ޖިއްދާގެ ޝާހީ ގަނޑުވަރު ކައިރީ ދިން ހަަމަލާއެއްގައި ދެ ގާޑަކު މަރާލައިފި

ސައުދީ ފުލުހުން ދަނީ ޖިއްދާގެ ޝާހީ ގަނޑުވަރަށް ދިން ހަމަލާ ތަހުގީގު ކުރަމުން -- ފޮޓޯ: އަރަބްނިއުސް

ޖިއްދާ (އޮކްޓޯބަރު 8): ސައުދީ އަރަބިއާގެ ޖިއްދާގައި ހުންނަ ޝާހީ ގަނޑުވަރު ކައިރީ އިއްޔެ ދިން ބަޑީގެ ހަމަލާއެއްގައި ދެ ސެކިއުރިޓީ ގާޑުން މަރާލައި، ތިން މީހަކު ޒަހަމްކޮށްލައިފި އެވެ.

ސައުދީ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގެ ރައްޔިތެއް ކަމަށްވާ މަންސޫރު އަލް އަމްރީ އެހަމަލާ ދިނީ އަލް ސަލާމް ގަނޑުވަރު ކައިރީގަ އެވެ. އަދި ގަނޑުވަރުގެ ސެކިއުރިޓީ ގާޑުން ވަނީ އޭނާގެ ގަޔަށް ބަޑިޖަހައި މަރާލައިފަ އެވެ.

އުމުރުން 28 އަހަރުގެ މަންސޫރު އެހަމަލާ ދިން ސަބަބެއް އަދި ޔަގީންވެފައި ނުވާ އިރު، ސައުދީ ފުލުހުން ދަނީ ހަމަލާ ތަހުގީގު ކުރަމުންނެވެ.

މީގެ ދުވަސްތަކެއް ކުރިން ސައުދީ ފުލުހުން ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި ބަޔަކު ހޯދުމަށް ވެރިރަށް ރިޔާދުގެ ގެތަކެއް ފާސްކޮށްފަ އެވެ. އެގެތައް ފާސް ކުރުމުގެ ތެރޭގައި ދެ މީހަކު މަރުވެ، ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. (ބީބީސީ)

comment ކޮމެންޓް