ރާއްޖެއައި ފަތުރުވެރީންގެ އަދަދު 5.9 ޕަސެންޓް އިތުރުވެއްޖެ

ކ. ހިންމަފޫށީގައި ދިވެހި ޒުވާނަކާ ފަތުރުވެރިޔެއް ރާޅާއަޅަން ދަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވޭތުވެ ދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު ރާއްޖޭއައި ޓޫރިސްޓުންގެ އަދަދު 5.9 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާ ގޮތުން ވޭތުވެ ދިޔަ އަހަރު އޮގަސްޓްމަހުގެ ނިޔަލަށް 842,635 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. އަދި މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 892,025 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު އެއީ 5.9 ޕަސެންޓްގެ ކުރިއެރުމެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކަކުރެއެވެ.

މި ދިޔަ ޖުލައި މަހާ އަޅައިބަލާއިރު އޮގަސްޓް މަހުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 7.1 ޕަސެންޓް އިތުރު ވެފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޔޫރަޕުންނެވެ. އެއީ ރާއްޖެ އައި ފަތުރުވެރިންގެ 46 ޕަސެންޓެވެ. އަދި އޮގަސްޓް މަހު އެކަނި ރާއްޖެ އައި ފަތުރުވެރީންނަށް ބަލާއިރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އޭޝިއާ ޕެސެފިކް ހިސާބުންނެވެ. އެއީ 49 ޕަސެންޓް ފަތުރުވެރިންނެވެ. އޭގެ ތެރެއިން 27.8 ހިއްސާ ކުރަނީ ޗައިނާގެ ފަތުރުވެރިންނެވެ.

މި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި 129 ރިސޯޓާއި 428 ގެސްޓްހައުސް އަދި 14 ހޮޓެލުގެ އިތުރުން 146 ސަފާރީގައި ހުރި އެނދުގެ އަދަދު ވަނީ 39،040 އަށް އަރައިފައެވެ.

ރާއްޖޭގެ ފަތުރުވެރިންކަން އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖެއިން ދަނީ ބޮޑެތި މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އިއްޔެ ވަނީ ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ރާއްޖެ ވަޑައިގެން ދިވެހި ސަރުކާރާއެކު މަޝްވަރާތަށް ކުރައްވާފައެވެ.

comment ކޮމެންޓް