ކަލާސް އެވޯޑްސް: އެތުލެޓިކްސްގައި ރަސްކަން ކުރީ ތިނަދޫގެ އެތުލީޓުން!

ކަލާސް އެވޯޑު ހާސިލްކުރި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އެތުލީޓުންނާއި އެ ސްކޫލްގެ ހެޑް ކޯޗު ރައުހަތު ---

ރާއްޖޭގެ އެންމެ މޮޅެތި އެތުލީޓުންގެ ތެރޭގައި ހިމެނުމަކީ ހަމަ ކޮންމެ އެތުލީޓެއް ވެސް ބޭނުންވާނެ ކަމެކެވެ. އެކަމަށް ގިނަ އެތުލީޓުން ދަނީ ވާދަކުރަމުންނެވެ. ހާއްސަކޮށް އެތުލެޓިކްސްގައި ރަށްރަށުގެ ވާދަވެރިކަމަކީ ވެސް މިހާރު ވަރަށް ބޮޑަށް ފެންނަމުންދާ މަންޒަރެކެވެ.

ރާއްޖޭން މިހާރު ކުރަމުންދާ މަސައްކަތަކީ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފަދަ އެތުލީޓުން އުފެއްދުމަށެވެ. ރަށްރަށުގެ ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން ސާއިދު ފަދަ ހުނަރުވެރި ޒުވާން އެތުލީޓުން އުފެދެމުންދާ ކަމުގެ ނިޝާންތަކެއް ދަނީ ލިބެމުންނެވެ. އެ ދުވުންތެރިންގެ ހުނަރުތައް ދަނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންނެވެ.

ރާއްޖޭގައި އުފެދެމުންދާ ޒުވާން އެތުލީޓުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ގދ. ތިނަދުއަށް އުފަން އެތުލީޓުންނެވެ. ހާއްސަކޮށް ނިމިގެންދިޔަ އަހަރު ތިނަދޫގެ ޒުވާން އެތުލީޓުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ހުނަރު ހުރި ކުދިންތަކެއް ތިބިކަން ސާބިތުކޮށްދިން ތިނަދުއަށް ވަނީ މިދިޔަ އަހަރު ކުރި ބުރަ މަސައްކަތުގެ އިނާމު ވެސް ލިބިފައެވެ.

ތިނަދޫގެ އެތުލީޓުން ކަލާސް އެވޯޑްސްގައި ވަރަށް ކާމިޔާބު!

ނިމިގެންދިޔަ ކަލާސް އެވޯޑްސް 2016ގައި ގދ. އަތޮޅު ތައުލީމީ މަރުކަޒާއި ތިނަދޫ ސްކޫލުން ވަނީ އެވޯޑުތަކެއް ހާސިލްކޮށްފައެވެ. އޭގެ ތެރެއިން ގދ. ތައުލީމީ މަރުކަޒުގެ އެތުލީޓުން ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އެވޯޑުތައް ހާސިލްކުރި ތިނަދޫގެ އެތުލީޓުން:

ރަނާސް އެވޯޑު-

  • ނާހިލް ނިޒާރު (ތިނަދޫ ސްކޫލް)
  • އިބްރާހިމް ރާފިލް ވާފިރު (ގދ. އަތޮޅު ތައުލީމީ މަރުކަޒު)

ވިނާސް އެވޯޑު-

  • އަހްމަދު އާދަމް އިސްމާއީލް (ތިނަދޫ ސްކޫލް)
  • ސައިފުﷲ އަހްމަދު (ގދ. އަތޮޅު ތައުލީމީ މަރުކަޒު)

ހާއްސަ އެވޯޑު-

  • ޝިއުމާ މުހައްމަދު ޝަފީގް (ގދ. އަތޮޅު ތައުލީމީ މަރުކަޒު)
  • އިސްރާ އިބްރާހިމް (ގދ. އަތޮޅު ތައުލީމީ މަރުކަޒު)
  • ހާޒިމް ހުސައިން ޝަރީފް (ގދ. އަތޮޅު ތައުލީމީ މަރުކަޒު)
  • އައިޝަތު ޝަންހާ ޝަހީމް (ގދ. އަތޮޅު ތައުލީމީ މަރުކަޒު)
  • ލައުޝާ ހުސައިން (ގދ. އަތޮޅު ތައުލީމީ މަރުކަޒު)

ސްކޮލަޝިޕް އެވޯޑު-

  • ސައިފުﷲ އަހްމަދު (ގދ. އަތޮޅު ތައުލީމީ މަރުކަޒު)
  • އަހްމަދު އަލީ (ގދ. އަތޮޅު ތައުލީމީ މަރުކަޒު)

ތިނަދުއަށް އެ އެވޯޑުތައް ހޯދިފައި ވަނީ މިދިޔަ އަހަރުގެ އިންޓަ ސްކޫލް މުބާރާތްތަކުގައި ދެއްކި ތަފާތު ހުނަރުތަކުންނެވެ. އެ މުބާރާތްތަކުގައި ވާދަކޮށް، މިދިޔަ އަހަރު ގދ. އަތޮޅު ތައުލީމީ މަރުކަޒުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ.

ސްކޫލް މުބާރާތްތަކުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީތަކަށް ބަލައިލާއިރު، އެ ސްކޫލުން ވަނީ މަކިޓާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ކާމިޔާބީތަކެއް ހޯދާފައިވެއެވެ. އެ ސްކޫލުން ވަނީ ޏ. ފުވައްމުލަކުގައި ބޭއްވި އިންޓަ ސްކޫލް މުބާރާތުގައި އަންހެނުންގެ 17 އަހަރުން ދަށުގެ އެންމެ މޮޅު ޓީމާއި ފިރިހެނުންގެ 15 އަހަރުން ދަށުގެ އެންމެ މޮޅު ޓީމުގެ މަގާމު ހޯދައިފައެވެ. އޭގެ އިތުރުން އެ ސްކޫލުން ވަނީ އެ މުބާރާތުގައި ހަތަރު ރެކޯޑެއް ހަދައިފައެވެ.

މިދިޔަ އަހަރު މާލޭގައި ބޭއްވި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ އަންހެނުންގެ 17 އަހަރުން ދަށުގެ އެންމެ މޮޅު ޓީމާއި ފިރިހެނުންގެ 15 އަހަރުން ދަށުގެ އެންމެ މޮޅު ޓީމުގެ މަގާމު ހޯދައިފަ އެވެ. އޭގެ އިތުރުން އެ ސްކޫލްގެ ހާޒިމް ހުސައިން ޝަރީފް ވަނީ އެ މުބާރާތުގެ 1500 މީޓަރު ދުވުމާއި 3000 މީޓަރު ދުވުމުގެ ރެކޯޑު މުގުރާލައިފައެވެ.

ތިނަދޫގެ ކާމިޔާބީތަކުގެ ފަހަތުގައި ހުނަރުވެރި ޒުވާން ކޯޗެއް!

ކާމިޔާބީ ކޮންމެ ޓީމެއްގެ ކާމިޔާބީތަކުގެ ފަހަތުގައި ވެސް ތަޖުރިބާކާރެއް ހުންނާނެއެވެ. ތިނަދޫގައި ޒުވާން އެތުލީޓުން އުފެއްދުމާއި އެ ކުދިންގެ ހުނަރުތައް ތަރައްގީ ކުރުމުގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދާ ކޯޗަކީ ރައުހަތު ގުދުރަތުﷲއެވެ.

ތިނަދޫގައި މޮޅެތި އެތުލީޓުން އުފެއްދުމަށް ކޯޗު ރައުހަތު މަސައްކަތްކުރާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހެޑް ކޯޗުކަމުގެ މަގާމު 2015 ވަނަ އަހަރުން ފެށިގެން އަދާކުރަމުންދާ ރައުހަތު ހޯދަމުންދާ ކާމިޔާބީތަކުގެ ސަބަބުން އެތުލެޓިކްސް އެސޯސިއޭޝަނުން ތިނަދުއަށް ކަނޑައަޅާ ހެޑް ކޯޗެއްގެ ގޮތުގައި މިދިޔަ އަހަރު އޭނާ ހަމަޖެއްސިއެވެ. އޭގެ ކުރިން އޭނާ ވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އެސިސްޓަންޓް ކޯޗުގެ މަގާމު ވެސް އަދާކޮށްފައެވެ.

"މިއީ އަޅުގަނޑު ވަރަށް ލޯބިކުރާ ވަޒީފާއެއް. އަޅުގަނޑު ބޭނުންވަނީ ރާއްޖެއަށް ކާމިޔާބީ ހޯދައިދެވޭ ފެންވަރުގެ އެތުލީޓުން އުފައްދަން. ބޭނުންވަނީ ތިނަދޫގެ ޒުވާން އެތުލީޓުން ގައުމަށް ހިދުމަތްކޮށްދޭން ނެރެން. ބޭނުންވަނީ ޑިސިޕްލިން އެތުލީޓުންތަކެއް ހިމެނޭ ޖީލެއް ބިނާކުރަން. ފާއިތުވެދިޔަ އަހަރު ގދ. އަތޮޅު ތައުލީމީ މަރުކަޒަށް އަޅުގަނޑަށް ހޯދުނު ކާމިޔާބީއާ މެދު ވަރަށް ފަހުރުވެރިވޭ. އަޅުގަނޑު އަބަދުވެސް ބޭނުންވަނީ އެފަދަ ކާމިޔާބީތައް ހޯދައި، ގައުމަށް މެޑެލް ގެނެސްދެވޭނެ ފަދަ އެތުލީޓުން ނެރެން. އަޅުގަނޑު އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލްއަށް ހާއްސަ ޝުކުރެއް އަދާކުރަން،" ރައުހަތު ބުންޏެވެ.

ތިނަދޫގައި ހުނަރުވެރި ޒުވާން އެތުލީޓުން އެފެއްދުމުގެ މަސައްކަތްތަކުގެ ދަށުން ރައުހަތު ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު 'ރައުހަތު ސްޕޯޓްސް'ގެ ނަމުގައި އެކަޑަމީއެއް ފަށައިފައެވެ. އެ އެކަޑަމީގެ މަގްސަދަކީ ޒުވާން އެތުލީޓުންގެ ހުނަރު އިތުރަށް ތަރައްގީ ކުރުމެވެ. އޭނާގެ އެކަޑަމީގެ މަސައްކަތް ކުރިއަށްގެންދަނީ ހިލޭ ސާބަހަށެވެ. ކުރިމަގުގައި ވެސް އޭނާ ބޭނުންވަނީ ފީއަކާ ނުލައި، އެކަޑަމީ މެދުވެރިކޮށް ޒުވާން އެތުލީޓުން ތަމްރީން ކުރުމެވެ. ރައުހަތުގެ އެކަޑަމީގައި ތިނަދުއަށް ނިސްބަތްވާ ސްކޫލްތަކުގެ ދަރިވަރުން ތަމްރީން ހާސިލް ކުރަމުންދެއެވެ. އޭގެ ތެރޭގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ތިނަދޫ ސްކޫލްގެ ދަރިވަރުން ވެސް ހިމެނެއެވެ.

ތިނަދޫގެ ޒުވާން ދުވުންތެރިއެއް އޭޝިއަން ޗެމްޕިއަންޝިޕަށް!

މިއަހަރު ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޒުވާން ދުވުންތެރިޔާ އަހްމަދު އަލީ ހޯދީ އެތައް ސީނިއާ ދުވުންތެރިންތަކެއްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 400 މީޓަރު ދުވުމުގައި އަހްމަދު އަލީ ވާދަކުރި ހީޓުގައި އެންމެ ޒުވާން ދުވުންތެރިޔާއަކީ ވެސް އޭނާއެވެ. އުމުރުން 17 އަހަރުގެ ރާއްޖޭގެ ދުވުންތެރިޔާ އެ ދުވުން ނިންމާލީ 52.71 ސިކުންތުންނެވެ. ހީޓުގެ ފުލުގައި އޭނާ ނިންމާލި ނަމަވެސް، ވަރުގަދަ ގައުމުތަކުގެ ސީނިއާ ދުވުންތެރިންނާއި އޭނާގެ ޓައިމިންއާ މާ ބޮޑު ތަފާތެއް ނެތެވެ.

ރާއްޖޭގެ އެތުލެޓިކްސްއަށް ފައިދާ ވާނީ ރަށްރަށުގައި އޮންނަ ވާދަވެރިކަން ވެސް އިތުރު ވެގެންނެވެ. މިހާރު އެހެން ރަށްރަށުން ވާދަކުރަން ޖެހޭނެ ރަށަކީ ތިނަދޫއެވެ. މަސައްކަތްކުރަންވީ ތިނަދޫގެ އެތުލީޓުން ފަހާލުމަށެވެ.

comment ކޮމެންޓް