ފިތުނަ އުފައްދާ ކަމަށް ބުނެ ރިޔާޒް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފި

ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މާރުކޭޓް ސަރަހައްދުގައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށް ހަގީގަތާ ދެކޮޅު ވާހަކަތައް ދައްކައި ފުލުހުންގެ މުއައްސަސާ ބަދުނާމު ކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ މިއަދު މެންދުރު 2:00 ގަ އެވެ. އަދި އޭނާ ފުލުސް އޮފީހުގައި ހަތަރު ގަޑިއިރު ވަނީ ހޭދަކޮށްފަ އެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެފަދަ ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ގާނޫނު އުގޫބާތުގައި ބަޔާންކޮށްފައި ނުވާ ކުށްތައް ކަމަށް ވެސް ވިދާޅުވި އެވެ.

"ދޮގު ހަދައިގެން ހަގީގަތާ ހިލާފު ވާހަކަ ދައްކަނީއޭ ބުނާ އިރު މިއީ ގާނޫނުލް އުގޫބާތުގައި ނުވެސް ނެތް ކުށްތަކުގެ މައްޗަށް އަޅުގަނޑު މެންގެ މައްޗަށް ކުށް ކަމަށް ބަޔާން ކޮށް މައްސަލަތައް އުފުލައިގެން މިކަން ކަން މިކުރަނީ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒުގެ ގާނޫނީ ވަކީލް ނޫރުލްސަލާމް އަބޫބަކުރު ވިދާޅުވީ ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށް ހަގީގަތާ ދެކޮޅު ވާހަކަތައް ދެއްކުމުގެ ތުހުމަތު ރިޔާޒުގެ މައްޗަށް ކުރާއިރު އެ ތުހުމަތުތަކަށް ހަވާލާދީފައި ވަނީ ގާނޫނުލް އުގޫބާތުގެ 511، 513 ، 514 އަދި 533 އެ ހަތަރު މައްދާގައި ހިމެނޭ ހަތަރު އަކުރަކަށް ކަމަށެވެ. ނަމަވެސް ވަކީލު ވިދާޅުވީ އެއިން އެއްވެސް ވާހަކައެއްގައި ރިޔާޒަށް ތުހުމަތު ކުރާ އެއްވެސް ވާހަކައެއް އައިސްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ޖިނާއީ ކުށެއްކަމަށް ގާނޫނުލްއުގޫބާތުގައި ބަޔާން ވެފައި ނުވާ ކަމަކަށް ތަހުގީގު ހިންގިދާނެތޯ ސުވާލުކުރުމުން ފުލުހުންގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

ރިޔާޒް ފުލުސް އޮފީހަށް ހާޒިރުވެ ބަޔާން ދީފައިވާ އިރު ފުލުހުން ވަނީ މި ފަހުން އޭނާ ދިރިއުޅޭ އެޕާޓްމަންޓް ވެސް ބަލައި ފާސްކޮށްފަ އެވެ. އަދި އެ ފަހަރު ވަނީ އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ގިނަ އިރުތަކެއް ވަންދެން ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައި ބައިންދައިގެން ސުވާލު ވެސް ކޮށްފަ އެވެ.

އަދި މީގެ ކުރިން ރިޔާޒްގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ދައުވާ ސާބިތު ނުވާ ކަމަށް ނިންމާފައިވާ އިރު އޭނާ އަށް ވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީސް ސަރަހައްދުން ފުލުހުންގެ ސަފު ފަޅާލި ކަމަށް ތުހުމަތުކޮށް ދައުވާކޮށްފަ އެވެ.

comment ކޮމެންޓް