ސިއްހީ ދިރާސާ ހަދާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑެއް ދެނީ

ސިއްހީ ދިރާސާގެ ގައުމީ ސިޔާސަތު އާންމުކުރުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަފްރާހް

ސިއްހީ ދާއިރާ އިން ދިރާސާ ކުރައްވާ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑެއް ދިނުމަށް ހެލްތު މިނިސްޓްރީން ނިންމައިފި އެވެ. މިއީ ސިއްހީ ދިރާސާ ކުރައްވާ ފަރާތްތަކަށް އެވޯޑް ދޭން ނިންމި ފުރަތަމަ ފަހަރެވެ.

ހެލްތު މިނިސްޓްރީން މިހާރު ވެސް ދަނީ ކޮންމެ އަހަރެއްގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑުތަކެއް ދެމުންނެވެ.

އެގޮތުން ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެންމެ ރަނގަޅަށް މަސައްކަތް ކުރާ ހޮސްޕިޓަލަކަށް ނުވަތަ މަރުކަޒަކަށާއި އަތޮޅު ތެރޭގައި އެންމެ ރަނގަޅު ހިދުމަތެއް ދިން ހޮސްޕިޓަލަކަށް ނުވަތަ މަރުކަޒަކަށް އަދި ސިއްހީ ދާއިރާއިން އެންމެ ރަނގަޅު ހިދުމަތެއް ކުރާ ފަރާތްތަކަށް އެވޯޑްދެ އެވެ.

ސިއްހީ ދިރާސާގެ ގައުމީ ސިޔާސަތު އާންމުކުރުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ސިއްހީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ދާއިރާގެ ދިރާސާތައް ހެދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

އެގޮތުން އަންނަ އަހަރުން ފެށިގެން ސިއްހީ ދާއިރާއިން ރަނގަޅު ފެންވަރު ދިރާސާތައް ހައްދަވައިދެއްވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ބައެއް ބަލިތައް، ހާއްސަކޮށް ކެންސަރު އަދި ކިޑްނީ ފެއިލްވުން ފަދަ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާކަން ފާހަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެކަންކަން ދިމާވަނީ މައިގަނޑު ކޮން ސަބަބަކާ ހެދިތޯ ވިސްނާ ދިރާސާއެއް ނަހަދައި އެކަމުގެ ހައްލެއް ހޯދިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އަދި މިއަދު އާންމުކުރި ސިއްހީ ދިރާސާގެ ގައުމީ ސިޔާސަތުގައި ރާއްޖޭގައި ސިއްހީ ދިރާސާތައް ކުރުމަށް އިސްކަންދޭނެ ދާއިރާތަކެއް ކަނޑައަޅާފައިވާއިރު، ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވަމުން ގެންދަވާ ދަރިވަރުން އެ ދާއިރާތަކަށް ސަމާލުކަން ދެއްވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތުރް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް އެ ޖަމިއްޔާގެ ފަރާތުން ދިރާސާ ކުރުމުގެ ދާއިރާއިން މީހުން ތަރައްގީ ކުރުމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

އޭގެ އިތުރުން ރިސާޗް ޕްރޮޕޯސަލް ތަކަށް ކުދި ފައިސާގެ އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް