ސޭސްގައި ރާއްޖެއަށް ލިބުނު "ބެސްޓް ކަންޓްރީ" އެވޯޑް ރައީސްއަށް އަރުވައިފި

ސޭސްގައި ރާއްޖެއަށް ލިބުނު "ބެސްޓް ކަންޓްރީ" އެވޯޑް ރައީސްއަށް އަރުވަނީ --- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގައި ބޭއްވި ފުރަތަމަ ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގައި ރާއްޖޭގެ ވަފުދަށް ލިބުނު އެވޯޑް، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ.

އިންޑިއާގެ އިރުމަތީގައި އޮންނަ އޮޑިޝާގެ ވެރިރަށް ބުބަނޭޝްވަރުގައި މިދިޔަ މަހުގެ 17 އިން 20 އަށް ބޭއްވި އެ ސަމިޓުގައި 60 އަށްވުރެ ގިނަ ގައުމުން 500 އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވިއިރު، ރާއްޖޭން ސަމިޓުގައި 34 ޒުވާނަކު ބައިވެރިވި އެވެ. އަދި މުޅި ސަމިޓުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ގައުމުގެ އެވޯޑް ވަނީ ރާއްޖެއަށް ލިބިފައެވެ.

އެ އެވޯޑް ރައީސްއަށް އަރުވާފައި ވަނީ ސޭސްގައި ރާއްޖެ ތަމްސީލްކުރި ދިވެހި ވަފުދާ ބައްދަލުކުރުމަށް މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އެވޯޑް ރައީސްއަށް އެރުވީ ސޭސްގައި ދިވެހި ވަފުދު ބައިވެރިވި ރަފީ ޖަމިއްޔާގެ ފައުންޑަރ އަދި ރައީސާ އާއިޝަތު ރަފިއްޔާ އެވެ.

ބައްދަލުކުރެއްވުމުގައި މެޑަމް ފާތިމަތު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވިއިރު، ރައީސްގެ ދެކަނބަލުންނަށް ވަނީ ސޭސްގެ ރާއްޖޭގެ ރިޕޯޓާއި ވީޑިއޯ ރިޕޯޓެއް އަރުވާފައެވެ.

ސޭސްގައި ރާއްޖެ ތަމްސީލްކުރި ދިވެހި ވަފުދުގެ ބައެއް ބައިވެރިންނާއެކު ރައީސްގެ ދެ ކަނބަލުން ފޮޓޯއަކަށް ހުއްޓިވަޑައިގެން --- ފޮޓޯ/ ރައީސް އޮފީސް

ސޭސްގައި ރާއްޖެ ތަމްސީލްކުރި ވަފުދާ ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހި ވަފުދުން ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ އެ އެވޯޑަކީ ގައުމު ފަހުރުވެރިވާ އެވޯޑެއް ކަމަށް ވިދާޅުވިއެވެ.

އަދި އެވޯޑާއެކު ސޭސްގައި ބައިވެރިވި ޒުވާނުންގެ ބޮލުގައި ބޮޑު ޒިންމާއެއް އެޅިގެން ހިނގައްޖެ ކަމަށް ވިދާޅުވެ ރައީސް ވަނީ ދިވެހި ވަފުދުގެ ކޮންމެ ޒުވާނަކީ ވެސް މިއަދު ދިވެހި ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި އެމްބެސެޑަރެއް ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން ރާއްޖޭގެ ޒުވާނުންނަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ ޒުވާނުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސަރުކާރުން ކުރާ މަސައްކަތުގެ އިތުރުން ޒުވާނުން ބާރުވެރިކޮށް ކުރިއެރުވުމަށް އަމިއްލަ ޖަމިއްޔާތަކުންނާއި ފަރާތްތަކުން ހިންގާ ސެމިނާރުތަކާއި ސެޝަންތަށް މުހިއްމު ކަމަށް ވިދާޅުވިއެވެ.

އެފަދަ މަސައްކަތްތަކުގައި ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކުގެ އިތުރުން މެޑަމް ފާތިމަތު އިބްރާހިމްގެ ފަރާތުން ވެސް އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް