ވޭތުވެ ދިޔަ ތިން އަހަރު 29 މަރު، 22 މަރުގެ ތަހުގީގު ނިންމައިފި

ރޭ މާލޭގައި މާރާމާރީ ހިންގި ސަރަހައްދުގައި، ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅިއެއް ވެއްޓިފައި-- ސަން ފޮޓޯ: މުޙައްމަދު އަފްރާހް

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 29 މަރުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 76 ޕަސެންޓް މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުން އެހެން ބުނެފައި ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފުލުހުންގެ ތަރުޖަމާނު ސުޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ޖުމުލަ 29 މަރު ހިނގާފައިވާ އިރު ވިސްނަން ޖެހެނީ ފުލުހުންގެ ކްލިއަރަންސް ރޭޓަށް ކަމަށެވެ. އެގޮތުން މިހާތަނަށް 22 މައްސަލައެއް ބަލައި ނިންމައި ޕޖީ އޮފީހަށް ފޮނުވާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ކުރި އެރުމެއް ކަމަށެވެ.

"ތިން އަހަރުގެ ތެރޭގައި އަދަދު އަދި 29 އަށް އެރި ކަމުގައިވީ ނަމަވެސް 22 މައްސަލަ އަޅުގަނޑުމެން މަސައްކަތް ކުރި ކުރުމަކީ 76 ފަސަންޓަށް ބަލާއިރު ވަރަށް ބައިވަރު މަސައްކަތް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ މަރުގެ މައްސަލަތައް ތަހުގީގު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ގާނޫނީ ގޮންޖެހުންތަކާއި މި ވެށީގެ ގޮތުން ވެސް އެފަދަ މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހުން ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މަރުގެ މައްސަލަތަކާ ގުޅޭ ގޮތުން ފުލުހުން ހޯދާފައިވާ ކުރިއެރުންތަކާއި ތަހުގީގު ނިމިފައިވާ ރޭޓަކީ ބޮޑު ކުރި އެރުމެއް ކަމަށް ޝިފާން ވިދާޅުވި އެވެ.

މާރާމާރީ އާއި ބޮޑެތި ކުށްތަކަށް އަރައިގަތުން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަމުންގެންދާ ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އިރު މުޖުތައުމައުއަށް ނުރައްކާތެރި ކަމަށް ބެލެވޭތީ، ޓެގު އަޅުވައިގެން މޮނީޓާ ކުރަން ޖެހޭ 16 މީހެއްގެ މައްޗަށް މޮނިކޮން އަމުނު ނެރެ ދިނުމަށާއި އެ މީހުންގެ ގައިގައި ޓެގު އެޅުވުމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދަށް ފުލުހުން ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް