ނަދީމްގެ ގާތިލުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި: ފުލުހުން

ޒަހަމްވި ޒުވާނާ، ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 23: އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނޭ--- ފޮޓޯ/ ފޭސްބުކް

ކެފޭއެއްގެ ތެރޭގައި ވަޅިން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، މަރާލި މައްސަލާގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.

ނަޑޭގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޖާ ކްރައިމް މެނޭޖްމަންޓް ސެންޓަރުގެ ސީނިއާ އިންވެސްޓިގޭޓިން އޮފިސަރު ޗީފް ސްޓޭޝަން އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށާއި އަދި އެ މީހުންގެ މައްސަލަ މިހާރު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ތެރެއިން އެކެއްގެ މައްޗަށް ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ ކޮށްފައިވާރު ދެން ތިބި މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ ކަމަށެވެ.

މޭޖާ ކްރައިމް މެނޭޖްމަންޓް ސެންޓަރުގެސީނިއާ އިންވެސްޓިގޭޓިން އޮފިސަރު ޗީފް ސްޓޭޝަން އިންސްޕެކްޓަރު މުހައްމަދު ސާމިހު--ސަން ފޮޓޯ/ ފަޔާޒް މޫސާ

"ހަތަރު މީހެއްގެ މައްޗަށް ޝަރީއަތުން ގޮތެއް ކަނޑައެޅުމަށް މިހާރު ވަނީ ޕީޖީ އޮފީހަށް މި މައްސަލަ ފޮނުވި އަދި އަޅުގަނޑު ހިތުން މި މަހުގެ 20 ވަނަ ދުވަހު ޝަރީއަތައް ވެސް ހުށައެޅިފައި. މި މީހުންގެ މައްޗަށް އެކަށީގެންވާ ހެކި ގަރީނާ ހުރި ކަން ފާހަގަ ކުރަން،" ސަމީހު ވިދާޅުވިއެވެ.

ސަމީހު ވިދާޅުވީ ޝަރީއަތައް މައްސަލަ ހުށައާޅާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ސާމިހާއި ލ. ގަމު ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒުގެ އިތުރުން ކުޑަ ކުއްޖެއްގެ މައްސަލައެވެ.

ނަޑޭގެ މަރުގެ މައްސަލާއިގައި ހިމެނޭ ރ. އިންނަމާދޫ ސަމަންތާ، ހުސައިން ސާމިން--ސަން ފޮޓޯ/ފަޔާޒް މޫސާ

ސަމީހު ވިދާޅުވީ މި މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށް 60 ގަޑިއިރަށް ވުރެ ގިނަ ވަގުތުގެ ވީޑިއޯ ރެކޯޑިންގ އެނަލިސިސް ކުރެވިފައިވާ ކަމަށެވެ. އަދި އެ މާރާމާރީ އަކީވެސް މީގެ ކުރިން މާލޭގައި ހިންގާފައިވާ ސިލްސިލާ މާރާމާރީތަކާއި ގުޅުންހުރި މައްސަލައެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ނަދީމަށް ހަމަލާ ދިނުމަށް ދެ މީހަކު ކެފޭގެ ތެރެއަށް ވަދެފައިވާ ކަމަށާއި އެ މީހުން އެތަނަށް ވަނީ ކުރިއާލާ ރާވައިގެން ސީދާ ނަދީމް އިނީ އެ ކެފޭގެ ތެރޭގައި ކަން ޔަގީން ކުރުމަށް ފަހުގައި ކަމަށެވެ. އަދި ނަދީމަށް ހަމަލާދީފައި ވަނީ ބަދިގެ ތެރޭގައި ގެންގުޅޭ ޒާތުގެ ވަޅިއެއް ކަމަށާއި ނަދީމުގެ ބޮލަށް ޖަހާފައި އިން ވަޅި ނައްޓާލީ އެވަގުތު އެތާ ހުރި މީހެއް ކަމަށެވެ.

ނަޑޭގެ މަރުގެ މައްސަލާއިގައި ހިމެނޭ ގަމު ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒުގެ--ސަން ފޮޓޯ/ފަޔާޒް މޫސާ

ނަދީމަށް ހަމަލާދީފައި ވަނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ ލޮނުޒިޔާރަތް މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ކޮފީ ބޯން އިންދަ އެވެ. އޭނާ މަރުވީ ޖެހިގެން އައި ދުވަހު އޭނާގެ ބޮލަށް ލިބުނު ޒަހަމް ތަކަށް ފަރުވާ ދެމުން ދަނިކޮށް އޭޑީކޭގައެވެ.

comment ކޮމެންޓް