103 ސްކޫލެއްގެ ފެންވަރު ބެލުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި

ބޭރު ޓީޗަރަކު ދިވެހި ކުދިންތަކަކަށް ކިޔަވައިދެނީ: ފެންވަރު ނެތް ޓީޗަރުންގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑު --

ރާއްޖޭގެ ސްކޫލުތަކުގެ ފެންވަރުބަލައި އެ ސްކޫލުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުން 103 ސްކޫލެއްގެ ނެޝެނަލް އެސެސްމަންޓުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީއިން ފަށައިފިއެވެ.

އެ އެސެސްމަންޓުގެ ދަށުން ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 4 އަދި 7 ގެ ދަރިވަރުންގެ ދިވެހި ބަސް، އިނގިރޭސި ބަސް އަދި ހިސާބު މާއްދާގެ އެސެސްމަންޓް ހެދިގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި އެ އެސެސްމެންޓުގައި 6407 ދަރިވަރުން ބައިވެރިވާކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އެ އެސެސްމަންޓުގެ ބޭނުމަކީ ގްރޭޑް 3 އަދި 6 ނިންމާ ދަރިވަރުންނަށް، އެސެސްމަންޓުގައި ހިމެނޭ މާއްދާތަކުގެ މުޤައްރަރުން ހާސިލުވާންޖެހޭ މިންވަރު ހާސިލުވެފައި ވޭތޯ ދެނެގަތުމާއެކު، ޕްރައިމަރީ މަރުޙަލާގައި، އެދަރިވަރުން ޙާޞިލްކުރާ ނަތީޖާތަކަށް އަސަރުކުރާ ސަބަބުތައް ދެނެގަތުމަށްޓަކައި ދަރިވަރުންނާއި، މުދައްރިސުންގެ ފަރާތުން މައުލޫމާތު އެއްކުރުމެވެ.

އެގޮތުން އެއްކުރެވޭ މައުލޫމާތުން ތަޢުލީމީ ގޮތުން ދަރިވަރުންނަށް ޙާޞިލުވާ މިންވަރު ޤައުމީ ފެންވަރުގައި ދެނެގަނެ، އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ސިޔާސަތުތައް ބައްޓަން ކުރުމުގައި އެހީތެރިވެދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ބައެއް ކަންތައްތައް ވެސް ފާހަގަ ވެގެން ދާނެކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގެ ފަރާތުން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ވެސް ގްރޭޑް 4 އަދި 7 ގެ ދަރިވަރުންނަށް މި އެސެސްމަންޓް ވަނީ ހިންގައި، އޭގެ ނަތީޖާ އާއްމު ކޮއްފައެވެ.

comment ކޮމެންޓް