މި އަހަރުގެ މެޑިސިންގެ ނޮބެލް އިނާމު އެމެރިކާގެ ތިން ސައެންޓިސްޓަކަށް

ނޮބެލް އިނާމު ކޮމިޓީގެ މެންބަރުން އަދި އެބޭފުޅުންގެ ފަހަތުގައި މެޑިސިންގެ އިނާމު ހާސިލް ކުރެއްވި އެމެރިކާގެ ތިން ސައެންޓިސްޓުންގެ ފޮޓޯތައް

ސްޓޮކްހޮމް (އޮކްޓޯބަރު 3) : މިއަހަރުގެ މެޑިސިންގެ ނޮބެލް އިނާމު އެމެރިކާގެ ތިން ސައެންޓިސްޓުން ކާމިޔާބު ކުރައްވައިފި އެވެ.

ނޮބެލް ކޮމިޓީން ބުނީ މި އަހަރުގެ މެޑިސިންގެ ނޮބެލް އިނާމަށް ހޮވިފައި ވަނީ ޖެފްރީ ހޮލް، މައިކް ރޮސްބަޝް އަދި މައިކަލް ޔަންގް ކަމަށާ މިމަހުގެ ތެރޭގައި ބާއްވަ ހަފްލާއެއްގައި އެބޭފުޅުންނަށް އެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

މި ތިން ބޭފުޅުން ވަނީ އިންސާނާގެ ހަށިގަނޑުގައިވާ ބައިލޮޖިކަލް ކްލޮކް މަސައްކަތްކުރާ ގޮތާބެހޭ ވަރަށް މުހިއްމު އިލްމީ ހޯދުންތަކެއް ހޯއްދަވައިފަ އެވެ. މެޑިސިންގެ ނޮބެލް އިނާމު އެތިން ބޭފުޅުންނަށް ލިބިވަޑައިގަތީ އެ އިލްމީ ހޯދުންތަކުގެ ޚާއްސަކަމާއި މުހިއްމުކަމުގެ ސަބަބުންނެވެ.

އެބޭފުޅުން ހޯދި ހޯދުންތަކުގެ ތެރޭގައި ހަށިގަނޑުގައިވާ ބައިލޮޖިކަލް ކްލޮކް އާއި ދުނިޔެ އޭގަ ޒާތުގައި އެނބުރޭ އެނބުރުމާއި އިރުގެ ވަށައިގެން އެނބުރޭ އެނބުރުމާ ހުރި ގުޅުންތަކުގެ އިތުރުން ޖަނަވާރުންގެ ހަށިތަކުގައިވާ ބައިލޮޖިކަލް ކްލޮކް އާއި ގަސްގަހާގެހީގެ ސެލްތަކުގައިވާ ބައިލޮޖިކަލް ކްލޮކް އާއި އިންސާނުންގެ ބައިލޮޖިކަލް ކްލޮކް އާ ދެމެދުގައިވާ ގުޅުންތަކާއި މިތިން ބައި ގުޅިގެން ކާއިނާތުތައް އެކުގައި މަސައްކަތް ކުރާގޮތުގެ ހޯދުންތަށް ވެސް ހިމެނެ އެވެ.

މީގެއިތުރުން އިންސާނުންނާއި ޖަނަވާރުންނާއި ގަސްގަހާގެހި އެތަކެތީގެ ބައިލޮޖިކަލް ކްލޮކް އާ އެއްގޮތަށް އެކާއިނާތްތައް ދިރިއުޅުމުގެ ކަންތައްތައް ބައްޓަން ކުރަމުން ދާގޮތާއި އެކާއިނާތްތަކުގެ ދިރިއުޅުމާއި ދުނިޔެ އެނބުރޭ އެނބުރުންތަކާ (އޭގެ ޒާތުގައި އެނބުރޭ އެނބުރުމާއި އިރުގެ ވަށައިގެން އެނބުރޭ އެނބުރުމާ) ދެމެދުގައިވާ ގުޅުންތައް ވެސް މިހޯދުންތަކުގައި ހިމެނެ އެވެ.

މި އިނާމުގެ މިންވަރަކީ ދޭއް ޕޮއިންޓް އެކެއް މިލިޔަން ޑޮލަރެވެ. އިމާނު ލިބުމުން މި ފައިސާ މިތިންބޭފުޅުންގެ މެދުގައި އެއްވަރަށް ބަހާލުމަށް ވަނީ ހަމަޖެހިފަ އެވެ. ނޮބެލް އިނާމަކީ 1901 ވަނަ އަހަރުން ފެށިގެން ސްވިޑްންގެ މުއައްސަސާއަކުންދޭ އިނާމެކެވެ. މެޑިސިންގެ އިތުރުން އެތަށް ބާވަތެއްގެ އިލްމަކަށް ނޮބެލް އިނާމު ދިނުން ހިމެނެ އެވެ.

ނޮބެލް އިނާމަކީ ސްވިޑްންގެ ސައެންސްވެރިއެއް ކަމަށް އެލްފްރެޑް ނޮބެލް ވަސިއްޔަތް ކުރެއްވި އިނާމެކެވެ. މިއިނާމު ދެނީ އޭނާގެ ނަމުގައި އުފައްދާފައިވާ މުއައްސަސާއަކުންނެވެ. އެލްފްރެޑް ނޮބެލް އަކީ ބާރުގަދަ ގޮވާއެއްޗެއްކަމަށްވާ ޑައިނަމިޓް އުފެއްދި ސައެންސް ވެރިޔާ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް