އަޅުކަންކުރާ މީހުން އަވިން ރައްކާތެރި ކުރުމަށް ހަރަމްފުޅު މަތީގައި ކަހާލެވޭ ބޮޑު ކުޑައެއް!

މައްކާގައި ހުންނަ މާތް ވެގެންވާ ކައުބަތުﷲ ގެފުޅު --

ސައުދީ އަރަބިޔާގެ މައްކާގައި ހުންނަ މާތް ވެގެންވާ ކައުބަތު ﷲ ގެފުޅަށް އަޅުކަމަށްދާ އެތައް މިލިއަން އަޅުވެރިން އަވިން ރައްކާތެރިކުރުމަށް، ބޮޑު ކުޑައެއް ހަދަން ހާއްސަ ޕްރޮޖެކްޓެއް ހިންގަން ނިންމާފައިވާ ކަމަށް ސައުދީ މީޑިއާތަކުން ބުނެފިއެވެ.

ހަރަމްފުޅުގެ ސެކިއުރިޓީ ކަންތައްތަކާ ހަވާލުވެގެން ހުންނަވާ ކޮމާންޑަރު މޭޖަރ ޖެނެރަލް މުހައްމަދު އަލް އަހްމަދީއާ ހަވާލާދީ އަލް އަރަބިޔާ ނޫހުން ބުނީ، ހަރަމްފުޅު މަތިން ހަދާ ކުޑައިގެ ޑިޒައިން މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އަދި އެ ޕްރޮޖެކްޓުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް މުހައްމަދު އަލް އަހްމަދީ ވިދާޅުވެފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.

މީޑިއާތަކުން ރިޕޯޓް ކުރަމުންދާ އެ ވާހަކައާއެކު އެ ޕްރޮޖެކްޓުގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ހަލުވިކަމާއެކު ދައުރު ވަމުންނެވެ.

ވީޑިއޯއިން ފެންނަ ގޮތުން ހަރަމްފުޅު މަތިން ކުޑައެއްގެ ގޮތުގައި ހަދަނީ ދެކޮޅަށް ކަހާލެވޭ ގޮތަށް ހަދާ ބޮޑު ސަތަރިގަނޑެއް ކަހަލަ އެއްޗެކެވެ. އަދި ހަމައެކަނި އަވި ވަންނަ ގޮތަށް ހުންނަނީ ހަރަމްފުޅު މަތިންނެވެ.

ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުންނެއް ހައްޖަށާއި އުމްރާއަށް ގޮސް ގަދަ ހޫނުގައި ހަރަމްފުޅު ތެރޭގައި އަޅުކަންކުރެއެވެ.

އަދި ކުރިއަށް އޮތް 10 އަހަރު ވެސް ހައްޖު މޫސުން ދިމާވަނީ އެންމެ ހޫނުގަދަވާ ދުވަސްވަރާ ކަމުން، ހައްޖުވެރިންނަށް ހޫނުގަދަވެ ސްޓްރޯކް ޖެހުން އިތުރު ވެދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ.

އަދި ހަރަމްފުޅު މަތިން ހަދަން ނިންމާފައިވާ ބޮޑު ކުޑައިގެ ސަބަބުން އެކަމަށް ލުޔެއް ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

comment ކޮމެންޓް