ގައުމީ ޓީމުގެ ޕްރެކްޓިސް ދޫކޮށް އީސަ މާޒިޔާގެ ޕްރެކްޓިހަށް

އިސްމާއިލް އީސަ-- ފޮޓޯ/ ޑެއިލީ ސްޓާ

ގައުމީ ޓީމުގެ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) ގައުމީ ޓީމާއި ވަކިވެ، މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު މާލޭގައި އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ޓީމުން ތައްޔާރުވަމުން ދާއިރު، "ސަން" އަށް މައުލޫމާތު ދެމުން އީސަ ބުނީ އޭނާ ގައުމީ ޓީމުން ވަކިވާން ނިންމީ މާ ބޮޑު މައްސަލަތަކެއް އޮވެގެނެއް ނޫން ކަމަށާއި އަމިއްލަ ސަބަބަކާ ހުރެ މި ވަގުތަށް އެންމެ ރަނގަޅީ ގައުމީ ޓީމަށް ނުދިއުން ކަމަށް ފެންނާތީ ކަމަށެވެ.

"އަމިއްލަ ސަބަބަކާ ހުރެ މި ވަގުތަށް ނިންމީ ގައުމީ ޓީމަށް ނުދާން. މި ވަގުތު އަޅުގަނޑަށް ވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ ގައުމީ ޓީމާ ދުރައް ޖެހިލުން ކަމަށް އަޅުގަނޑަށް ފެންނަނީ، އެހެންވެ ޓީމު ދޫ ކޮށްލީ،" އީސަ ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު ގައުމީ ޓީމުގެ ޕްރެކްޓިސް ކުރިއަށް ދަނިކޮށް އީސަ ވަނީ ޕްރެކްޓިސް ހުއްޓާލާފައި ދަނޑުން ފައިބާފަ އެވެ. އެފްއޭއެމުން ބުނީ އީސަ ޕްރެކްޓިހުން ފޭބީ ފައިގައި ރިއްސާތީ ކަމަށް ބުނެ ކަމަށެވެ. އެކަމަކު އޭގެ ފަހުން އޭނާ ވަނީ މިދިޔަ ދެ ދުވަހުގައި މާޒިޔާގެ ޕްރެކްޓިހަށް ނުކުމެފަ އެވެ.

ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓްވާޓް ބުނީ އީސަ ޓީމު ދޫކޮށްލުން އެއީ އީސަ ނިންމީ އަމިއްލައަށް ކަމަށެވެ.

އީސަ މި ސީޒަނުގައި ފުރަތަމަ ކުޅުނީ ވިކްޓަރީ އަށެވެ. އެހެން ނަމަވެސް މާލޭ ލީގުގެ ގަދަ ހަތަރުން ޖާގަ ގެއްލި ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ވިކްޓަރީ އަށް ނުލިބުމުން އީސަ ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ.

comment ކޮމެންޓް