ރިޔާޒް އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

4 ޖުލައި 2017 ވަނަ ދުވަހު މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހުރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ރިޔާޒް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިރޭ 20:00 އަށެވެ. އޭނާ އަށް ފޮނުވި ޗިޓްގައި ބުނެފައި ވަނީ، އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށް ހަގީގަތާ ދެކޮޅު ވާހަކަތައް ދައްކައި ފުލުހުންގެ މުއައްސަސާ ބަދުނާމް ކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އަބްދުﷲ ރިޔާޒަށް ގުޅި ނަމަވެސް ފޯނު ނުނަންގަވާތީ ވަނީ ޖަވާބެއް ލިބޭ ގޮތް ނުވެފަ އެވެ.

ރިޔާޒް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ އިރު ފުލުހުން ވަނީ މި ފަހުން އޭނާ ދިރިއުޅޭ އެޕާޓްމަންޓް ވެސް ބަލައި ފާސްކޮށްފަ އެވެ. އަދި އެ ފަހަރު ވަނީ އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ގިނަ އިރުތަކެއް ވަންދެން ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައި ބައިންދައިގެން ސުވާލު ވެސް ކޮށްފަ އެވެ.

އަދި މީގެ ކުރިން ރިޔާޒްގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ދައުވާ ސާބިތު ނުވާ ކަމަށް ނިންމާފައިވާ އިރު އޭނާ އަށްވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީސް ސަރަހައްދުން ފުލުހުންގެ ސަފު ފަޅާލި ކަމަށް ތުހުމަތުކޮށް ދައުވާ ކޮށްފަ އެވެ.

comment ކޮމެންޓް