ކަމަށެވެ. އެގޮތުން ފެން އުފެއްދުމަށް ބޭނުންވާ ހަކަތަ އުފެއްދުން ޔަގީންކުރުމަށްޓަކައި 1.8 މެގަވޯޓުގެ ޖަނަރޭޓަރެއްވެސް ގެނެވި އިންސްޓޮލޭޝަންގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީ ވުޖޫދަށް އައީ 1995 ވަނަ އަހަރުގެ ތެރޭގައެވެ. މާލޭގައި އޭރު އިތުރުވަމުން ދިޔަ އާބާދީއަށް އެކުންފުނިން ފެނާއި ނަރުދަމާގެ ޚިދުމަތް ދޭން ފެށީ އެންމެ 60 މުވައްޒަފުންނާ އެކުއެވެ. އޭރު އެ ކުންފުނީގެ އަމާޒަކީ 60,000 މީހުންގެ އާބާދީ އަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. ނަމަވެސް މިހާރު އެ ކުންފުނިން އަމާޒު ހިފާފައި މިވަނީ 300،000 މީހުންގެ ބިޔަ އާބާދީއަކަށް، ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށެވެ.

comment ކޮމެންޓް